ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ޚާރިޖީ ގުޅުން އެންމެ ބަދަހިވީ މިދިޔަ 4 އަހަރުގައި: ރައީސް ޞާލިޙް
ފާއިތުވެދިޔަ ހަތަރު އަހަރަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތައް ބައިނަލްއަޤުވާމީ ދުނިޔެއާ އެންމެ ބޮޑަށް ބަދަހި ކުރެވުނު ހަތަރު އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ 2023ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވުނު ޖަލްސާގައި ދެއްވިި ރިޔާސީ ބަޔާނުގައެވެ.
ޚާރިޖީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ، ފާއިތުވި 4 އަހަރުތެރޭ ދޭދޭ ޤައުމުތަކާއެކު ގުޅުން ވަރުގަދަވެފައިވާކަމަށާއި އ.ދ.ގެ ޢާއްމު މަޖިލީހުގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން 94% ޤައުމާއެކު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު، 2023 އިން 2025ވަނަ އަހަރަށް އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެމްބަރުކަމަށް ރާއްޖެ ހޮވިފައިވާކަން ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. އަދި ނިމިދިޔަ އ.ދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވީ ވެސް ދުނިޔޭގެ ޤައުމުތަކުގެ ބޮޑު އަޣުލަބިއްޔަތަކުން ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އދ.ގެ ރައީސްގެ މަޤާމަށް ރާއްޖެއިން އިންތިޚާބުވެ ވަޑައިގެންފައިވަނީ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ދިވެހި ޚާރިޖިއްޔާއިން ހޯދާފައިވާ އިތުރު ކާމިޔާބީތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކާއި އޮނަރަރީ ކޮންސުލުން މެދުވެރިކޮށް ދުނިޔޭގެ 21 ތަނަކުން ދިވެހިންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތްތައް މިހާރު ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، ދިވެހިންނަށް މިހާރު އިތުރު ވިސާއެއް ނެގުމަކާ ނުލައި ދުނިޔޭގެ 89 ޤައުމަކަށް ދަތުރުކުރެވޭނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޕާސްޕޯޓަކީ މިވަގުތު މި ސަރަހައްދުގެ އެންމެ ވަރުގަދަ ޕާސްޕޯޓެވެ.
މީގެއިތުރުން، ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ގުޅުންތަކުގެ އިސް ސަފުތަކުގައި ރާއްޖޭގެ ބަސް ހިނގާކަން ފާހަގަކުރައްވައި ޢަރަބި އިސްލާމީ ޤައުމުތަކާއި މެދުއިރުމައްޗާއެކު ރާއްޖޭގެ ހީނަރުވަމުންދިޔަ ގުޅުންތައް އަލުން އިޢާދަކުރެވިފައިވާކަން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ކުރިއެރުންތަކާއި ކާމިޔާބީތަކުގެ ސަބަބުން ފާއިތުވެދިޔަ ހަތަރު އަހަރު ވެގެން ގޮސްފައި މިވަނީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ޚާރީޖީ ގުޅުން އެންމެ ބޮޑަށް ބަދަހި ކުރެވުނު ހަތަރު އަހަރު ކަމުގައެވެ.