ކީރިތި ޤުރުއާން އަންދައިލާން ހުއްދަ ދިނުމާ ދެކޮޅަށް އަޑު އުފުލުމަށް ސަރުކާރަށް ގޮވައިލައިފި
ކީރިތި ޤުރުއާން އަންދައިލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި އެކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ގޮވާލައިފިއެވެ.
ސްވިޑްންގައި ހަރުކަށި ފިކުރުގެ ސިޔާސީ ފަރާތްތަކުން އިއްޔެ ވަނީ އެ ޤައުމުގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކައިރީގައި އެއްވުމެއް ބާއްވައި، އެ އެއްވުމުގެ ތެރެއިން ކީރިތި ޤުރުއާން ލިޔެފައިވާ މުސްޙަފްތަކެއް އަންދައި ތުރުކީއާ ދެކޮޅަށް އަޑު އުފުލައިފައެވެ.
އިދިކޮޅު ކޯލިޝަަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެކަން ހަރުކަށިކޮށް ކުށްވެރިކޮށް، މުސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ ލާދީނީ އަދި ލާއިންސާނީ ހަރަކާތްތަކަކީ އެއްގޮތަކަށް ވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ބުނެފައެވެ.
އަދި މިކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ހިނގައިދާނޭ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޯލިޝަނުގެ ބަޔާނުގައި ވަނީ ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ ޢަމަލުތަކުން ދުރުވުމަށް އެންމެހާ ޤައުމުތަކަށް ގޮވައިލައިފައެވެ. އަދި މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި އެކަމާ ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ވެސް ގޮވައިލާފައެވެ.
އެމްޑީޕީން ޕޮލިސް ސްޓޭޝަންތަކާ ކޯޓްތައް އަންދާލި ދުވަހު ކީރިތިޤުރްއާންގެ ކިތައް މުޞްޙަފް އަނދާ އަޅިއައްވެގެން ދިޔަތޯ.އެއީ ތިޔަބޭފުޅުން[އމޑޕ]ޤަސްދުގަކުރި ބޮޑުވެގެންވާ ފާފައެއް…މިއަދު މަކަރުހަދަންތިބޭ’ ﷲބައްލަވާވޮޑިގެންވޭ.