މަންމަ މަރައިލީ ފިރިމީހާ އާދިލް ކަމަށް ރާކީ ބުނެފި

ބޮލީވުޑްގެ "ޑްރާމާ ކުއީން" ރާކީ ސާވަންތުގެ މަންމަ މަރާލި ކަމުގެ ތުހުމަތު އޭނާގެ ފިރިމީހާ އާދިލް ދުރާނީއަށް އޭނާ ކޮށްފިއެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ރާކީ އޭނާގެ ފިރިމީހާގެ މައްޗައް މި ތުހުމަތުތައް ކޮށްފައިވަނީ ފިރިމީހާ އާދިލް، ރާކީގެ ކޮންމެހެން ކުރަންޖެހޭ އޮޕަރޭޝަނަކަށް ފައިސާ ނުދެއްކުމުންނެވެ.
ފިރިމީހާ އާދިލްގެ މައްޗައް ރާކީ ވަނީ އިތުރު ގިނަ ތުހުމަތުތަކެއްވެސް ކޮށްފައެވެ.
މިގޮތުން ރާކީގެ މަންމަގެ ބޭސް ފަރުވާއަށް ބޭނުންވާ ފައިސާ ނުދިނުމާއި އެކަމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ އޮޕަރޭޝަނެއް ނުކުރެވި އޭނާގެ މަންމަ މަރުވިކަމަށް ރާކީ ވަނީ ބުނެފައެވެ. ރާކީ ބުނި ގޮތުގައި ފިރިމީހާ އާދިލް މިހާރު އުޅެނީ އޭނާ ދޫކޮށްލުމަށްފަހު އޭނާ ގެންގުޅޭ ލޯބިވެރިޔާގެ ގެއަށް ބަދަލުވެފައެވެ.
"އާދިލްވަނީ މިހާރު އޭނާގެ ފަހުގެ ނިންމުން ނިންމާފަ ލޯބިވެރިޔާ ތަނޫއާއެކީ އުޅެން. އޭނާ އަހަރެން ގާތު ބުނި އަހަރެން ދޫކޮށްލާފައި ތަނޫއާއެކު އުޅެން ދާ ވާހަކަ" ޕަޕަރާޒީއަކު އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ ވީޑިއޯއެއްގައި ރާކީ ބުނެފައިވެއެވެ.
މީގެ އިތުރުން ރާކީ ބުނި ގޮތުގައި އާދިލް ވަނީ ބޮލީވުޑަށް ވަނުމަށް ރާކީގެ ބޭނުންކޮށްފައެވެ. އަދި ރާކީގެ ހުރިހާ ފައިސާއެއްވެސް ވަނީ އާދިލް ނަގާފައިކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށް ރާކީ ވަނީ ބުނެފައެވެ. އަދި އާދިލް ދަނީ އެކި ގޮތްގޮތުން އޭނާއަށް އަނިޔާ ކުރަމުން ކަމަށްވެސް ރާކީ ވަނީ ބުނެފައެވެ.
ރާކީގެ ދުވަސްވީ ލޯބިވެރިޔާ އާދިލް ދުރާނީ އާއި އޭނާ ކައިވެނިކޮށްފައިވަނީ މިދިޔަ ޖުލައިމަހުއެވެ. އަދި ގިނަދުވަސްތަކެއް ވަންދެން ކައިވެނި ސިއްރުކޮށްފައި ބޭއްވުމަށްފަހު ކައިވެނިކޮށްފައިވާކަން އޭނާ ހާމަކުރީ ދާދި ފަހުންނެވެ.