ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މިއަދަށް ތާވަލު ކޮށްފިއެވެ.
މިއަދު މެންދުރު ފަހު 13:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ މި އަޑުއެހުމަކީ ކުރީގެ ރައީސް ޔާމީންއާއި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެކެވެ. މިމައްސަލައިގައިވެސް ރައީސް ޔާމީންގެ މައްޗައް ކުރަނީ މަނީ ލޯންޑްރިން އަދި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައިގެ މައްސަލަގައި މަނީ ލޯންޑާކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އިއްވައިފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް އަންނަ ހަފްތާގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް މި ހަފްތާގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ މިމަހުގެ 20 ވަނަ ދުވަހު ވިދާޅުވެފައެވެ.