ޚަބަރު

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ވަކީން ޚާއްސަ ޙައްލުތަކެއް ބޭނުންވޭ - މިނިސްޓަރ ޝާހިދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް އުފެދިފައިވާ ގޮތުންނާއި އުފެދުމުގައި ހުރި ކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ވަކީން ޚާއްސަ ޙައްލުތަކެއް ބޭނުންވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެފައިވަނީ ޖަރުމަނުވިލާތުގެ ބަރލިންގައި މިހާރު ކުރިއަށްދާ ބަރލިން އިކޮނަމިކް ފޯރަމް 2023ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި އެޤައުމުތަކުގެ ޙާލަތު ވަޒަންކުރުމަށް ޚާއްސަ ގޮތްތަކެއް ހޯދަންޖެހޭ ކަން ފާހަގަކުރައްވައި އެކަމާ ގުޅޭގޮތުން އ.ދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތުގައި އެމަނިކުފާނު ހުންނެވި އިރު ފެއްޓެވި މަސައްކަތެއް ކަމަށްވާ "މަލްޓި ޑިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

އަދި 2004ވަނަ އަހަރު ހިނގައިދިޔަ އިންޑިއާ ކަނޑުގެ ސުނާމީ އާއި ކޮވިޑް-19 ޢާލަމީ ވަބާގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމަށް ކުރި ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި އިތުރު ކާރިސާއެއް ނުވަތަ ބަލިމަޑުކަމެއް ކުރިމަތިވުމުގެ ކުރިން ކުދި ޤައުމުތަކަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން މުހިއްމުކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

ހަމައެއާއެކު މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި އެގޮންޖެހުންތަކަކީ ހަމައެކަނި ކުދި ޤައުމުތަކަށް ދިމާވާނެ ގޮންޖެހުންތަކެއް ނޫން ކަމަށާއި ޔޫރަޕް، އުތުރު އެމެރިކާ އަދި އެފްރިކާގެ އެކި ސަރަހައްދުތަކަށް މިހާރުވެސް މިކަމުގެ ގެއްލުންތައް ފެންނަމުން ދާކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ އެންމެ ބިންތިރި ޤައުމަށް ދިވެހިރާއްޖެ ވީހިނދު، ދުނިޔޭގެ ފިނިހޫނުމިނުގައި 1.5 ޑިގްރީ ސެލްސިއަސްއާއި 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ ދިވެހިރާއްޖެއަށް މަރުގެ ހުކުމެއް އައުމާ އެއްފަދަކަމެއް ކަން ވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ސުލްހައާއި ރައްކަތެރިކަން ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމަށާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމުގައި ކުދި ގައުމުތަކަކީ ބަސް ބުނެވޭ، ބަސް ވިކޭ ބަޔަކަށް ވެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވަނީ ދުނިޔެއަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދުމަށްޓަކައި ކުދި ގައުމުތަކުގެ އަޑުއެހުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ބަރލިން އިކޮނަމިކް ފޯރަމް އަކީ އެކެޑަމީ އޮފް ކަލްޗަރަލް ޑިޕްލޯމަސީ އިން އިންތިޒާމުކުރައްވައި މިހިނގާ މާރޗް މަހުގެ 6އިން 10އަށް ކުރިއަށްގެންދާ ބައިނަލްއަޤުވާމީ ފޯރަމެކެވެ.

Ads by Allied Insurance
  1. ތިހާވަރަށް ވަދު އަޅައިގެން ވެސް ހިބަރެއް ބޭނިއްޖެއްޔާ ފައިދާ ކުރާނެ މިހާރު ތިޔަ ވަދުފޮށީގައި ހުރި ވަދުގައި ހިފާނެ ހިބަރެއް ނެތެއްނޫން، ވަދު ފޮށި ބަދަލްކޮށް އާވަދުތަކެއް ހޯއްދަވާ މާބާވެފަހުރި ދަބަރު ވެސް ޖަހާފަ ހުރި މުސްކުޅި ވަދުހުރީ !