ދީން

ނަރަކައިގެ ވާހަކަ ގިނަގިނައިން ދެކެވި އެ ވާހަކަތައް އަޑުއަަހަންޖެހޭ:ޝައިޚް ޢަބްދުއްސަލާމް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ޝައިޚް ޢަބްދުއްސަލާމް/އިއްޔެ،ދަރުސް ދެއްވަނީ(ފޮޓޯ؛ޖަމްޢިއްޔަތުއްސަލަފް)

ބައެއް ގައުމުތަކުގެ ސުކޫލުތަކުގައި ނަރަކައިގެ ވާހަކަ ދެއްކުމަކީ މަނާކަމެއް ކަމަށާއި އަދި އަނެއްބައި ގައުމުތަކުގައި އެއީ ހަރުކަށި ފިކުރުގެ ތެރޭގައި ގުނަމުންދާ ކަމެއް ނަމަވެސް ނަރަކައިގެ ވާހަކަތައް ގިނަގިނައިން ދެކެވި އެ ވާހަކަތައް އަޑުއަހަންޖެހޭ ކަމަށް ޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖަމްޢިއްޔަތުއްސަލަފުން ކޮންމެ ރަމަޟާންމަހެއްގައި ޢަޞްރުނަމާދަށް ފަހު ބާއްވާ ސިލްސިލާ ދަރުސްތަކުގެ ތެރެއިން މި އަހަރަށް ޚާއްޞަކޮށްފައިވާ މަވުޟޫއު، "ނަރަކަ" ދަރުސް ސިލްސިލާ ފައްޓަވައި ދެއްވުމުގެ ގޮތުން އިއްޔެގެ އަޞްރު ނަމާދަށް ފަހު މަސްޖިދުއްފުރުޤާންގައި ދެއްވި ދަރުހުގައި ޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ ނަރަކައިގެ ވާހަކަތައް ދެއްކުން އެއީ މިހާރު ބައެއް ގައުމުތަކުގައި މަދުކަމެއް ކަމަށެވެ. ނަމަވެސް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް ވަނީ ނަރަކައިގެ ތަފްޞީލީ ބަޔާންތަކުން ފުރިފައިކަމަށާއި އެ ވާހަކަތައް ދެކެވި އަޑުއަހަން ޖެހޭ ކަމަށެވެ.

"ބައެއް ގައުމުތަކުގެ ސުކޫލުތަކުގައި ނަރަކައިގެ ވާހަކަ ދެއްކުމަކީ މަނާކަމެއް، ބައެއް ގައުމުތަކުގައި ޚުތުބާގައި ނަރަކައިގެ ވާހަކަ ދައްކައި މީސްތަކުން އެ ނަރަކައަށް ބިރުގެންނެވުން އެއީ މަދުކަމެއް ، ބައެއް ގައުމުތަކުގައި ނަރަކައިގެ ވާހަކަ ދެއްކުމަކީ ހަރުކަށި ފިކުރުގެ ތެރޭގައި ގުނަމުންދާ ކަމެއް" ޝައިޚް ޢަބްދުއްސަލާމް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ ނަރަކައަކީ އަލިފާނުގެ ގޮވައްޗެއް ކަމަށާއި އެއީ ނުރައްކާތެރިކަމުން ފުރިފައިވާ ތަނެއްކަމަށެވެ. އެހެންކަމުން ނަރަކައިގެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ އީމާންކަމުގެ އަހުލުވެރިން ، އެމީހުންގެ ނަފްސުތައް ނަރަކައިން ސަލާމަތްކުރުމަށް ކަމަށް ޝައިޚް ހަނދާންކޮށްދެއްވިއެވެ.

"ކާއިނާތުގެ މިލްކުވެރި އިލާހު ، އެ އިލާހުގެ އަޅުތަކުންނަށް ތެދުމަގު ދެއްކެވުމަށް ޓަކައި ފޮނުއްވެވި މަތިވެރި އިރުޝާދު، ކީރިތި ޤުރުއާން ވަނީ ނަރަކައިގެ އެކިއެކި ތަފްޞީލީ ބަޔާންކޮށްދެއްވުމުން ފުރިފައި ، ވިސްނާ ބަޔަކަށް ޢިބުރަތެއް ލިބުމަށް ޓަކައި ، އެ ނަރަކައިގެ ނުރައްކާތެރިކަމާއި އެ ތަނުން ސަލާމަތްވެގަތުމަށް ޓަކައި ،އުއްމަތަށް ރަޙުމެއްކަމުގައި ފޮނުއްވި ކައު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އެކަލޭގެފާނުގެ ރަޙުމަތުގެ ބޮޑުކަމާ އެކުގައި ވެސް އެކަލޭގެފާނުގެ އޯގާތެރިކަމުގެ ބޮޑުކަމާ އެކުގައި ވެސް އުއްމަތަށް ވަނީ ނަރަކައިގެ ނުރައްކާތެރިކަމާ އެކު އެ ތަނުގެ ސިފަތައް ތަފްޞީލީ ގޮތެއްގައި ބަޔާންކޮށްދެއްވައިފައި ، އީމާންކަމުގެ އަހުލުވެރިން އެބައިމީހުންގެ ނަފްސުތައް ސަލާމަތްކުރުމަށް ޓަކައި ، ނަރަކައިގެ ވާހަކަ ގިނަގިނައިން ދެކެވި އެ އަޑު އަހަން ޖެހޭ" ޝައިޚް ވިދާޅުވިއެވެ.

