ބޮލީވުޑް މުނިފޫހިފިލުވުން

އިވުމުން މަހުރޫމުވެފައިވާ މީހުންނަށްވެސް ބެލޭނެހެން ޕަތާން ރިލީޒްކުރަން ކޯޓުން އަމުރުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފިލްމު ޕަތާންގެ ޕޯސްޓަރެއް

އަޑު އިވުމުން މަހުރޫމުވެފައިވާ ފަރާތްތަކަށްވެސް ބެލޭނެހެން ހިންދީ ސަބްޓައިޓަލް އާއިއެކު "ޕަތާން" ރިލީޒް ކުރަން ދިއްލީ ހައި ކޯޓުން އަމުރުކޮށްފިއެވެ.

Ads by MWSC

ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ "ޕަތާން" ސިނަމާގައި އެޅުވުމަށްފަހު އޯޓީޓީ ޕްލެޓްފޯމުގައި ސްޓްރީމް ކުރަން ފަށާއިރު އިވުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ބެލޭނެހެން ހިންދީ ބަހުން ސަބް ޓައިޓަލް ކުރަންޖެހޭނެ ކަމަށެވެ. އަދި ލޯފަން މީހުންނަށް ފިލްމުގައި ވާނުވާ އިނގޭނެހެން ހިންދީ ބަހުން އޯޑިއޯ ކެޕްޝަން ކުރަންޖެހޭނެ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

މިމަހު 25 ގައި ރިލީޒް ކުރަން ނިންމާފައިވާ "ޕަތާން" ސިނަމާގައި އެޅުވުމަށްފަހު ސްޓްރީމް ކުރާނީ އެމޭޒަން ޕްރައިމް އިންނެވެ. ސީދާ ތާރީހެއް އަދި އިއުލާން ނުކުރެއެވެ.

ޝާހުރުކް ހާން، ދިޕިކާ ޕަދުކޯން އަދި ޖޯން އަބްރަހަމް ލީޑް ރޯލުން ފެނިގެންދާ "ޕަތާން" އަކީ 250 ކްރޯރް ރުޕީސްގެ ބަޖެޓެއްގައި އުފެއްދި ފިލްމެކެވެ. މިއީ މިއަހަރުގެ އެންމެ ވަރުގަދަ އެއް ފިލްމަށް ވާނެކަމަށް ބެލެވެއެވެ.

"ޔަޝް ރާޖް ފިލްމްސް" ގެ ކުޑައިގެ ދަށުން އުފައްދާފައިވާ މި ފިލްމު ޑައިރެކްޓު ކުރީ ސިއްދާތު އާނަންދެވެ. މިޔުޒިކް ކޮމްޕޯޒް ކުރީ ވިޝާލް ދަދްލާނީ އާއި ޝޭކަރް ރާވްޖިއާނީއެވެ.

"ޕަތާން" ގައި ހާއްސަ ފެނިލުމަކުން ސަލްމާން ހާންވެސް ފެންނާނެއެވެ. މިއީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއަށް އިތުރުވާ ބޮޅެކެވެ. މީގެ ކުރިން ސްޕައި ޔުނިވާސްގެ ތިން ފިލްމެއް އެޕްރޮޑަކްޝަން ހައުސްއިން ވަނީ ގެނަސްދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!