މިދައުރު ނިމެންވާއިރަށް މާލޭ ރައްޔިތުންނަށް ގޯތި ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވާ ވިދާޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުން އަލީ އާޒިމް ވިދާޅުވީ ވެރިކަން ލިބުމާއެކު ބެލީ ކައިރި ތިބި މީހުން އެކިއެކި ގޮތްގޮތުން ރުއްސައިގެން 2 ވަނަ ޓާރމެއް ދޭށޭ އެމީހުން ލައްވާ ބުނުވަންކަމަށެވެ.
"ދެންކިހިނެތް މާލޭ ރައްޔިތުންނަށް ގޯތިދޭނީ. ރައްޔިތުން ހަމަ އެދަތިކަމުގައި 1 ކޮޓަރީގައި 7 ކުދިންގޮވައިގެން އަނެއް 5 އަހަރު އެނިންމާލަނީ. ވެރިކަން ލިބުމާއެކު ބެލީ ކާރިތިބި މީހުން އެކިއެކި ގޮތްގޮތުން ރުއްސައިގެން 2 ވަނަ ޓާރމެއް ދޭށޭ އެމީހުން ލައްވާ ބުނުވަން" އަލީ އާޒިމް ވިދާޅުވިއެވެ.
އަލީ އާޒިމް މިހެން ވިދާޅުވީ ޅ. ހިންނަވަރުގައި ރައީސް ނަޝީދު ވެރިކަމުގައި 7 ދުވަހުން ހިއްކި ބޮޑު ބިން، އެއްވެސް ބޭނުމެއް ނުކުރެވި މިހާދުވަސް ވުމަކީ ފުކެއް ބޮޑުވަރުކަމަށް ވިދާޅުވެ ވައްޑޭ ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
ބޯހިޔާވަހި ކަމުގެ ސިޔާސަތަކީ މިސަރުކާރުގެ އެންމެ ބޮޑު ވައުދަށްވާއިރު ސަރުކާރުގެ ދައުރު ހަމަވަމުން ދާއިރުވެސް ބޯހިޔާވަހި ކަމުގެ އެއްވެސް މަޝްރޫއެއް ހިންގާފައިނުވާކަމަށް ބުނެ އިދިކޮޅުން ދަނީ ސަރުކާރަށް ފާޑުކިޔަމުން ކަން ފާހަގަކޮށްލެވެއެވެ.
އެހެންނަމަވެސް ރިޔާސީ ދައުރެއްގެ ތެރޭގައި މާލޭގައި ފްލެޓްތަކުގެ މަސައްކަތް ބިންގަލުން ފެށިގެން ފްލެޓްތަކުގެ ފިނިޝިންއާ ހަމައަށް ނިންމަވާ، ތަޅުދަނޑި ހަވާލު ކުރައްވާނެ ވެރިޔަކީ އެމަނިކުފާނުކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިގޮތުން މާލެ ސަރަހައްދުގައި މިސަރުކާރުން އަޅާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގައި އެމަނިކުފާނުގެ މި ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅެން ފަށާނެކަމަށް ރައީސްވަނީ ފާހަގަކުރައްވާފައެވެ.
ގިރާވަރު ފަޅު ހިއްކާފަ ގޯތި ދޭނީ ފޮށާ ދަށުން