ޚަބަރު ސިޔާސީ

ރިޒާ އަވަހާރަވުމަކީ ފޫ ނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް: ޕީޕީއެމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކ. ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވުމަކީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނަށާއި، އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ރިޒާ އަވަހާރަވީ ކެންސަރު ބައްޔަށް މެލޭޝިއާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ރިޒާ އަކީ ޕީޕީއެމް އުފެދުނީއްސުރެ ވަރަށް އަގުހުރި ހިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށާއި ޑީއާރްޕީ އާއި ޕީޕީއެމް އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

ޕިީޕީއެމުން ބުނީ ރިޒާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް ދިވެހި ދައުލަތަށްވެސް އަގު ނުކުރެވޭ ހިދުމަތްތަކެއް އިހްލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެއް ކަމަށެވެ.

"އަލްމަރްހޫމް ރިޒާގެ އަވަހާރަވުމަކީ މި ކޯލިޝަނަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެކެވެ." އެ ބަޔާނުގައިވެއެވެ.

ރިޒާ އަކީ ޕީޕީއެމަށް ނިސްބަތްވެވަޑައިގެންނެވި މެމްބަރެއް ކަމަށްވާއިރު ރިޒާ މިފަހަރު ފުރުއްވަމުން ގެންދެވީ މެމްބަރު ކަމުގެ ތިންވަނަ ދައުރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!