މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވައިލައިފި

މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލަށް އާއްމުންގެ ހިޔާލު ހުށައެޅުމަށް ހުޅުވައިލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ "މާލީ އަދި އެހެނިހެން މަޞްލަޙަތުތައް ހާމަކުރުމުގެ ބިލު " އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ފުރުޞަތު ހުޅުވާލައިފައިވާކަމަށެވެ.
"މި ބިލަށް އެއްވެސް ޚިޔާލެއް ނުވަތަ އިޞްލާޙެއް އޮތްނަމަ 4 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 00:12 ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެސް mv.gov.majlis@committee_accounts.public އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައިދެއްވުން އެދެމެވެ" މަޖިލީހުން މިއަދު ބުންޏެވެ.
މި ބިލަކީ ޤަަނޫނު އަސާސީ އާއި ގާނޫނުތަކުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މީހުންނާއި ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ނިޒާމު އެއްހަމަކޮށް ދެފުށް ފެންނަ ގޮތަކަށް މާލީ ބަޔާން ހުށައެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުތައް ޤަައިމު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ހުށަހަޅުއްވާފައިވާ ބިލެކެވެ.