ރިޕޯޓް

އެއީ ނޭވާ ހިފަހައްޓާލައިގެން ހުންނަން ޖެހުނު، ހާސްކަން ވަރަށްބޮޑުވި ވަގުތުކޮޅެއް: ޔޫންގެ މައިންބަފައިން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޔޫން ލިސީ ހޮސްޕިޓަލުގައި ފަރުވާ ހޯދަނީ/ ފޮޓޯ "ދެން" އަށް ހިއްސާކުރީ ރިހޫ

ޔޫން އަކީ ދިވެހި ފިލްމީތަރި މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހްލާ (ރިހޫ) ގެ އެންމެ ހަގު ދަރިފުޅެވެ.

Ads by Sosun Fihaara

އުމުރުންް ނުވަ މަހުގެ ޔޫން އަކީ އުފެދުމުގައި ވެސް ހިތުގެ މައްސަލަތަކެއް ހުރުމުގެ ސަބަބުން އަވަސް ފަރުވާއަށް ބޭނުން ވެފައިވާ ކުއްޖެކެވެ. އެފަރުވާ ޔޫން އަށް ލިބުމުގައި ވަރަށް ގިނަ ދަތިތަކަކާއި ވެސް ކުރިމަތިވިއެވެ.

ޔޫންގެ ވާހަކަ "ދެން" އަށް ހިއްސާ ކުރަމުން ރިހޫ ބުނީ ޔޫން އުފަންވިތާ ދެވަނައަށް ވީ ދުވަހު ވެސް ޔޫން ގޮވައިގެން އެމަޖެންސީކޮށް އިންޑިއާއަށް ދާން ޖެހުނު ކަމަށާއި އެ ފަހަރު ވެސް ޔޫންގެ ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ.

"ބޭބީގެ ހިތުގެ ވާތްފަޅި އެއްވެސް ވަރަކަށް މަސައްކަތް ނުކޮށްގެން އެއިރު އޮޕަރޭޝަން ކުރީ. ވިހެއިރު ބޭބީގެ ނޭވާއަށް އުނދަގޫވެ ވެންޓިލޭޓަރަށް ލާން ޖެހުނު. އޭގެފަހުން ބޭބީގެ އެކޯއެއް ހެދިއިރު އެނގުނީ ބޭބީގެ ހިތުގެ ވާތްފަޅި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާކަމާ ލަންގްސް ސްޓިފް ވެފަ ހުރިކަން ވެސް . އެހެންވެ ވަގުތުން ފުރުވާލީ އިންޑިއާއަށް. ހާޓް އޮޕަރޭޝަން ކުރީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގަ. އެކޮޅުގަ އެއިރު ގާތްގަނޑަކަށް މަހެއްވަރު ހުންނަން ޖެހުނު" ރިހޫ ކިޔައިދިނެވެ.

އެ އޮޕަރޭޝަނަށްފަހު އެނބުރި ރާއްޖެއައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ އިތުރު ފޮލޯއަަޕެއް ހެދިއިރު އިތުރު މައްސަލަތަކެއް ޖެހިފައިވާކަން ވަނީ އެނގިފައެވެ. އެގޮތުން ޔޫންގެ ހިތުގެ އޮޕަރޭޝަން ކޮށްފައި ގުޅުވާފައި އިންނަ ނާރު މަޑުމަޑުން ބެދެމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ހިތުގެ ލޭގެ ޕްރެޝަރ ވެސް ހުންނަން ޖެހޭ ވަރަށްވުރެ އިތުރު ވެފައިވާކަން ވެސް ވަނީ އެނގިފައެވެ.

އެހެންކަމުން އެފަހަރު ވެސް އެދެމަފިރިން ވަނީ ޔޫން ގޮވައިގެން އަވަސް ފަރުވާއަށް އިންޑިއާއަށް ގޮސްފައެވެ.

އެއިރު އިންޑިއާ އަށް ގޮސް ބޭސް ކޮށްގެން އައުމަށްފަހު މިދިޔަ މަހު އަނެއްކާވެސް ޔޫންގެ ބަލިހާލަތު ދަށްވާން ފެށިއެވެ. އެގޮތުން، ހުން އައިސް، ނޭވާލާން ދަތިވުމާއި ރަނގަޅަށް ނުކެވުން ފަދަ ކަންކަމާއި ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން ޑޮކްޓަރުން ލަފާ ދެއްވީ އަނެއްކާވެސް އަވަހަށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށެވެ.

