ޚަބަރު

ރައީސް ޞާލިހު އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ބުނާ މައްސަލައިގައި އޭސީސީއާ ސުވާލުކޮށްފި

އަޒްހާން އިބްރާޙީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނެންގެވިކަމަށް ބުނާ މައްސަލައާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ސުވާލުކޮށްފިއެވެ.

ރައީސް ޞާލިހުގެ ހިޔާނާތުގެ މައްސަލައެއް ބަލަމުން ނުދަނީ ކީއްވެތޯ އޭސީސީއާއި ސުވާލު ކުރީ އިދިކޮޅު ޕީޕީއެމްއިން އިއްޔެ އޭސީސީގެ މެމްބަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު އަދި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް މިކަމުގެ ތަފްސީލު ދެއްވަމުން ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ޝާމިލުވާ ގިނަ ބައެއްގެ މައްސަލަތައް އޭސީސީން ކުރިއަށް ނުގެންދާތީ އެކަމާއި ގުޅޭގޮތުން ސުވާލު ކުރެއްވި ކަމަށެވެ.

 

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

 

ޚާއްސަކޮށް ރައީސް ޞާލިހު ގިނަ އަދަދެއްގެ ހިޔާނާތުގެ ފައިސާ ނެންގެވިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ތަހުގީގުތައް ކުރިއަށް ނުގެންދަނީ ކީއްވެތޯ ސުވާލު ކުރެއްވިކަމަށް ޝިޔާމް ވިދާޅުވިއެވެ. ޖަވާބުގައި އޭސީސީން ބުނީ ވަރަށް ގިނަ މައްސަލަތައް އޭސީސީން ބަލަމުން ދާކަމަށާއި އެހެންނަމަވެސް ތަހުގީގު ކުރިއަށްދާ މައްސަލަތަކުގެ ތަފްސީލު ކޮމިޝަނުން އާންމު ނުކުރާނެކަމުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެންނެވިން އެކަމަކު ސުބުހާނަﷲ މި ސަރުކާރަށް 4 އަހަރު ވެގެން ދިޔައިރުގަ ސޯލިހު އެހާ ބައިވަރު ފައިސާ، އެމްއެމްޕީއާރުސީގެ ފައިސާގަ ޖެހިފަ އޮތްއިރު ކީއްވެގެންތޯއޭ ތިއުޅެނީ ސޯލިހު އޭސީސީއަށް ހާޒިރުކޮށްލަންވެސް ނުކެރިގެން" ޝިޔާމް ވިދާޅުވި އެވެ.

އޭސީސީއާއިއެކު ބޭއްވި ބައްދަލުވުމުގައި މިސަރުކާރުން ހިންގި ވެންޓިލޭޓަރު ވައްކަމާއި ގުޅޭގޮތުންވެސް ސުވާލު ކުރެއްވި ކަމަށް ޝިޔާމް ވިދާޅުވި އެވެ. މީގެ އިތުރުން އެމްޑީޕީގެ އިންތިހާބުތަކާއި ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ މައްސަލައިގައިވެސް އޭސީސީއާއި ސުވާލު ކުރިކަމަށާއި އެހެންނަމަވެސް އެކަމަށް އެދެވޭ ޖަވާބެއް އެކޮމިޝަނުން ނުދޭކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މީހަކު މައްސަލަ ހުށަހަޅަންދެން އޭސީސީން މަޑުކުރަން ނުޖެހޭނެ ކަމަށާއި ދައުލަތުގެ މާލިއްޔާއިން ފައިސާ ގެއްލޭއިރު ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެންވެސް މައްސަލަ ބަލަން ގާނޫނުން ލާޒިމް ކުރާކަމަށް ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ސިފަކުރެއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބެލުމުގެ ނަމުގައި ސަރުކާރުން އުޅެނީ ރައީސް ޔާމީން ޖަލަށް ލާފައި ބަހައްޓަން ކަމަށެވެ.

  1. ޚިޔާނާތް

    އާއެކޭ ހަމަ ޚިޔާނާތެއް ވިއްޔާ އިބުރާހިމަކަސް ސޯލިހަކަސް ހަމަ ބަލަނ ޖެހޭނެ،
    ހަމައެކަނި ރޔާމީން ޖަލަށް ލާން މާސިންގާ ދޮގު ސަރީއަތާ ދޮގު ހެއްކާ ހަރާން ހުކުމް ކޮށްގެން ނުހުރެވޭނެ.