ތުރުކީ-ސީރިއާ ބިންހެލުން: 100 ގަޑިއިރު ފަހުން އުމުރުން ދުވަސްވީ މީހަކު ސަލާމަތް ކޮށްފި
ހޯމަ ދުވަހުގެ ފަތިހު 4:17 ހާއިރު ތުރުކީ އާއި ސީރިއާގެ ސިޓީތަކަށް އައި ބިންހެލުމާއި އާފްޓާޝޮކްތަކުގެ ތެރެއިން، ބޮޑެތި ގެއްލުންތަކެއް ލިބި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.
އޭގެ 100 ގަޑިއިރަށް ވުރެ ގިނަ އިރު ފަހުންވެސް ރެސްކިއު ޓީމުތަކުން، 24 ގަޑިއިރު މަސައްކަތް ކުރަމުން ދަނީ ވެސް، ކުނީގެ ތެރެއިން ސަލާމަތްވި އިތުރު ބަޔަކު އަދިވެސް ނެރެެވޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ.
7.8 އާއި 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ކަހްރާމަންމާރަސްގެ ސިޓީ ސެންޓަރުގެ ބޮޑު ބައެއް - މީހުން ދިރިއުޅޭ އިމާރާތްތަކާއި އޮފީސްތަކާއި ބޭންކުތަކާއި މާރުކޭޓުތައް ވެސް ކުނިގަނޑަކަށް ބަދަލުވެފައިވާތީ، ސާޗް އެންޑް ރެސްކިއު ޓީމްތައް ދަނީ ވެއްޓިފައިވާ އިމާރަތްތަކުގެ ކުނިގަނޑުގެ ތެރެއިން ދަތުރު ކުރަމުންނެވެ.
ލޯކަލް އެތައް ޖަމިއްޔާތަކަކާއި ވޮލަންޓިއަރުންގެ މެދުނުކެނޑި ހަރަކާތްތެރިވަމުން އަންނައިރު، އެ ޖަމިއްޔާތަކުން ދަނީ މީހުން ހޯދުމާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި މަސައްކަތުގެ ބޮޑުމިނަށް ބަލާއިރު، ސަލާމަތްވި މީހުން ހޯދުމުގައި އެހީތެރިވުމަށް ބައިނަލްއަޤްވާމީ ޓީމުތައްވެސް ދަނީ ބައިވެރިވަމުންނެވެ.
ހުކުރު ދުވަހު މަރުވި މީހުންގެ އަދަދު 21،500 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ފިނިހޫނުމިން ގަދަވެ، އިމާރާތްތަކުގެ ދަށުވެ، ތާށިވެފައި އިތުރު އެތައް ބަޔަކު ދިރިތިބޭނެ ކަމުގެ އުއްމީދުވެސް ދަނީ ކުޑަވަމުންނެެވެ.
އެހެންނަމަވެސް ހައިރާން ކުރުވަނިވި ގޮތަކަށް ސަލާމަތް ކުރެވޭ ބައެއް މީހުންގެ ވާހަަކަތައް މީޑިއާތަކަށް ދަނީ ތިލަވަމުންނެވެ.
100 ގަޑިއިރު ފަހުންވެސް، ބައެއް މީހުން ސަލާމަތް ވަނީ
މިގޮތުން އުމުރުން 66 އަހަރުގެ މުއްރަތު ވުރަލް ސަލާމަތްކުރީ ފުރަތަމަ ބިންހެލުން އައިތާ 103 ގަޑިއިރު ފަހުން އިސްލާހިޔޭ ޑިސްޓްރިކްޓްގެ ގަޒިއަންޓެޕް ޕްރޮވިންސުންނެވެ.
ތުރުކީގެ ނޭޝަނަލް މެޑިކަލް ރެސްކިއު ޓީމް (ޔޫއެމްކޭއީ) އާއި ފުލުހުން ގުޅިގެން 10 ގަޑިއިރުގެ މަސައްކަތަށް ފަހު ވުރަލް ވަނީ، އޭނާ ތާށިވެފައި އޮތް އިމާރާތުގެ ދަށުން ނަގައިފައެވެ.
މީގެ އިތުރުން، ކަހްރާމަންމާރަސްގައި އަޒަރުބައިޖާންގެ ޓީމުތަކުން 103 ގަޑިއިރު ފަހުން ސީރިއާގެ 15 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތްކުރިއިރު، ހަޓޭގައި އެންމެ ފުރަތަމަ ބިންހެލުން އައިތާ 103 ގަޑިއިރު ފަހުން ވެސް ވަނީ ތިން އަހަރުގެ އަންހެން ކުއްޖަކު އިމާރާތުގެ ދަށުންވެސް ސަލާމަތް ކޮށްފައެވެ.