ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު ދުނިޔޭގެ ޤައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތައް ގިނަ ކަމަށް ބުނެ އިދިކޮޅުން ދައްކަމުން އަންނަ ފަރާތްތަކަށް އެމަނިކުފާނު ރައްދު ދެއްވައިފިއެވެ.
"ދެން"އަށް ދެއްވި އިންޓަރވިއުއެއްގައި އަބްދުﷲ ޝާހިދު ވިދާޅުވީ އިދިކޮޅު ޕާޓީ ތަކުން އެމަނިކުފާނުގެ ދަތުރު ކުރެއޭ ކިޔައިގެން ވާހަކަ ދައްކަނީ ދައްކާނެ އެހެން ވާހަކައެއް ނެތީމަކަމަށާއި ދަތުރުތަކުގައި ކުރެވޭ މަސައްކަތްތަކާއި ހާސިލް ކުރެވޭ ކަންކަން ފެންނަން އެބަހުރި ކަމަށެވެ.
"އިދިކޮޅު ޕާޓީ ތަކުން އަޅުގަނޑު ދަތުރު ކުރެއޭ ކިޔައިގެން ވާހަކަ ދައްކަނީ ދައްކާނެ އެހެން ވާހަކައެއް ނެތީމައި މިދެންނެވީ ކުރެވޭ މަސައްކަތްތަކާއި ހާސިލްވާ ކަންކަން އެހެރީ ފެންނަން މިސާލަކަށް މިދެންނެވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މުޅި ރާއްޖެ މުޅި ދުނިޔެ ބަންދުވެގެން ދިޔައިރުވެސް ރާއްޖޭގެ އެއްވެސް މީހަކު ބަނޑަކަށް ނުޖެހޭ އަސާސީ ބޭހެއް ނުލިބިގެން އެއްވެސް މީހަކު ހުންނާކަން ނުޖެހޭ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިހުރިހާ ކަމެއް ކުރެވެނީ ބޭރު ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރެވޭތީކަމަށެވެ. އަދި އެގުޅުންތައް އެގޮތައް ބާއްވައިގެން ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭތަން ފެންނާތީ, އިދިކޮޅު ފަރާތްތަކަށް އެކަން ތަހައްމަލް ނުކުރެވެނީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެގުޅުންތައް އެގޮތައް ބާއްވައިގެން ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭތަން ފެންނާތީ އަދި އެކަން ސާބިތު ކޮށްދެވުނީތީ އިދިކޮޅު ޕާޓީތަކަށް އެކަމެއް ތަހައްމަލެއް ނުވޭ އެބޭފުޅުން ޖެހޭނެ އެކަން ކުރާ މީހާއާއި ޒާތީގޮތުން ދިމާކޮށްލަން އެނޫންކަމެއްގައި ނެތް ދިމާކުރެވޭކަށް ދެން އެހެންވީމަ ދަތުރުކުރަނީ އޭ ތެދުފުޅެއް އަޅުގަނޑު ދަތުރު ކުރަން" މިނިސްޓަރ ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޔޫއެންގެ ރައީސްގެ މަޤާމު ފުރުއްވިއިރުއާއި، އޭގެ ފަހުން ވެސް ދަނީ ގިނަ ޤައުމުތަކަކަށް ދަތުރުފުޅު ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ޚަރަދުތައް ބައެއް ނޫސްތަކުން ޝާއިރު ކުރަމުން އަންނައިރު، އެފަދަ ދަތުރުތަކަކީ ބޭކާރު ދަތުރުތަކެއް ކަމަށްބުނެ އިދިކޮޅުން ފާޑު ކިޔައެވެ..