ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތްތާ އެއް އަހަރު ކައިރިވެފައިވަނިކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ކިއެވްއަށް ކުރެއްވި ކުއްލި ދަތުރުފުޅެއްގައި ޔޫކްރޭނަށް 500 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދޭން ވައުދުވެއްވަޑައިގަންނަވައިފިއެވެ.
ޔޫކްރެއިންގައި އަދިވެސް ހަނގުރާމަ ކުރަމުން އަންނައިރު ރައީސް ބައިޑެން އެގައުމަށް ވަޑައިގެން އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރެއްވި އިރު ވައިގެ ހަމަލާތަކުގެ ސައިރަންތައް އަޑުއިވުނުނަމަވެސް މާ ބޮޑު ހަމަލާއެއް ދީފައެއް ނުވެއެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ބައިޑެންގެ މި ދަތުރުފުޅަކީ ޔޫކްރެއިންގެ ޑިމޮކްރަސީއާއި އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ބައިޑަން ވިދާޅުވީ އެމެރިކާއިން ޔޫކްރެއިންއަށް 500 މިލިއަން ޑޮލަރުގެ އިތުރު އެހީ ދޭނެ ކަމަށާއި އޭގެ ތެރޭގައި އާޓިލަރީ އެމިއުނިޝަން، އެންޓި އާމާ ސިސްޓަމް އަދި އެއާ ސަވައިލަންސް ރާޑަރު ހިމެނޭނެ ކަމަށެވެ. އަދި ރަޝިޔާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މީގެ ކުރިން ވެސް އެމެރިކާއިން ވަނީ 50 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ. އެހެން ނަމަވެސް ޔޫކްރެއިނުން އެދޭ ގޮތަށް ހަނގުރާމަ މަތީ ޖެޓު ފޯރުކޮށްދިނުމަށް އެމެރިކާއިން އަދިވެސް އެއްބަހެއް ނުވެއެވެ.
ހަނގުރާމަ ފެށި ފަހުން ހުޅަނގުގެ އެހެން ލީޑަރުން ވެސް ވަނީ ޔޫކްރެއިނަށް ވަޑައިގެންފައެވެ. އެގޮތުން ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން، ޖަރުމަނު ޗާންސެލަރު އޯލާފް ޝޯލްޒް އަދި އިޓަލީގެ ބޮޑު ވަޒީރު މާރިއޯ ޑްރާގީ އާއި އިނގިރޭސި ބޮޑު ވަޒީރު ރިޝީ ސުނަކް އަދި ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކިޔެވްއަށް ވަޑައިގެންނެވިއެވެ.