ނަމަވެސް މިފަހަރު ވަރަށް ގިނަ ދަތިކަމަކާއި ކުރިމަތިވިއެވެ. ޔޫން އަށް އާސަންދަ ހަމަޖެހުނު ކަމުގައި ވިޔަސް ފުރަތަމަ ހަމަޖެހުނީ އަމްރިތާ ހޮސްޕިޓަލުންނެވެ. ޔޫން ކުރިން ދެއްކި ޑޮކްޓަރު ޑރ. ސުނިލް އަމްރިތާ ހޮސްޕިޓަލުގައި މިހާރު ނުއިންނާތީ އެދެމަފިރިން އެދެމުން ދިޔައީ ކުރިންް ދެއްކި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާާމު ހަޖައްސައި ދިނުމަށެވެ. އެކަމަށްޓަކައި އަމިއްލަ ޚަރަދުގައި ދިޔުމަށް މަސައްކަތްކޮށް، ޑޮނޭޝަން ހޯދުމުގެ މަސައްކަތް ވެސް ކުރިއެވެ.

އެއަށްފަހު ކުރިމަތިވީ އަނެއް ގޮންޖެހުމަކީ އިންޑިއާއަށް ފުރަން އާސަންދައިގެ ފަރާތުން ފްލައިޓުން ޖާގަ ހަމަނުޖެހުމެވެ. ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކީ ޔޫން އަށް ހުރި ނުރައްކަލަކަށް ވުމުން، ރިހޫ އާއި ޔުނާން އަށް މަޖުބޫރުވީ އެކުޑަ ދަރިފުޅު ގޮވައިގެން މަދަދަށް އެދި މުލިއާގޭ ދޮށަށް (ރައީސުލް ޖުމްހޫރިއްޔާގެ ގެކޮޅު) ގޮސް ދަންނަވާށެވެ. އެއީ އެމީހުން ޖެއްސި "ސްޓަންޓެއް" ކަމަށް ބައެއް މީހުން ބުނި ކަމުގައިވިޔަސް، ތުއްތު ދަރިފުޅަށްޓަކައި އެދެމަފިރިންގެ ހިތުގައި ވެރިވެފައިވާ ހާސްކަން އެދުވަހު ވެސް އެމީހުންގެ މޫނުމަތިންނާއި ލޮލުން ފޫދެމުންދިޔަ ކަރުނައިން ހާމަވާން ހުއްޓެވެ.

އެންމެފަހުން ، އެތައް ބައެއްގެ އެހީތެެރިކަމާއިއެކު އެދެމަފިރިންނަށް ޔޫން ގޮވައިގެން ފަރުވާއަށް ދެވޭ ގޮތް ވިއެވެ. ޔޫން ގޮވައިގެން އިންޑިއާއަށް އެދެމަފިރިން ދިޔައީ ޖުލައި މަހުގެ 29 ވަނަ ދުވަހުގައެވެ. ނަމަވެސްް ފުރަތަމަ ތިބެން ޖެހުނީ ލިސީ ހޮސްޕިޓަލުގައި 14 ދުވަހުގެ ކަރަންޓީނުގައެވެ.

އޮަޕަރޭޝަން ކާމިޔާބުވުންް: 

ޔޫންގެ ހިތުގެ އޮޕަރޭޝަން އިއްޔެ ހެނދުނު ކޮށްފައިވާއިރު، މާތް ﷲ ގެ އިރާދަފުޅާއެކު އެއޮޕަރޭޝަން ވަރަށް ވެސް ކާމިޔާބެވެ. އަށް ގަޑިއިރުގެ އެއޮޕަރޭޝަން ކާމިޔާބުވުން ވެގެން ދިޔައީ ރިހޫ އާއި ޔުނާން ގިނަ ދުވަސްތަކެއް ވަންދެން ކުރި ފިކުރުތަކަށް ލިބުނު އެންމެ އުފާވެރި ޚަބަރަށެވެ.

