އެހެން މީހަކު ސޯނަމް ފައިވާން ލައްވައިދިނުމުން ސަޕޯޓަރުން ރުޅި އައިސްފި
ބޮލީވުޑް ތަރި ސޯނަމް ކަޕޫރު ޔޯގާ ކްލާހަށް ފަހު ނިކުމެ އެހެން މީހެއް ލައްވައި ފައިވާނަށް އެރުވުމުން ސަޕޯޓަރުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ސޯނަމް އާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާއަށް ފުރަތަމަ ދަރިއަކު ލިބުނީ މިދިޔަ 2022 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން ފިލްމީ މަސައްކަތެއް ނުކޮށް ހުރުމަށްފަހު ސޯނަމް މިހާރު ދަނީ މަސައްކަތަށް ނިކުތުމަށް ބަރުދަން ލުއި ކުރަމުންނެވެ. އެގޮތުން ގަވާއިދުން ޔޯގާ ކްލާސްތަކަށް ސޯނަމް ހާޒިރުވެއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ ޔޯގާ ކްލާހަށްފަހު ސޯނަމް ނިކުންނަ މަންޒަރެވެ. އަދި ސޯނަމް ނިކުތުމުން އެހެން މީހަކު އޭނާ ފައިވާނަށް އަރުވައިދޭ މަންޒަރު ފެނެއެވެ. މިއާއެކު ސަޕޯޓަރުން ވަނީ ރުޅިގަދަ ވެފައެވެ.
ބޮލީވުޑްގެ ބައެއް ތަރިން ނޯކަރުންގެ ގޮތުގައި މީހުން ގެންގުޅެ ކުދި ކުދި ކަންކަން އެމީހުން ލައްވައި ކުރުވާތީ އިންޑިއާ އާންމުންނަށް ކަމަކު ނުދެއެވެ. ކުރީގައި މިއީ މާބޮޑު މައްސަލައަކަށް ނުވިޔަސް މިހާރު އެކަމާ އާންމުން ރުޅިގަދަ ވެއެވެ.
މިވީޑީއޯއަށް އާންމުންގެ ނުރުހުން އަމާޒުވުމުން ސޯޝަލް މީޑިއާއިން އެވީޑިއޯ މިހާރު ވަނީ ޑިލީޓުކޮށްލައިފައެވެ. އެއަށްފަހު ސޯނަމްގެ ރަހުމަތްތެރިއެއްކަމަށްވާ ނޫސްވެރިޔާ ޖެނިސް ސީކުއެއިރާ ބުނީ ވިހެއުމަށްފަހު ސޯނަމްގެ ބުރަކަށީގައި މައްސަލައެއް އުޅޭތީ އޭނާއަށް ތިރިވެ ނޫޅެވޭ ކަމަށެވެ. އެހެން މީހަކު ފައިވާނަން އަރުވައިދިނީ އެހެންވެގެން ކަމަށްވެސް އޭނާ ބުންޏެވެ.
ވިހެއުމަށްފަހު ސޯނަމްގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވިއެވެ. އެހެންނަމަވެސް މިހާރު އޭނާ ވަނީ ބަރުދަން ލުއިކޮށްފައެވެ. ކުރިއަށް އޮތް ދެ ތިން މަސް ދުވަހެއްގެ ތެރޭގައި ސޯނަމްގެ ބަރުދަން ކުރިން ހުރިވަރަށް ލުއިކޮށް ބޮލީވުޑް މަސައްކަތަށް ނިކުންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
ސޯނަމްގެ ފިރިމީހާ އާނަންދު އަހޫޖާ އަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. އޭނާއަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް ވިޔަފާރި ކުރާ މުއްސަންޖެކެވެ.