މުޖްތަމައެއްގައި ފަރުދީ ޒިންމާ ނެތި ގޮސްފިނަމަ އިންސާނީ ކަރާމާތް ގެއްލި، ދީނީ އަސާސްތައް ފުނޑުފުނޑު ވެދާނެ: ހުތުބާ
މުޖްތަމައެއްގައި ފަރުދީ ޒިންމާ ނެތި ގޮސްފިނަމަ އެބައެއްގެ ތެރޭގައި އޮތް އިންސާނީ ކަރާމާތް ގެއްލި ދީނާއި ދުނިޔަވީ އަސާސްތައް ފުނޑުފުނޑުވެ، އަހްލާގީ ސިފަތައް ނެތިވެ، މުޖްތަމައުގެ އަމަން އަމާންކަން ގެއްލި އިގްތިސާދީ ގޮތުން އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ޒިންމާ ނެގުމުގެ މައްޗަށް އަލި އަޅުވާލައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ އިންސާނާގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް ނުވަތަ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން މެނުވީ އިންސާނާ ދުނިޔެއަށް ފޮނުއްވުނު މަގްސަދު ހާސިލް ނުވާނެ ކަމަށެވެ. އަދި މީސްތަކުންގެ ހަޔާތުން ފަރުދީ ޒިންމާގެ އިހްސާސް ފިލައިގެން ދިއުމަކީ އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތެއް ކަމަށާއި ފަރުދީ ޒިންމާގެ މަތިން އިންސާނާ ހަނދާންނެތޭނެ ކޮންމެ ވަގުތަކީ އޭނާ ދުނިޔެއަށް ވުޖޫދުވި މަގްސަދު އޮޅި ހަޔާތުގެ މިސްރާބު ހަމަ މަގުން ނެއްޓިގެންދާ ވަގުތު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"މަސްއޫލިއްޔަތާއި ޒިންމާގެ ވައްތަރުތަކުގެ ތެރެއިން އެންމެ މުހިންމު ޒިންމާއަކީ ފަރުދީ ޒިންމާއެކެވެ. އިންސާނާ ކުރާ ކޮންމެ ކަމަކީ، ބުނާ ކޮންމެ ބަހަކީ، ކުރާ ކޮންމެ ހަރަކާތަކީ، އަޅާ ކޮންމެ ފިޔަވަޅަކީ، އެއާމެދު އޭނާ ޒިންމާވާން ޖެހޭނެ ކަމެކެވެ. ގިޔާމަތް ދުވަހުން އެއްވެސް މީހަކަށް އަނެކާ ކުށްވެރި ކޮށްފައި އަމިއްލަ ނަފްސުގެ ނުބައި އަމަލުތަކުން ބަރީއަވެވޭކަށް ނޯންނާނެއެވެ. ކޮންމެ މީހަކު ވެސް ޖަވާބުދާރީ ކުރެވޭނީ އެ މީހެއްގެ ފަރުދީ ޒިންމާއާ މެދުގައެވެ." ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައި ވަނީ އިންސާނާ އަދާކުރަން ޖެހޭ ފަރުދީ ޒިންމާއަކީ އޭނާގެ ހަޔާތް ބާއްޖަވެރިކުރުމަށާއި އޭނާގެ އަމަލުތައް ސީދާކުރުމަށް ކިހާ މުހިންމު ކަމެއްކަން އިހްސާސްވެގެން ދާ ކަމަށެވެ. އަދި ފަރުދީ ޒިންމާގެ މުހިންމުކަން ވަޒަން ކުރެވޭ މީހަކު، އަނެކުންގެ އިހްސާސްތަކަށް ރައްކާތެރިވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ޣީބަ ބުނުމާއި ނެތިމޮށުމާއި އާޑުފުރައްސާރަ ކުރުމާއި، ޒިނޭކުރުމާއި، ހަށިފޭރުމާއި، ޖިންސީ ފުރައްސާރަ ކުރުމާއި އަނިޔާވެރިވުމާއި މިނޫން ވެސް އެންމެހާ ނުބައިކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
"ތިމާގެ ދުލާއި އަތާއި ގުނަވަންތައް ވަކި އިމެއްގެ ތެރޭގައި ކޮންޓްރޯލް ކުރާނެއެވެ. މީސްމީޑިއާގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުމެއް ނުކުރާނެއެވެ. އޭނާ ލިޔާ ލިޔުންތަކާއި ކުރާ ޓްވީޓުތަކާއި ފަތުރާ ޕޯސްޓްތަކާއި، ދައްކާ ވާހަކަތައް ވަކި ހުދޫދެއްގެ ތެރޭގައި ބެހެއްޓުމަށް އޭނާގެ ނަފްސު ގޮވާލާނެއެވެ. ތިމާގެ ގުނަވަންތައް ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ އެ ގުނަވަންތައް ތިމާއާ ދެކޮޅަށް ހެކިދޭނެ ދުވަހެއް އަންނާނެކަން ގަބޫލުކުރާށެވެ." ހުތުބާގައި ބުނެފައިވެއެވެ.