ކުޑައިރު އަތުލިޔުމުން މަންމައަށް އަރްޖުން ލިޔުނު ސިޓީ، އެންމެން ރޮއްވާލައިފި
ބޮލީވުޑްގެ ކާމިޔާބު ތަރި އަރްޖުން ކަޕޫރު އޭނާ ކުޑައިރު މަންމައަށް އަތު ލިޔުމުން ލިޔުނު ސިޓީ އާއްމުކޮށް ދައްކާލުމާއެކު އޭނާގެ ފޭނުންނަށް ވަރަށް އަސަރުކޮށްފައިވާކަމަށާއި ގިނަބަޔަކަށް ވަނީ ރޮވިފައިކަމަށް ރިޕޯޓްތައް ބުނެފިއެވެ.
2012 ވަނަ އަހަރު މަރުވެފައިވާ މޯނާ އަށް އަރްޖުން ލިޔެފައިވާ ސިޓީ އާއްމުކޮށްފައިވަނީ މަންމަގެ އުފަން ދުވަހު މަންމަގެ ހަނދާން އާކުރަމުންނެވެ. އަރްޖުންގެ މަންމަ މަރުވީ ގިނަ ގުނަވަންތަކެއް ފެއިލްވެގެންނެވެ. އަރްޖުން އަކީ ކުޑައިރުންސުރެ އޭނާގެ މަންމައާއި ގާތްގުޅުމެން އޮތް މީހެކެވެ.
މޯނާގެ އުފަންދުވަހު އަރްޖުން އާއްމުކުރި މިސިޓީ ލިޔެފައިވަނީ 1997 ވަނަ އަހަރުއެވެ. މިސިޓީއާއެކު އޭނާ ލިޔެފައިވާ ޕޯސްޓުގައި ބުނެފައިވަނީ މަންމަގެ ފޮޓޯތައް ހުސްވަމުން އަންނަ ކަމަށާއި މަންމަގެ އުފަންދުވަހަކީ އަހަރުގައި އޭނާއަށް އަންނަ އެންމެ ރަނގަޅުދުވަސް ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް މަންމަ ފަހުރުވެރިވާފަދަ ދަރިއަކަށް ވާނެ ކަމަށާއި މަންމަ އާއި ނުލައި އޭނާއަށް އިހުސާސް ކުރެވެނީ ހުސްކަމެއްކަމަށް ވެސް އޭނާވަނީ ބުނެފައެވެ.
އަރްޖުން ކަޕޫރަކީ މަޝްހޫރު ޑައިރެކްޓަރ ބޯނީ ކަޕޫރު ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދަރިއެކެވެ. އަދި ބޯނީ ކަޕޫރުގެ ހަމައެކަނި ފިރިހެން ދަރިވެސް މެއެވެ. އަރްޖުންގެ އިތުރުން ބޯނީ ކަޕޫރުގެ 3 ދަރިން ތިބޭ އިރު އޭގެ ތެރެއިން 2 ކުދިންނަކީ އޭނާ ފަހުން ކުރި ކައިވެންޏަށް ލިބުނު ދެކުދިންނެވެ. މީގެ ތެރޭގައި އަރަމުން އަންނަ ތަރި ޖާންވީ ކަޕޫރުވެސް ހިމެނެއެވެ.