ގަދަ އަލީގައި ކެއުމަކީ ހިކެން އެހީއަކަށް ވެދާނެ
ހިކެން މަސައްކަތްކުރާ މީހުންނަށް ހޮޓާ، ރެސްޓޯރަންޓްތަކުން ކެއުން ވެސް ވަނީ ބިރުވެރި ކަމަކަށެވެ. އެއީ އެ ތަންތަނަށް ގޮސް ކާ ނަމަ ޑައެޓް ޕްލޭނަށް އަމަލުކުރަން ދަތިވާތީ އެވެ.
ކެލޮރީޒްތަކުން ފުރިފައިވާ މީރު ކެއުންތައް، އެހާމެ ކާހިތްވާ ޒާތުގެ ފޮނިކާއެއްޗެހި އަދި ހަމަ އެހާ މީރު ބުއިންތައް ހުންނައިރު ރެސްޓޯރަންޓަކަށް ވަދެފައި އިންސާފުކޮށް ނުލާ ދޫކޮށްލެވޭ ވަރުގެ އެއްޗަކަށް ނުވެ އެވެ.
ނަމަވެސް ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ކެއުން ހަމަ މަގަށް އަޅުވާލާފައި ބަހައްޓައިގެން ވެސް ރެސްޓޯރަންޓް ފަދަ ތަންތަނުން ކެވިދާނެ އުކުޅެއް އެބައޮތެވެ. އެ އުކުޅަކީ ދިއްލާ އަލިކޮށްފައި ހުންނަ ރެސްޓޯރަންޓްތަކަށް ކާން ދިއުމެވެ.
ކާން ތިބޭއިރު ރެސްޓޯރެންޓްގައި ހުންނަ އަލިތައް ފަނޑުވުމަކީ މާހައުލުގެ ރޮމެންޓިކްކަން އިތުރުވާ ކަމެއް ކަމަށް ގިނަ މީހުން ގަބޫލު ކުރެ އެވެ. އަދި ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އަލި މަޑުވުމުން ކެވޭ މިންވަރުވެސް ދަށްވެ އެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކަނީ ރެސްޓޯރެންޓްތަކުގެ އަލި މަޑުވުމުން، ހަށިގަނޑަށް ފައިދާ ނުކުރާ ޒާތުގެ ކެއުންތައް މާގިނައިން ކެވޭ ކަމަށެވެ. ގަދަޔަށް ދިއްލާފައި ހުންނަ ރެސްޓޯރަންޓްތަކުން ކާއިރު ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް މީހުންނަށް މާބޮޑަށް ސަމާލުވެވޭ ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ގަދަޔަށް ދިއްލާފައި ހުންނަ ރެސްޓޯރަންޓްތަކަށް ގޮސް އޯޑަރު ކުރާ މީހުން އޯޑަރު ކުރާ އެއްޗިއްސަށް ވުރެ އަލި ފަނޑުކޮށްފައި ހުންނަ ރެސްޓޯރަންޓްތަކަށް ގޮސް ކާއެއްޗިއްސަށް އޯޑަރު ކުރާ މީހުން ސިއްހަތަށް ފައިދާއެއް ނުކުރާ ތަކެތި އޯޑަރުކުރާ މިންވަރު 16 ޕަސެންޓާއި 24 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އިތުރެވެ.
ސައިންސްވެރިން މި ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި މިހެން ދިމާވަނީ ގަދަޔަށް ދިއްލާފައި ހުންނަ ރެސްޓޯރަންޓްތަކުން ކާ މީހުން މާ ބޮޑަށް އެލާޓްވެފައި ތިބޭތީ ކަމަށެވެ.