ރައީސް ޔާމީންގެ ތަފާތަކީ އަޑާއި މަންޒަރާއި އޯޑިއޯ ދިމާވުންކަމަށާއި އަޑާއި މަންޒަރާ ދިމާވާ ހަމައެކަނި ޕާޓީއާކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ "ހޯޕް ކޮންފަރެންސް" ނިންމާލުމަށް މިރޭ ބޭއްވި "ދުއްޕާން" ޖަލްސާގައި ވާހަކަ ދަައްކަވަމުން މެމްބަރު ސައީދު ވިދާޅުވީ އެމްޑީޕީގެ އޯޑިއޯ އަދި ވީޑިއޯ ދިމާނުވާކަން ބޭރު ދުނިޔެއަށް އެނގިއްޖެކަމަށެވެ.
"އަޑާއި މަންޒަރާއި ދިމާ ނުވާކަން. އެމީހުން އެބަ ބުނޭ ތިމަންނަމެނަށް ބާރު ލިބިއްޖިއްޔާ ލާދީނިއްޔަތަށް ފުރުސަތު ދޭނަމޭ. އެމީހުން އެބަ ބުނޭ ސެކިއުލާ ގައުމަކަށް މިގައުމު ހަދާނަމޭ އެމީހުން އެބަ ބުނޭ ހުރިހާ ދީނަކަށް އުޅެވޭ ގައުމަކަށް މިގައުމު ވާނޭ. މީ ބުނެފައި ހުރި ވާހަކަތައް. ކޮން ބައެއް ތޯ؟ މިސަރުކާރުން ވެރިކަމަށް އަންނަ ދައްކާފައިހުރި ވާހަކަ ފަސް އަހަރު ކަޑައްތުވެގެން ދިޔައީ ކުރިން 3 އަހަރެއް ހިނގައްޖެ މާތްކަލާކޯ މުޅި ދުނިޔެ މިއަދު އެނގިހާމަވެ އެމީހުންނަށް ފަލީހަތް ވެގެން އެދިޔައީ އެމީހުންނަށް އެނގިގެން އެމްޑީޕީ ފަލީހަތްވެގެން" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ތަފާތަކީ އަޑާއި މަންޒަރާއި އޯޑިއޯ ދިމާވުން ކަމަށާއި އާނބަސް ވިދާޅުވާނަމަ، އެ ކަމެއް ކުރައްވާނެ ކަމަށާއި، އަދި ނޫނެކޭ ވިދާޅުވެއްޖެ ނަމަ، އެކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ ހުރީ ފަސްހާސް އެމެރިކާ ޑޮލަރުގައި ނަމަވެސް އެމަނިކުފާނު ވެރިކަމުން ފޭބި އިރު ރާއްޖޭގައި ބޮލަކަށް ޖެހޭ އާމްދަނީ ހުރީ ބާރަހާސް ފައްސަތޭކަ އެމެރިކާ ޑޮލަރުގައިކަމަށެވެ.
"ރޭގަ ތިބޭފުޅުންނަށް ދަންނަވާލަ ދިނިން އަޅުގަނޑަށް އިނގޭ މިންވަރުން ރައީސް ޔާމީންގެ އިގްތިސާދީ ތަސައްވަރު 2023 ހަމައަށް ގޮސް 2028 އާއި ހަމައަށް ގޮސް 2033 ކާއި ހަމައަށް ގޮސްފި ކަމަށްވާނަމަ މިރާއްޖެއަކީ ފުދުންތެރި އަޅުގަނޑުމެން ދަރަންޏަށް ބިރުގަންނަން ނުޖެހޭ ސިއްހީ ތައުލީމީ އަދި އަޅުގަނޑުމެންގެ އާއްމު ފުދުންތެރިކަމުގެ އަސާސީ ހުރިހާ ކަމެއް ތަރައްގީ ވެފައި އޮތް، ތަރައްގީވެފަ އޮތް ގައުމަކަށް ވެގެން ދާނެ. އެފުރުސަތު ލިބޭތީ އަޅުގަނޑުމެންނާ ދޭތެރޭ ހަސަދަވެރިވާ ފަރާތްތަކެއް އައިސް ކުރި މަސައްކަތްތަކެއްގެ ނަތީޖާ އެއޮތީ ރައީސް ޔާމީން ޖަލުގައި" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން އެނބުރި ވަޑައިގަންނަވަންދެން ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ފަހަތުގައި އިދިކޮޅުން އޮންނާނެކަމަށާއި އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީން ފިޔަވައި އެހެން ބޭފުޅަކަށް ނުދޭނެ ކަމަށެވެ.