ބޮލީވުޑް މުނިފޫހިފިލުވުން

ޕްރަބާސް އާއި ރިތިކު އެއް ފިލްމަކުން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރިތިކު ރޯޝަން އާއި ޕްރަބާސް އެއް ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑު

ބޮލީވުޑް އެކްޓަރު ރިތިކު ރޯޝަން އާއި ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އެއް ފިލްމަކުން ފެނިދާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

Ads by STELCO

މިދެތަރިން އެއްކޮށް ފެންނާނީ މައިތުރި މޫވީ މޭކާސް ކުންފުނިން އުފައްދައި ސިއްދާތު އާނަންދު ޑައިރެކްޓު ކުރާ ފިލްމަކުންނެވެ. ސިއްދާތަކީ މިއަދު ރިލީޒް ކުރާ "ޕަތާން" ގެ ޑައިރެކްޓަރެވެ.

މިހާތަނަށް ކަށަވަރު ވެފައިވާ ގޮތުގައި ޕްރަބާސް ވަނީ ފިލްމަށް ސޮއިކޮށްފައެވެ. އެހެންނަމަވެސް ރިތިކު ސޮއިކުރިކަން މުޅިން ކަށަވަރެއް ނުވެއެވެ.

މި ދެތަރިންނަކީވެސް ބޮޑު ފޭން ބޭސްއެއް އޮތް ދެ ތަރިންނެވެ. އެހެންކަމުން ދެތަރިން އެކީގައި ފިލްމަކުން ފެނިގެން ގޮސްފިނަމަ މިއީ ވަރަށް ކާމިޔާބު ފިލްމަކަށް ވުން އެކަށީގެންވެއެވެ.

ފިލްމުގެ އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ކާކުކަންވެސް އަދި ކަށަވަރެއް ނޫނެވެ.

ޕްރަބާސް ބޮޑު މަގުބޫލުކަމެއް ހޯދީ މަލްޓި ލޭންގުއޭޖު ފިލްމު "ބާހޫބަލީ" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ ހިންދީ ފިލްމެއްވެސް ކުޅެފައެވެ. "ސާހޯ" ނަމަކަށް ކިޔާ އެފިލްމުން ޕްރަބާސް ފެނިގެން ދިޔައީ ބަތަލާ ޝްރައްދާ ކަޕޫރާއިއެކުއެވެ.

ރިތިކު އެންމެ ފަހުން ފެނުނީ ސައިފް އަލީ ހާންއާއިއެކު ވިކްރަމް ވޭދާ އިންނެވެ. މިއީ ތަމަޅަ ފިލްމެއްގެ ރީމޭކެކެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ބަތަލާ ދިޕިކާ ޕަދުކޯން އާއިއެކު ފިލްމު "ފައިޓާ" އިންނެވެ.

އަނެއްކޮޅުން ޕްރަބާސް ދެން އެންމެ އަވަހަށް ފެންނާނީ ކްރިތީ ސެނަން އަދި ސައިފް އަލީ ހާންއާއިއެކު "އަދިޕުރުޝް" އިންނެވެ. އަދި ނަން ނުދޭ "ޕްރޮޖެކްޓް ކޭ" އިންވެސް ޕްރަބާސް ފެންނާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!