"ނޭވާ ހިފަހައްޓާލައިގެން ހުންނަން ޖެހުނު ވަގުތުކޮޅެއް ހަމަ އެއީ. ވަރަށް ވެސް ފިކުރު ބޮޑުވެ، ހާސްކަމުގައި ހުންނަން ޖެހުނީ. ދުވަހަކުވެސް އެހާސްކަން ހިތުން ފިލައިގެނެއް ނުދާނެ. އެއިރުވެސްް ބުނަމުން ގެންދިޔައިން ޑރ. ސުނީލް އަށްވުރެ ރަނގަޅަށް މިކަން އެހެން މީހަކަށް ނުކުރެވޭނޭ. ޑރ. ސުނީލް ކޮށްފައިން ސާޖަރީއެއް ރަނގަޅު ކުރެވޭނީ އޭނައަށް އެކަނި. ޑރ. ސުނީލް އާއި ވާހަކަ ދެއްކިއިރު ބުނި ޑރ. އެލީނާއަށް މިކަން ފާހަގަ ވެގެން މިކަމާއި އަވަސް ފިޔަވަޅެއް އަޅާ ޑރ. ސުނީލް ކައިރިއަށް އާދެވުން މިއީ އެންމެ ރަނގަޅަށްވީ ކަންތަކޭ" ރިހޫ ބުންޏެވެ.

މީގެ އިތުރުން ރިހޫ ބުނީ ޑރ. ސުނީލް ގެ އަތް މައްޗަށް އެމީހުންގެ ދަރިފުޅު ދޫކޮށްލީ، ވަރަށް "ހަނި ޕަސެއްޓޭޖެއްގައި" ދަރިފުޅު ހުއްޓާ، ޑރ. ސުނީލް އަށް ވަރަށް އިތުބާރާއެކު ކަމަށެވެ.

"އަމްރިތާ ހޮސްޕިޓަލުން އެމީހުން ހެދި އެކޯ، ފަރުވާ ބަހައްޓައިގެން އެމީހުން ހެދިނަމަ މިއަށްވުރެ ވެސް އަވަސްވީސް ޔޫން ގެ އޮޕަރޭޝަނަށް. ރާއްޖެއިން އެކޯ ހަދާފަ އަމްރިތާއަށް ފޮނުވީމަ، އެތަނުން އެއްވެސް މައްސަލައެއް ނެތޭ ބުނެފަ ފޮނުވާލީ. އެއަށްފަހު އަނެއްކާވެސް އެކޯ ހެދިއިރު ފެނުނީ ހަމަ އެއްކަންތައް ތަކެއް، އެކަމަކު ކުރިއަށްވުރެ ހާލުދެރަ. އާސަންދައިން ތަންކޮޅެއް ޒިންމާދާރުކަމެއް މިކަންކަމަށް ދޭން ފެނޭ. އަދި އުސޫލާއި ޕޮލިސީއަކީ ފުރާނައަށްވުރެ މުހިންމު އެއްޗަކަށް ވެގެންް ނުވާނެ. އެއީ އެއިރެއްގެ ހާލަތަށް ބަލާފަ ބަދަލުވާން ޖެހޭ، ބަދަލު ކޮށްދޭންޖެހޭ އެއްޗެއް" ރިހޫ ބުންޏެވެ.

ޝުކުރުގެ ލިސްޓު:

"ޔޫންގެ އޮޕަރޭޝަން ކާމިޔާބުވީތީ އެންމެ ފުރަތަމަ ވެސް ޙަމްދާއި ޘަނާކިޔައި ޝުކުރު އަދާކުރަނީ އަހަރެމެން ހެއްދެވި ފަރާތަށް. އޮޕަރޭޝަން ކާމިޔާބުވީ އެކަލާނގެ އިރާދަފުޅާއެކު."

މީގެއިތުރުންް ރިހޫ އާއި ޔުނާން ވަނީ ޔޫން އަށް އަވަސް ޝިފާއެއް ލިބުމަށްއެދި ހެޔޮ ދުޢާ ކޮށްދިން އެންމެހާ ފަރާތްތަކަށް ވަަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފައެވެ. އެގޮތުން ޔޫތު މިނިސްޓަރ އަޙުމަދު މަޙުލޫފް އަށާއި އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އަށް އެދެމަފިރިން ވަނީ ވަރަށް ޚާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.