"ނަރަކަ"ސިލްސިލާ ދަރުސްގެ އިފްތިތާޙީ ދަރުސްގައި ޝައިޚް ވަނީ ނަރަކައިގެ ނުރައްކާތެރިކަމަށް އަލިއަޅުއްވައިލައްވަވައިފައެވެ. އެ ގޮތުން އަޅުގަނޑުމެންގެ ތެރެއިން މީހަކު އެމީހެއްގެ ނަފްސު ސަލާމަތްކުރުމަށް ޓަކައި ކުރެވެން އޮތީ ކިތަންމެ ކުޑަކަމެއްކަމުގައި ވިޔަސް އެ ފަދަ ކަމެއް ކޮށްގެން ނަރަކައިން ސަލާމަތްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވައިފައިވާކަން ހަނދާންކޮށްދެއްވަމުން ނަރަކައިގެ ގަދަފަދަކަމާ ގުޅޭ ޙަޤީޤަތްތައް ޝައިޚް ބަޔާންކޮށްދެއްވިއެވެ.

"ނަރަކައަކީ އަލިފާނުގެ ގޮވައްޗެއް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވައިފައިވަނީ އަޅުގަނޑުމެން އިންސާނުން މި ދުނިޔެ މަތީގައި އެންދުމަށް ބޭނުންކުރާ މި އަލިފާނަކީ ނަރަކައިގެ އަލިފާނުގެ 70ބައިކުޅަ އެއްބައޭ ، އެ ހިނދު އަސްޙާބު ބޭކަލުން މި ދަންނަވަނީ ތިމަންނަމެންގެ އަތްތަކުގައި މި ގެންގުޅޭ އަލިފާން ފުދޭ ނޫންތޯއޭ ޢަޒާބަކަށް، ޙަދީޘްކުރައްވަނީ ނަރަކައިގައި އޭގެ ފަސްދޮޅަސްނުވަ ގުނަ އިތުރުކުރެވިގެންނޭ ވަނީ ، އެއިން ކޮންމެ ގުނައެއްގައި ދުނިޔޭގެ އަލިފާނުގެ ހޫނު ހުންނާނޭ ، އެއިން ކޮންމެ ގުނައެއްގައި ދުނިޔޭގެ އަލިފާނުގެ ހޫނު ހުންނާނޭ ،އަޅުގަނޑުމެން ދަގަނޑުވިރުވައިލުމަށާއި އަދިވެސް އެހެނިހެން ކަންކަމުގައި ބޭނުންކުރާ މި ބާރުގަދަ އަލިފާން ، ﷲ ސުބުޙާނަހޫ ވަތަޢާލާ ނަރަކައިގައި ލައްވަވައިފައިވަނީ ފަސްދޮޅަސްނުވަ ގުނަ އިތުރުވާ ގޮތެއްގައި ، ދުނިޔެއަށް ފޮނުއްވި އަލިފާން ވަނީ  ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އަލިފާނުން އަލިކަން ގެނެސްދިނުމަށް ޓަކައި ދެ ފަހަރެއްގެ މަތީން ފެނުން ދޮންނަވައިފައި"ޝައިޚް ވިދާޅުވިއެވެ.

ޖަމްޢިއްޔަތުއް ސަލަފްގެ މި ސިލްސިލާ ދަރުސްތަކުގެ ތެރެއިން ކުރީ އަހަރުތަކުގައި ސުވަރުގެ އަދި ޤިޔާމަތުގެ އަލާމާތްތަކާ ގުޅޭ ގޮތުން ވެސް ވަނީ ދަރުސްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި އަހަރުގެ ސިލްސިލާގައި ނަރަކައިގެ އެކިއެކި ވާހަކަތައް ބަޔާންކޮށްދިނުމަށް އެ ޖަމްޢިއްޔާއިން ވަނީ ރާވަވައިފައެވެ. މި ސިލްސިލާ ދަރުސްތައް އޮންނާނީ ކޮންމެ ދުވަހެއްގެ އަސުރު ނަމާދަށް ފަހު މަސްޖިދުލްފުރުޤާންގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!