ޚަބަރު އިޖުތިމާޢީ

ރޯދަ މަހު ތިނަދޫގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ބޭއްވުން މަނާ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާން މަހަކީ ވީހާވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި ޢާދަކާދައާއި އުޞޫލުތައް އާލާވާން ފުރުޞަތު ފަހިވާ ޚާއްޞަ ދުވަސްތަކަކަށް ހެދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިރޯދަމަހު އެއްވެސް ބާވަތެއްގެ ކުޅިވަރު ޙަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް އިންތިޒާމްކޮށް ނުހިންގުމަށް ގދ. ތިނަދޫ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

Ads by STELCO

ތިނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި މި ރޯދަމަހު ރައްޔިތުންނަށް ދީނީ އަޅުކަން ކުރުމަށް މަގުފަހިވާނެ ގޮތަކަށް ކަންކަން ކުރުމަށް ވަނީ ރަށުގެ މުއައްސަސާތަކާއި ހުރިހާ ފަރާތްތަކަށް އަންގާފައެވެ. މިގޮތުން ރަށުގައި ހުރި ތަޢުލީމު ފޯރުކޮށްދޭ ތަންތަނުންނާއި، ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި، ވިޔަފާރިވެރީންނާއި، ކުލަބު ޖަމިއްޔާ ޖަމާޢަތް ތަކުންނާއި، އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމު ތަކާއި ގްރޫޕް ތަކުންވެސް ރަމަޟާން މަހާ ކުރިމަތިލާއިރު ރަމަޟާންމަހުގެ މަޤްޞަދު ޙާޞިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ދުވާލު ރޯދަޔަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ވީހާވެސްބޮޑަށް ޙަމްދަރުދީވެ އަޅާލައި، ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް ވަގުތު ފަހިކޮށްދިނުމާއި، ޚާއްޞަކޮށް ފަރުޟު ނަމާދުތަކުގެ ޖަމާޢަތުގެ ވަގުތު ތަކާއި، ތަރާވީޙް ނަމާދާއި، ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތު ތަކާއި ފުށު ނާރާނެހެން، އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ ކަންކަން އިންތިޒާމް ކުރުމަށްވެސް ތިނަދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހަމައެހެންމެ ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ޙަރަކާތްތަކެއްވިޔަސް ކޮންމެހެން ހިންގަން ޖެހޭ ޙާލަތެއް މެދުވެރިވެގެން މެނުވީ (ރަމަޟާން މަހާއި ގުޅުން ހުރި، ދީނީގޮތުން ބޭނުންތެރި ކަންކަން މެނުވީ) ދުވާލު ނުވަތަ ރޭގަނޑު ވިޔަސް ނުހިންގުން. އަދި ރަމަޟާން މަހާއި ގުޅުންހުރި ޙަރަކާތެއް ރޭވިޔަސް، އެކަމެއް ދުރާލާ ރާވައި، ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަންގައި، އަޅުކަމުގެ ވަގުތު ތަކަށް ދަތިނުވާނެހެން، މީހުންނަށް މާބޮޑު ބުރަޔަކަށް ނުވާނެހެން، މާދިގުލައި ނުދާނެހެން، ފަރުވާތެރިކަމާއެކު އެފަދަ ޙަރަކާތްތައް އިންތިޒާމް ކުރުމަށާއި ދުވާލުގެ ވަގުތުވެސް، އަދި ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ޙަރަކާތްތަކެއް ނުވަތަ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް އިންތިޒާމްކޮށް ނުހިންގުމަށްވެސް އެކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.

"ވީވަރަކުން ދީނީ ޙަރަކާތްތައް މުނާސިބު ގޮތެއްގައި އިންތިޒާމް ކުރިކަމުގައިވިޔަސް، އެފަދަ ކަންކަމުގައިވެސް ކަމެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށާއި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ޖަވާބުދާރީވާންޖެހޭ ރަށުގައިހުރި ދައުލަތުގެ އެއްމެ އިސް މުއައްސަސާއަކީ މިއިދާރާކަމަށްވުމުން މިއިދާރާއަށް އެކަންކަމުގެ މަޢުލޫމާތު ވީވަރަކުން ދުރާލައި ޙިއްޞާ ކުރުން" ތިނަދޫ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

ތިނަދޫ ކައުންސިލުގެ އިއުލާނުގައި ބުނެފައިވާގޮތުން ކަސްރަތާއި ޞިއްޙީ ބޭނުންތަކަށް ޙަރަކާތްތެރިވާ ފަރާތްކަށް މަގުފަހިކޮށްދިނުމަށްޓަކައި ރަށުގައިހުރި ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތު ތަކުގައި ޢާއްމުކޮށް ހުޅުވާފައި ބެހެއްޓޭނެ ކަމަށާއި އަދި މީގެތެރެއިން އެއިދާރާގެ ބެލުމުގެ ދަށުގައިހުރި ތަންތަނުގެ ތެރެއިން ވަގުތު ކަނޑައެޅިގެން ހުޅުވާފައި ބެހެއްޓޭ ތަންތަނުގެ މަޢުލޫމާތު ވަކީން ޢާއްމުކޮށް އިޢުލާނު ކުރެވެމުންދާނެކަމަށެވެ.

  1. ހަރީފް

    ކައުންސިލްތައ ބާރުވެރިވާކަމުގ އުފާި ކަ، ރައްޔިް ނަށ މިފރީ މާޝާﷲ