މެދުއިރުމަތި ދުނިޔެ

ތުރުކީ-ސީރިއާ ބިންހެލުން: ސަލާމަތް ކުރި 16 ތުއްތު ކުދިން އަންކާރާގެ ހޮސްޕިޓަލްތަކަށް، އާއިލާތައް ހޯދަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތުރުކީ އާއި ސީރިއާއަށް އައި ބިން ހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރި 16 ތުއްތު ކުއްޖަކު އަންކާރާގެ ހޮސްޕިޓަލުތަކަށް އިތުރު ފަރުވާ ދިނުމަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

Ads by WAMCO

ވެރިރަށް އަންކާރާގެ ހޮސްޕިޓަލްތަކަށް ބަދަލުކުރި ތުއްތުކުދިންނަކީ ކޮން ކުދިންނެއްކަން ދެނެގަނެވިފައިވީ ނަމަވެސް އެކުދިންގެ އާއިލާތައް އަދި ހޯދިފައިނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެކުދިންގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިކުދިންގެ ތެރެއިން ދުވަސް ނުފުރާ އުފަންވެފައިވާ ކުދިންގެ ހާލުރަނގަޅުވަންދެން އައިސީޔޫގައި ފަރުވާދިނުމަށް ހަމަޖެހިފައިވާއިރު ދެން ތިބިކުދިންގެ އާއިލާތައް ހޯދެންދެން އެކުދިންގެ ކަންކަން ބަލަހައްޓާނީ ސަރުކާރުން ކަނޑައަޅާ ފޮސްޓާ މައިންނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު 28 ހަފުތާގައި އުފަންވެފައިވާއިރު އަދި އަނެއް ކުއްޖަކު އުފަންވީ 33 ހަފުތާގަ އެވެ.

ތުރުކީ އާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 25،000 ފަހަނައަޅައި ގޮސްފައެވެ. ބިންހެލުން އައިތާ 5 ދުވަސް ވެފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓާނުލާ ކުރިއަށެވެ. ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން އަދިވެސް ދިރިތިބި މީހުން ދަނީ ފެންނަމުންނެވެ. މީގެ ތެރޭގައި ތުއްތު ކުދިންވެސް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!