ކައިވެނިކޮށް ރާކީގެ ނަން ފާތިމާއަށް ބަދަލުކޮށްފައިވާކަމަށް ބުނެފި
އިންޑިޔާގެ އެންމެ ޑްރާމާ ބޮޑު ފަންނާނު ކަމުގައި މަޝްހޫރު ރާކީ ސާވަންތު މުސްލިމަކާއި ކައިވެނިކޮށް ނަން ފާތިމާއަށް ބަދަލުކޮށްފައިވާކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫހެއްކަމުގައިވާ ބޮލީވުޑް ލައިފްގައި ރިޕޯޓްކޮށްފައިވާގޮތުން ރާކީގެ ދުވަސްވީ ލޯބިވެރިޔާ އާދިލް ދުރާނީ އާއި އޭނާ ކައިވެނިކޮށްފައިވަނީ މިދިޔަ ޖުލައިމަހުއެވެ. ރާކީ ވަނީ ކައިވެނި ރެޖިސްޓްރާ އޮފީހު ކުރިމަތީގައި އޭނާގެ ފިރިމީހާއާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާއި އޭނާ ކައިވެނިކޮށްފައިވާކަމަށް ބުނެފައެވެ. މިފޮޓޯގައި އޭނާ ހުރީ ކައިވެނީގެ ސެޓުފިކެޓުވެސް ހިފައިގެންނެވެ.
ކައިވެންޏާއެކު އޭނާގެ ނަން ފާތިމާއަށް ބަދަލުކޮށްފައިވާކަމަށް ބުނެފައިވާނަމަވެސް އެކަމާއި ބެހޭގޮތުން އޭނާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި އޭނާގެ މިކަމާއި ގުޅިގެން ސުވާލުކުރުމުން ރާކީގެ ބޭބެ ރާކޭޝް ބުނީ އެކަން އޭނާއަށް އެނގިފައިނުވާކަމަށެވެ.
"އަހަރެންނަކަށް ތިކަން އެނގިފައެއް ނުވޭ. އެހެންނޫނަސް އެއީ އެދެމަފިރިންގެ އަމިއްލަ ކަމެއް. ރާކީ ކުރާ ކޮންމެ ކަމެއްވެސް ކުރާނީ ވަރަށް ވިސްނާފައި" ރާކޭޝް ބުންޏެވެ.
ރާކީގެ ކައިވެނީގެ ވާހަކަތަކަކީ އިރުއިރުކޮޅާ މީޑިއާއަށް ތިލަވާ ވާހަކައެކެވެ. އެހެންނަމަވެސް މިފަހަރުގެ އޭނާ ކައިވެނީގެ ސެޓުފިކެޓުވެސް ވަނީ އާއްމުކޮށް ދައްކާލާފައެވެ.