އިސްލާމްދީނަށް ފުރައްސާރަކުރާ ކޮންޓެންޓް ހުރި ކަމަށް ބުނެ ވިކިޕީޑިއާ މަނާކުރި ކުރިން ޕާކިސްތާނުން އަނބުރާ ގެންގޮސްފި

ޕާކިސްތާނުގައި އިސްލާމްދީނަށް ފުރައްސާރަކުރާ ކަމަށް ބުނާ ލިޔުންތަކާ ގުޅިގެން ވިކިޕީޑިއާ މަނާކުރިތާ ދެ ދުވަސް ފަހުން އެ ގައުމުން ވަނީ އެ ފިޔަވަޅު އުވާލާފައެވެ.
އޮންލައިން އެންސައިކްލޮޕީޑިއާ "މިހާރުން މިހާރަށް" އިއާދަކުރުމަށް އެގައުމުގެ ޓެލެކޮމް ރެގިއުލޭޓަރަށް ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ އަންގާފައެވެ.
ޝަރީފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސައިޓް މުޅިން ބްލޮކް ކުރުމަކީ ހައްލެއް ނޫން ކަމަށާއި، އިއުތިރާޒެއް ނެތް ބައެއް ކޮންޓެންޓަށް ވަނުމަށް ހުރަސް އެޅިދާނެ ކަމަށެވެ.
އަދި އެ ސައިޓް މަނާކުރުމުގެ ނޭދެވޭ ނަތީޖާ، އޭގެ ފައިދާއަށްވުރެ މާބޮޑު ކަމަށް ބުނެފައިވެއވެެ.
އިންފޮމޭޝަން މިނިސްޓަރު މަރިޔަމް އޯރަންގްޒޭބް ޓްވިޓާގައި ހިއްސާކުރެއްވި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވެބްސައިޓް މަނާކުރަން ނިންމި ނިންމުމާއި "އެހެނިހެން އޮންލައިން ކޮންޓެންޓް" އާ ގުޅުން ހުރި ކަންކަން މުރާޖައާ ކުރުމަށް ސަރުކާރުން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
މި ކޮމެޓީން ވިކިޕީޑިޔާ ނުވަތަ އެހެނިހެން އޮންލައިން އިންފޮމޭޝަން ސައިޓްތަކުގައި އިއުތިރާޒުކުރެވޭ ކޮންޓެންޓްތަކާ މެދު އަމަލުކުރާނެ އެހެން ޓެކްނިކަލް ފިޔަވަޅުތައް ބަލައި، އެ ގައުމުގެ "އިޖުތިމާއީ ސަގާފީ އަދި ދީނީ އިހުސާސްތަކަށް" ރިއާޔަތްކޮށް ލަފާދޭނެއެވެ.