ރިޕޯޓް ސަރުކާރު ސިޔާސީ

ރިޔާސީ ބަޔާން ޚުލާސާކޮށް: ރައީސް ކުރަހައިދެއްވީ އަލި މަގު ޗާޓެއް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އިއްޔެއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މި ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވެވި ތާރީޚީ ދުވަހެވެ. ރައީސް ޞާލިހުގެ ރިޔާސީ ބަޔާން ވެގެން ދިޔައީ އުއްމީދީ ބަޔާނަކަށެވެ.

Ads by Sosun Fihaara

އެ މަނިކުފާނު ވިދާޅުވެދެއްވީ އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގެންގުޅުއްވާ އާ ތަސައްވުރެވެ. ކުރައްސަވައިދެއްވީ ގައުމުގެ މުސްތަގުބަލުގެ އަލިގަދަ ޗާޓެވެ.

އިއްޔެ ކަން ހިނގައިދިޔަ ގޮތުގެ ޚުލާސާއަކަށް ޖެހިލައިނަމަ ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމާއިއެކު އިދިކޮޅުން އަޑުގަދަ ކުރަން ފެށިއެވެ. އެއާއެކު މެދުކަނޑާލައްވައި މަޖިލީހުގެ ހޯލު ދޫކުރައްވާ ވަޑައިގެންނެވިއެވެ. އެއަށްފަހު އަނބުރާ ހޯލަށް ވަޑައިގެންނެވީ އިދިކޮޅު މެމްބަރުން ހޯލުން ބޭރަށް ނެރުމުންނެވެ.

ސިޔާސީ ގޮތުން އެމްޑީޕީގެ އެތެރެ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ރިޔާސީ ބަޔާން އަޑު އެއްސެވުމަށް ވަޑައިގެން ތިއްބެވީ ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުން އެކަންޏެވެ. ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން މަޖިލީހަށް ވަޑައިނުގަންނަވައެވެ. އަނެއްކޮޅުން އިދިކޮޅު ހުރިހައި މެމްބަރުން ތިއްބެވީ ހޯލުން ބޭރުގައެވެ.

 

އިގްތިޞާދު ދެގުނަކުރުމުގެ ތަސައްވަރު

ރައީސް ޞާލިހުގެ ރިޔާސީ ބަޔާނުގައި އިޤްތިޞާދީ އަދި އިޖުތިމާއީ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގުތިސޯދު ދެގުނަ ކުރުމަށް ކަމަށް ވިދާޅުވިއެވެ. ފާއިތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީހުގައި ކުރިމަތިވި އެންމެބޮޑު އިޤްތިޞާދީ ގޮންޖެހުންތައް ތަހައްމަލް ކުރަންޖެހުނު ތިން އަހަރު ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު ރަނގަޅުވެ އިގްތިޞާދެއްގެ މައްޗަށް ގައުމު ބިނާވަމުން ދާކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވެދެއްވި ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެއެވެ. އަދި މިއަދު ފަށައި، ހިންގާ ނިންމަމުން މިދާ މަޝްރޫއުތަކަކީ އެ ހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބު ކަމަށް ރައީސް ވިދާޅުވިއެވެ.

"2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވި ގޮތުގައި އިޤްތިޞާދު މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށް ލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ.

ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވަވަނީ

މުސާރަތައް ބޮޑުކުރުން

އަންނަ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމަށްވެސް ރައީސް ވިދާޅުވީ އިއްޔެގެ ބަޔާނުގައެވެ. ހަމަ އެއާއިއެކު ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް މެއި މަހުން ފެށިގެން އެލަވަންސް ލިބޭނެ ކަމަށާއި ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށް ވެސް އަންނަ މާޗު މަހުން ފެށިގެން "ހެޔޮ ބަދަލެއް" އަންނާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

"ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު، ޝަރުއީ ދާއިރާ އާ އިމާމުންނާއި މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ،" ރައީސް ވިދާޅުވި އެވެ.

މުސާރައިގެ މައުޟޫއުގެ ތެރެއިން ރައީސް ޞާލިހު ވަނީ މިސަރުކާރުން މުޅިން އަލަށް ތަންފީޒު ކުރަން ފެށި މިނިމަމް ވޭޖު ގާނޫނުގެ ސަބަބުން އެތައް ހާސް މަސައްކަތްތެރިންނަށް "ހެޔޮ ބަދަލެއް" އައިސްފައިވާ ކަމަށެވެ. އެ ހެޔޮ ބަދަލުގެ ތެރޭގައި ސާވިސް ޗާޖަށް ސަރުކާރުން ގެނައި އިސްލާހުވެސް ބޮޑު ރޯލެއް ކުޅުނު ކަމަށް ވިދާޅުވިއެވެ.

