މެދުއިރުމަތި ދުނިޔެ

"ދިހަ ދުވަސްވީ ދަރިފުޅާއެކު "ވަޅުލެވިފައި" 90 ގަޑިއިރު، ސަލާމަތްވީ ގައިމައްޗައް ވެއްޓުނު އަލަމާރީގެ ސަބަބުން"

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ތުރުކީއަށް ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ފުރަތަމަ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 90 ގަޑިއިރު ފަހުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އުމުރުން 10 ދުވަހުގެ ތުއްތު ކުއްޖަކާއި އެކުއްޖާގެ މަންމަ ސަލާމަތް ކުރި ކުރުން މީޑިއާގެ ފަލަ ސުރުހީތަކަށް އެރިއެވެ.

Ads by Sosun Fihaara

އެހައި ގިނަ ވަގުތު ފަހުން ސަލާމަތް ކުރެވުނު ތުއްތު ޔާގިޒް ސަލާމަތް ކުރެވުނު ކަމީ "މުޢުޖިޒާތެއް" ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ސަލާމަތްވުމަށް ފަހު އިމާރާތްތަކުގެ ދަށުގައި "ވަޅުލެވިފައި" އޮތް 90 ވަރަކަށް ގަޑިއިރު ހިނގައިދިޔަ ގޮތް ޔާގިޒްގެ މަންމަ ނެކްލާ ކަމޫޒް ވަނީ ކިޔައިދީފައެވެ.

ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ނެކްލާ ކަމޫޒް އޭނާގެ ދެވަނަ ފިރިހެން ދަރިފުޅު ޔާގިޒް ވިހާފައިވާއިރު ބިންހެލުން އައިވަގުތު އޭނާ އުޅުނީ ދަރިފުޅަށް ގާތުން ދިނުމަށް ހޭލާ ކަމަށް އޭނާ ބުންޏެވެ. ނެކްލާ ބުނި ގޮތުގައި އޭނާއާއި އޭނާގެ އާއިލާ ދިރިއުޅެމުން އައީ ސަމަންދަގް އަވަށުގެ ފަސް ބުރީގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާގައެވެ. އެއީ "ރީތި އިމާރާތެއް" ކަމަށާއި އެތަނުން އިހުސާސް ކުރެވެނީ އަމާންކަން ކަމަށް އޭނާ ބުންޏެވެ.

ބިންހެލުން އައި ވަގުތު އޭނާގެ ފިރިމީހާ ހުރީ ޖެހިގެން ހުރި ކޮޓަރީގައި ކަމަށާއި އިމާރާތް ހެލެން ފެށުމުން އޭނާ އަނެއް ކޮޓަރިއަށް ދިޔުމަށް މަސައްކަތް ކުރިކަމަށް އޭނާ ބުންޏެވެ.

"އެކަމަކު އަހަރެމެންގެ އަނެއް ދަރިފުޅާއެކު އޭނާ އަހަރެންގެ ގާތަށް އަންނަން އުޅެނިކޮށް އަލަމާރި އެމީހުންގެ މައްޗަށް ވެއްޓި، އެމީހުންނަށް އެމީހުންނަށް ނާދެވުނީ" ނެކްލާ ބުންޏެވެ.

އުމުރުން 33 އަހަރުގެ ނެކްލާ ބުނިގޮތުގައި އޭނާ ތުއްތު ޔަގީޒް މޭމަތީ ބާއްވައިގެން އޮއްވައި އެމީހުން ގައިމައްޗަށް އަލަމާރިއެއް ވެއްޓުނެވެ. އަދި އޭގެ މައްޗައް ފާރުތައް ވެއްޓެމުން ދިޔައިރު ސަލާމަތްވީ އަލަމާރީގެ ސަބަބުން ލިބުނު ރައްކާތެރިކަމުން ކަމަށް ނެކްލާ ބުންޏެވެ. އެގޮތުގައި އެމީހުން 4 ދުވަސް ހޭދަކުރިއެވެ.

