ތުރުކީ ބިންހެލުން: ވޭނާއި ކެކުޅުމުގެ އަޑާއެކު ފެންނަމުންދަނީ މީހުން ކޮޅުކޮޅު މައްޗަށް ދުވާ މަންޒަރު

ތުރުކީ އާއި ސީރިއާއަށް ދާދި ފަހުން އައި ބިންހެލުމަކީ ފަހުގެ ތާރީޙެއްގައި ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާއެވެ. 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމާ އެކު އެތައް ފަހަރެއްގެ މަތިން އާފްޓާ ޝޮކްތަކެއް އައިސްފައިވެއެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން ތުރުކީގެ މެދުތެރެއަށް ރިކްޓަރ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ދެވަނަ ބޮޑު ބިންހެލުމާ އެކު، މީހުންގެ މެދުގައި ވަނީ އިތުރު ބިރުވެރިކަމެެއް އުފެދިފައެވެ. ރޭގެ ވަގުތެއްގައި އެ ސަރަހައްދަށް 6.0 މެގްނިޓިއުޑްގެ އިތުރު ބިންހެލުމެއް އައިސް އިތުރު ގެއްލުންތަކަކާއެކު އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން އެ ސަރަހަދުގައި ތިބި މީހުން ދަނީ ލޯބިވާ މީހުންނާއި އާއިލާ މީހުން ނުފެނިގެން އާންމުގެ އެހީތެރިކަމަށް އެދެމުންނެވެ. ގާތްތިމާގެ މީހުންގެ ފޮޓޯތަކާއި އެޑްރެހާއި، މައުލޫމާތު ހިއްސާކުރަމުން ދެއެވެ. މައިންބަފައިން ވީނުވީ ނޭނގިގެން ތުއްތު ކުދިން ރޯ ރުއިމުގެ އަޑު ނުކެނޑެއެވެ. ދަރިފުޅު ނުފެނިގެން މައިންބަފައިން ގޮވާ އަޑުން މުޅި ސަރަހައްދު އިވެއެވެ.
ދެކުނުގެ ހަޓޭ ޕްރޮވިންސްގެ ކުނިތަކެއްގެ ދަށުގައި އަންހެނަކު އެހީއަށް ގޮވަމުންދިޔަ އަޑާއެކު ފެނުނީ ކައިރީގައި ކުޑަ ކުއްޖެއްގެ ހަށިގަނޑު އޮތީ ފުރާނައެއް ނެތިއެވެ. ރުއިމާ ގިސްލުމުގެ އަޑުން މުޅި ސަރަޙައްދު ވަނީ ގުގުމާލާފައެވެ.

ތުރުކީގެ ކަހްރާމަންމާރަސް ސަރަހައްދުގައި ފުނޑުފުނޑުވެފައިވާ އިމާރާތެއްގެ ކުނިތަކެއްގެ ދަށުގައި ތާށިވެފައި އިން ދަރިފުޅުގެ އަތުގައި ބައްޕައެއް ހިފަހައްޓައިގެން ހުރި ފޮޓޯއެއް މީސް މީޑިއާގައި ދައުރުވެފައިވާއިރު އެ ބިންހެލުމާ ގުޅިގެން ލިބުނު ހިތާމައިގެ މިންވަރު އެނގިގެން ދިޔައެވެެ.

ކުނިތަކުގެ ތެރޭގައި އިށީނދެގެން އިން މެސުޓް ހޭންސަރ އޭނާގެ 15 އަހަރުގެ އަންހެން ދަރިފުޅުގެ އަތުގައި ހިފަހައްޓައިގެން ހުރީ ފައިބަމުންދާ ސްނޯއާއި، ވެހެމުންދާ ވިއްސާރައިގެ ތެރެއިންނެއެވެ. ލޯބިވާ ދަރުފުޅުގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދާ އެކުގައެވެ.
ތުރުކީގެ ސަންލިއުރްފާ ޕްރޮވިންސްގައި ވެއްޓުނު ފަސް ބުރީގެ އިމާރާތެއްގެ ދަށުގައި 53 ގަޑިއިރު ތާށިވެފައި އޮތުމަށްފަހު އެއް އަހަރުގެ ތުއްތު ކުއްޖަކު ބުދަ ދުވަހު ދިރިހުއްޓާ ވަނީ ފެނިފައެވެ. މާތް الله ގެ އިރާދަފުޅުން، އެ ކުއްޖާގެ ހާލު ރަނގަޅެވެ.

ސޫރިޔާގެ ހުޅަނގު އުތުރުގެ އަވަށެއް ކަމަށްވާ ޖިންދްރިސްއިން ވެއްޓިފައިވާ ޢިމާރާތެއްގެ ކޮންކްރީޓްތަކުގެ ދަށުން މީހުން ސަލާމަތްކުރަމުން ދަނިކޮށް ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑާއެކު އެ ސަރަހައްދު ބެލިއިރު ކުއްޖާ އޮތީ ވަޅުލެވިފައެވެ. އެ ކުއްޖާ ދުނިޔެއަށް އެންމެ ފުރަތަމަ ނޭވާލި ވަގުތުކޮޅު ވެގެންދިޔައީ އެ ކުއްޖާގެ ޢާއިލާގެ އެހެން ހުރިހާ މެންބަރުންގެ ފަހު ވަގުތުކޮޅަށެވެ. ފަހު ނޭވާއަށެވެ.

ތުރުކީއާއި ސޫރިޔާއިން އިވެމުން ދަނީ މިފަދަ އެތައް ވާހަކަތަކެވެ. ސަލާމަތްކޮށްދިނުމަށް އެދި ކުރާ އާދޭހުގެ އަޑު ނުކެނޑެއެވެ. އިވެމުންދަނީ މާތް ﷲ އަށް ޙަމްދު ކުރާ އަޑެވެ. ރުއިމާ ގިސްލުމުގެ އަޑުން މުޅި ސަރަޙައްދު ވަނީ ގުގުމާލާފައެވެ.