ޚަބަރު ސިޔާސީ

ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފިން: ނާޒިމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް

ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީން ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓުކަމުގެ ޓިކެޓް ލިބިވަޑައިގެން ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ކާނަލް ނާޒިމް މިކަން ހާމަކުރައްވާފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ދާދި ފަހުން ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ގިނަ މަޝްރޫއުތަކެއް މާލެއާއި އަތޮޅު ތެރޭގައި އިއުލާނުކޮށްފައިވަނިކޮށެވެ.

"އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒު ސަރުކާރުން ތަކުރާރުކޮށް ވައްދާތީ އެކަން ބަންދުކުރުމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމައިފިން" ނާޒިމް ވިދާޅުވިއެވެ.

ކޮންމެ އިންތިހާބަކާއި ދިމާކޮށް ސަރުކާރުން އެކި މަޝްރޫއުތައް އިއުލާނުކޮށް އިންތިހާބަށް ނުފޫޒުފޯރުވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން އަންނަ އިރު ދާދި ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް އިއުލާނުކުރި ބައެއް ޕްރޮޖެކްޓްތައް ފަހުން ކެންސަލް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އަދި އިއުލާނު ކުރި ބައެއް ޕްރޮޖެކްޓް ތަކަކީ އެއްވެސް އަދި އެއްވެސް ވަރަކަށް ފެށިފައި ނުވާ މަޝްރޫއުތަކެއް ކަމުން މި ޕްރޮޖެކްޓްތައް ހިނގޭނެ ކަމާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!