ނެކްލާ ބުނިގޮތުގައި އެގޮތުގައި ހޭދަވި ދުވަސްތަކުގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޔަގީޒް ނޭވާލާކަން ކަށަވަރުވާތީ ލިބޭ ހިތްހަމަޖެހުން ކަމަށެވެ.

ކުނީގެ ސަބަބުން އެންމެ ފުރަތަމަ ނޭވާލާން އުނދަގޫވި ނަމަވެސް ވަރަށް އަވަހަށް އެކަން ހަމައަކަށް އެޅެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަލަމާރިއާއި ދަރިފުޅުގެ މަޑު ހަންގަނޑާއި އެމީހުން ލައިގެން ހުރި ފޭރާމާއި ކޮންކްރީޓާއި ކުނިތައް ފިޔަވައި އިތުރު ކަމެއް އޭނާއަށް އިހުސާސެއް ނުކުރެވޭކަމަށް ނެލްކާ ބުންޏެވެ.

ނެކްލާ ބުނިގޮތުގައި އެހެން އޮތް އިރު ދުރުދުރުން މީހުންގެ އަޑު އިވެމުންދިޔައެވެ. އެހީއަށް އެދި ހަޅޭއްލަވައިގަނެ، އަލަމާރިގައި ތަޅަން އޭނާ މަސައްކަތް ކުރިކަމަށްވެސް އޭނާ ބުންޏެވެ.

"އެއްވެސް މީހަކު އެބައުޅޭތަ؟ އެއްވެސް މީހަކަށް އަޑު އިވޭތަ؟" ނެކްލާ ހަޅޭއްލެވި ނަމަވެސް އެއްވެސް އުއްމީދެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.

ނޭކްލާއަށް ރެސްކިއު ޓީމުތަކުގެ ޑްރިލްތަކުގެ އަޑާއި މީހުންގެ ފިޔަވަޅުތަކާއި އަޑުތައް އިވެމުން ދިޔައެވެ.

އެހެންނަމަވެސް އެއަޑުތައް ގާތަށް އަންނަންދެން ހަޅޭއްނުލަވައި އިންނަން މަޖުބޫރުވިކަމަށެވެ. އެގޮތުގައި 90 ގަޑިއިރު ހޭދަވިފަހުން ކުއްތާއެއްގެ އަޑުއިވުނު ކަމަށާއި އެހެންނަމަވެސް އެއީ ހުވަފެނެއް ނޫންބާއޭ ހިތަށް އެރިކަމަށް ނެކްލާ ބުންޏެވެ.

އޭގެފަހުން މީހެއްގެ އަޑު އިވުނުކަމަށާއި ހާލު ރަނގަޅުތޯ އާއި އުޅެނީ ކޮން އެޕާޓުމަންޓެއްގައި ތޯ ސުވާލުކުރި ކަމަށެވެ. އަދި ހާލު ރަނގަޅުކަން އަންގައި ދިނުމަށް އިޝާރާތެއް ދިނުމަށްވެސް އެދުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އެއާއެކު އޭނާ ސަލާމަތްކުރުމުގެ އޮޕަރޭޝަން ފެށި، ދެމައިން ސަލާމަތް ކުރެވުނެވެ. އިސްތަންބޫލް މުނިސިޕަލްޓީ ފަޔަރ ޑިޕާޓްމަންޓުގެ ރެސްކިއު ޓީމުން ޔަގީޒްގެ އުމުރަކީ ކިހާ ވަރެއްތޯ އެހުމުން ޔަގީން ޖަވާބެއް ދޭން ނޭނގުނު ނަމަވެސް ބިންހެލުން އައި އިރު، އޭނާގެ އުމުރަކީ 10 ދުވަސް ކަމަށް ބުނި ކަމަށާއި ސަލާމަތްވެދާނެ ކަމަށް އުއްމީދު ގެއްލުނުކަމަށް ބުނެފައިވާނެކަމަށް ނެކްލާ ކިޔައިދިނެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!