ޚަބަރު ރައްޔިތުންގެ މަޖިލިސް

ފެނަކަ ކުންފުނީގެ މެނޭޖްމަންޓް އަދި ފައިނޭންޝިއަލް އޮޑިޓެއް ހެދުމަށް ހުށައެޅި މައްސަލަ މަޖީލިހުން ބޭރުކޮށްލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓް އަދި ފައިނޭންޝިއަލް އޮޑިޓެއް ހެދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

Ads by Sosun Fihaara

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ، ފެނަކައިން ކުންފުނިތަކާއި ކުދި ވިޔަފާރިތަކަށް 2.8 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ދަރާފައިވާ ކަމަށާއި އެ ފައިސާ ނުލިބުމުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިވެ، މުއައްޒަފުންނަށް މުސާރަ ނުދެވި، ކުދި ވިޔަފާރިތައް ބަނގުރޫޓުވަމުން ދާ ކަމަށެވެ. އަދި މީގެ އިތުރުން ފެނަކައިގެ މާލީ ހާލަތު އެ ފެންވަރަށް ގޮސްފައިވީ ނަމަވެސް ސިޔާސީ ކަންކަމަށާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް އެ ކުންފުނި މެދުވެރިކޮށް ހަރަދު ކުރާ ކަމަށާއި އެ މުއާމަލާތްތައް ހިންގުމުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިންގަމުންދާ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފައިވާ ކަމަށްވެސް ކުއްލި މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭގެ އިތުރުން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާވެސް ނުދެވި އެ ފަރާތްތަކުން މުޒާހަރާކުރާ ހިސާބަށްވެސް ގޮސްފައިވާ ކަން އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.

ފެނަކައިގެ ދަރަނީގެ ބަހުސް ކުރުމަށް ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 18 ބޭފުޅަކު ވޯޓު ދެއްވީ ބަހުސް ނުކޮށް މައްސަލަ މަޖިލިހުގެ ތަޅުމުން ބޭރު ކޮށްލުމަށެވެ. ބަހުސް ކުރަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 15 މެންބަރެކެވެ. އެ މައްސަލަ ފާސްކުރަން 17 ވޯޓު ބޭނުންވެއެވެ. އެހެންކަމުން މިމައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!