ޕާކިސްތާނުގެ 1.1 ބިލިއަން ޑޮލަރުގެ އެއްބަސްވުން ނިންމުމަށް އައިއެމްއެފް އިން އިތުރު ވަގުތުބޭނުންވޭ
ޕާކިސްތާނަށް ބޭނުންވާ 1.1 ބިލިއަން ޑޮލަރުގެ ފަންޑުތައް ހުޅުވާލާނެ އެއްބަސްވުމަކާ ގުޅޭ ގޮތުން ޕާކިސްތާނާ އެކު މަޝްވަރާ ކުރުމަށް އިތުރު ވަގުތު ދިނުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އެދިފައިވާ ކަމަށް ޕާކިސްތާނުގެ ފިނޭންސް ސެކްރެޓަރީ ހަމީދު ޝެއިހް ވިދާޅުވެއްޖެއެވެ.
ފައިސާގެ ތާށިކަން ދިމާވެފައިވާ ޕާކިސްތާނަށް އިތުރު ގޮންޖެހުންތަކަކާއި ދިމާވެފައިވަނި މިދިޔަ އަހަރު އެގައުމުގައި ފެންބޮޑުވުމުގެ ސަބަބުންނެވެ. އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ޕާކިސްތާނުން އެދިފައިވާ 6.5 ބިލިއަން ޑޮލަރުގެ ތެރެއިން މިދިޔަ ޑިސެމްބަރުގައި ބައެއް ލިބޭނެކަމަށް ބެލެވުނު ނަމަވެސް މަޝްވަރާތަކަށް އަދި ކުރިއެރުމެއް ލިބިފައިނުވެއެވެ.
ޕާކިސްތާނާއި އައިއެމްއެފްއާ ދެމެދު ސްޓާފް ލެވެލްގެ އެއްބަސްވުމުގައި ވަރަށް އަވަހަށް އާދެވޭނެ ކަމަށާއި، އައިއެމްއެފްގެ މިޝަނުން އެދުނީ ސްޓާފް ލެވެލްގެ މަޝްވަރާތަކަށް އިތުރު ވަގުތު ދިނުމަށް ކަމަށް ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމަށްވާ ޝެއިޚް ރޮއިޓާސް އަށް މައުލޫމާތު ދެއްވާފައިވެއެވެ.
އޭނާ ވިދާޅުވީ ދެ ފަރާތުން ވެސް އެއްބަސްވެފައި ވަނީ "އަމަލުތަކާއި ކުރިން އަޅަންޖެހޭ ފިޔަވަޅުތަކާ މެދު" ކަމަށެވެ. ސްޓާފް ލެވެލްގެ މަޝްވަރާތައް ނިންމާލަން އޮތީ ބުރާސްފަތި ދުވަހުއެވެ. މަސްދަރުތަކާ ހަވާލާދީ ޕާކިސްތާނުގެޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެއިލްއައުޓާ ގުޅިގެން ދެ ފަރާތުގެ މެދުގައި ހުރިހާ ކަމެއް ވަނީ ނިންމާފައެވެ.
ޕާކިސްތާނުން އެދިފައިވާ ފަންޑު ދޫކުރުމަށް އައިއެމްއެފް އިން ޕާކިސްތާނާ އެކު ސްޓާފް ލެވެލްގެ އެއްބަސްވުމަކަށް އަންނަން ޖެހޭއިރު، އެކަމަށް އެއްބަސްވާނީ އެމެރިކާގައި ހުންނަ އައިއެމްއެފްގެ ހެޑް އޮފީހުން ފާސްކުރުމަށް ފަހުގައި ކަމަށް ޝެއިޙް ވަނީ ވިދާޅުވެފައެވެ.
ފިނޭންސް މިނިސްޓަރު އިސްހާގު ދާރާއާ ހަވާލާދީ މީގެ ކުރިން ބުރާސްފަތި ދުވަހުގެ ޕާކިސްތާނުގެ ޑޯން ނޫހުން ބުނެފައި ވަނީ "މިއަދު ކަންކަން ނިންމާލެވޭނެ ކަމަށް ބެލެވޭ" ކަމަށެވެ.
އެއްބަސްވުމަކަށް އައިސް ފައިސާ ދޫކުރާއިރު 6.5 ބިލިއަން ޑޮލަރުގެ ތެރެއިން 1.4 ބިލިއަން ޑޮލަރު ބާކީވާނެއެވެ. 2019 ވަނަ އަހަރު ފާސްކުރި ބެއިލްއައުޓް ޕްރޮގްރާމް ނިންމާލަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.
އައިއެމްއެފްގެ ފަންޑިން އަކީ އެގައުމުގެ 350 ބިލިއަން ޑޮލަރުގެ އިގްތިސާދަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ބޭރު ފައިސާގެ ރިޒާވް ތިން ހަފްތާއަށް ވުރެ މަދު މުއްދަތަކަށް އިމްޕޯޓަށް ހަރަދުކުރެވޭ ވަރަށް ވެއްޓިފައިވާ ކަމަށެވެ. މިދިޔަ ހަފްތާގައި ބޮޑުވަޒީރު ޝަރީފް ވަނީ ޕާކިސްތާނުގެ އިގްތިސާދީ ހާލަތު "ތަސައްވަރުވެސް ނުކުރެވޭ" ކަމަށް ވިދާޅުވެފައެވެ.