"ޓްވިޓާއިން ޕޯސްޓުތައް ފެނިގެން އެދުވަހު (މުލިއާގޭ ދޮށަށް ދިޔަ ދުވަހު) އެތަނަށް މިނިސްޓަރ މަޙްލޫފް ވެސް ވަޑައިގަންނަވާ ވެގެން އުޅޭ ގޮތް ބެއްލެވި. އަދި އޭގެ ކުޑައިރުކޮޅެއް ތެރޭ އެމަނިކުފާނުގެ އަނބިކަނބަލުންް ވެސް ގުޅައިގެން ކަންކަން ހަމަޖައްސައި ދިނުމަށް މަސައްކަތްް ފެއްޓެވި. ހަގީގަތަށް ބުނަންޏާ ޔޫން ގޮވައިގެން މިތަނަށް އާދެވިފައި މިތިބީ އެދެމަފިރިންގެ އެހީތެރިކަމާއި ބުރަ މަސައްކަތުގެ ސަބަބުން. ޚާއްސަކޮށް ނަޒޫ އަޅުގަނޑުމެންގެ ހާލުވެސް ބަލާ، ގުޅެން ހުރި ހުރިހާ މުއައްސަސާއަކަށް ގުޅާ، ކަންކަން ހަމަޖައްސައި ދެއްވުމުގައި އެރޭ އެއްކޮށްހެން ބުރަކޮށް އުޅުއްވި. އެދެބޭފުޅުން މިކަންތައް ކޮށްދެއްވީ ސަރުކާރުުގެ ފަރާތަކުން ނޫން، ހަމަ އެދެބޭފުޅުން އަމިއްލައަށް ވެދޭ އެހީތެރިކަމެއްގެ ގޮތުގައި. އެހެންވީމަ އެދެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން" ރިހޫ ބުންޏެވެ.

މީގެއިތުރުން ދެން ރިހޫ ފާހަގަ ކޮށްފައިވަނީ ޔޫންގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްދެއްވި ޑރ. ސުނީލް އާއި ޑރ. އެލީނާގެ ނަމެވެ.

"ކަރަންޓީނުގައި ހުރި ދުވަސްތަކުގައި ވެސް މިދެޑޮކްޓަރުން ޔޫން ގެ ކަންކަން ވަރަށް ގާތުން ވަރަށް ރަނގަޅަށް ބެއްލެވި. ވަރަށް ފަރުވާތެރިކަމާއި ވަރަށް އޯގާތެރިކަމާއެކީ. ޑރ. ސުނީލް އަށާއި ޑރ. އެލީނާއަށް ޝުކުރު އަދާކުރުމަކީ ހަމަ އެކަނި ބަސްތަކުން ކުރެވޭނެ ކަމެއް ވެސް ނޫން. އެހެންނަމަވެސް އެދެބޭފުޅުންނަށް ހިތުގެ ހަމަ އެންމެ ފުން މިނުން، ފަށްފަށުން ޝުކުރު އަދާކުރަން" ރިހޫ ބުންޏެވެ.

ރިހޫ އާއި ޔުނާން މީގެއިތުރުން ޝުކުރު އަދާކޮށްފައިވަނީ ޔޫންގެ ބޭސްފަރުވާއަށް އެހީތެރިވުމަށް ރާއްޖެއިން ޚަރަދު ކޮށްދެއްވި ދީލަތި ވިޔަފާރިވެރިޔާ އަށެވެ. ޔޫން އަށް ދިން ހަދިޔާއެއްގެ ގޮތުގައި ދެއްވި އެހީތެރިކަން އަބަދުވެސް ފާހަގަ ކުރާނެކަން އެދެމަފިރިން ބުންޏެވެ.

މީގެއިތުރުން ޔޫން އަށް ހެޔޮ ދުޢާ ކޮށްދިން އެންމެހާ ފަރާތްތަކަށް ވެސް ޔޫން ގެ ފަރާތުންނާއި އެދެމަފިރިންގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފައެވެ.

Ads by Allied Insurance
  1. ޙުސޭނު

    ކިތަންމެ ކުޑައެހީއެއްވިޔަސް އެ އެހީތެރިކަން ދިން މީހުންނަށް ޝުކުރު އަދާކުރަންވާނެއެވެ. ބޭނުންވާ ކަންތައް ވީމަ މުއްސަނދިންނަށް ޝުކުރު އަދާމިކުރީމަ ވަރަށް ކަޑަ އެވެ. ކަޑަ…

    • ޥަަނުވަަަ

      ބަލަ އެއޮތިި އެންމެން ވެސް ހިމަނًފ ސުކުރު އًދً ކޮއްފަ އެއްނު ނިކަން ކިޔً ބަލަ ސًފުކޮއް

  2. ހައްސާން

    ޔޫންއަށް އެހީވީ ހުރިހާ އެންމެންނަ ޝުކުރު ޔުނާން އައީ ރިހުލާ ކުރި ބުރަމަސައްކަތައް އައްސަރިބަހާ ސާބަސް.�

  3. ޖިނާން

    މާތްﷲ އަށް ހަމްދުހުރި!!
    މަރުހަބާ..