 

އިންޓަނެޓުގެ އަގުތަކަށް ހެޔޮ ބަދަލެއް

ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތުން ފްރާންސްގެ މާސޭއާއި ސިންގަޕޫރާ ދެމެދު އަޅާ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލާ ބޭނުންކުރުމުގެ ފުރުސަތު އަންނަ ސެޕްޓްމްބަރު މަހުގެ ކުރިން ލިބިގެންދާނެއެވެ. ދުނިޔެ ބަދަލުވަމުން އަންނަ ކަމަށާއި އެ ބަދަލާ އެކު އިންޓަނެޓު ބޭނުންކޮށްގެން ހިންގުމުގެ ދާއިރާއަށް އަންނަ އަވަސް ކަމަކީ މުސްތަގުބަލަށް މުހިންމު ބަދަލެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ސަރުކާރު ޝާމިލްވާ އައު ސަބްމެރިން ކޭބަލުން އެކަން ހާސިލުކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މިއީ އިންޓަނެޓުގެ ސްޕީޑާއި އަގަށް އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސެޕްޓެމްބަރު މަހު ސަބްމެރިން ކޭބަލް ބޭނުންކުރަން ފެށުމުން އިންޓަނެޓުގެ އަގު ހެޔޮވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

 

ޑިޖިޓަލް އައިޑީ އަންނަ މަހު

އިއްޔެ ފާހަގަކުރެވުނު އަނެއް ކަމަކީ ތަކުރާރުކޮށް އައިޑީކާޑު ހުށަހަޅަން ނުޖެހޭ ގޮތަށް އަންނަ މަހު ޑިޖިޓަލް އައިޑީ ތައާރަފުކުރަން ސަރުކާރުން ނިންމި ނިންމުމެވެ. ރައީސް ޞާލިހު ވިދާޅުވީ ހިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީކާޑާއި، އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި އޭގެ ސަބަބުން ހިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގައި ތާށިވެ ރައްޔިތުން ތިބެންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހިދުމަތްތައް އޮންލައިން ކުރުމަށްވެސް ސަރުކާރުން އަމާޒު ހިފާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ހިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގައި ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލަ, ވަން-ގަވް ހިދުމަތަކީ ސަރުކާރުން މިކަމަށް ގެނެސްދޭ ޒަމާނީ ހައްލު," ރައީސް ޞާލިހު ވިދާޅުވި އެވެ.

މި ހިދުމަތުގެ ތެރެއިން ކޮނޮމިކް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ އަދި އެޗްޕީއޭގެ އިތުރުން، ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް މުޅިން އޮންލައިން ވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް ޞާލިހު ރިޔާސީ ބަޔާން އިއްވަވަނީ

 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރުން

މިއަހަރު ކުރަން ނިންމާފައިވާ މުހިންމު އެހެން ކަމެއްވެސް ރައީސް ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެދެއްވައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރުމެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ނިންމައި އެ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް ބޮޑުކުރަން ނިންމާފައިވާކަން އިއުލާން ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ހިދުމަތްތަކަށް ވަކި ސެންޓަރެއް މި ހަފްތާތެރޭ ހުޅުމާލޭގާ ހުޅުވިގެންދާނެ ކަމަށެވެ.

މިކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީއެހީ އާއި އެހެނިހެން އެހީތެރިކަމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

 

މާލެ ސަރަހައްދުން ދޫކުރާ ގޯތި އިތުރު ކުރުން

ރިޔާސީ ބަޔާނުގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ނިންމި ނިންމުމެވެ.

"މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށްވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ," ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭން ބޯހިޔާވަހިކަމަށް ހުޅުވާލި ފްލެޓަށް 20،769 އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށާއި، މިހާރު އަންނަނީ އެ އެޕްލިކޭޝަަންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މި އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރިޔާސީ ބަޔާނުން ފާހަގަވި އިތުރު މުހިންމު ކަންކަން:

  • ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރުމުގެ ބިލު މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅާނެ
  • ނ. މަގޫދޫ އާއި މ. މުލީގެ އެއާޕޯޓު މިއަހަރު ނިމުމުގެ ކުރިން ނިންމާނެ
  • މަހުގެ ޑިއުޓީ ލުއިކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އޮތީ ނިންމާފައި
  • ސްޓޫޑެންޓް ލޯނު ދައްކަންޖެހޭ މުއްދަތު އިތުރު 20 އަހަރަށް އިތުރުކުރުން

Ads by Ooredoo
  1. އެކަމަކު ފުލެޓާބެހޭގޮތުންވެސްދައްކާފަވަ ދޮގުހަބަރުކަމަށްވަނީ ވެރިކަންބޭނުންވާނަމަވެސް.ތެދުބަހުން.ވާހަކަ.ދައްކަންވާނި