ވައްޑެގެ ސުވާލެއް:ނަޝީދުގެ ބޭސްފަރުވާއަށް ހަރަދުވީވަރު އާއްމުކުރެވިފަ، ޞާލިހުގެ ދަތުރުގެ ހަރަދު އާއްމު ނުކުރެއްވުނީ ކީއްވެ؟

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ލިބުނު އަނިޔާތަކަށް ބޭރުގައުމެއްގައި ހުންނަވައިގެން ކުރެއްވި ހަރަދު އާއްމުކުރެވުނު އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް އާއްމު ނުކުރެއްވެނީ ކީއްވެތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ސުވާލު އުފައްދައިފިިއެވެ.
ވައްޑޭ މިހެން ވިދާޅުވީ ރައީސްގެ ސިންގަފޫރުގެ ދަތުރުގެ ހަރަދުތައް އާއްމު ނުކުއްރެއްވޭނެކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރެއް ޓްވިޓާގައި ހިއްސާ ކުރައްވައެވެ.
"ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލީމާ ބޭރުގައި އޮންނަވައިގެން ފަރުވާއަށް ހޭދަވި އަދަދުތައް ގައިމުވެސް ފިނޭންސް މިނިސްޓްރީން ހާމަކުރެއްވި. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުތަކުގެ ޚަރަދު އެގޮތަށް ހާމަނުކުރައްވަނީ ކީއްވެބާ؟" ފިނޭންސް މިނިސްޓަރު އަމީރު ޓެގުކުރައްވާ ވައްޑޭ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
އޮންލައިން ނޫސް "ދިޔަރެސް" ގައި ބުނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ޤާނޫނުގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިދިޔަ ފެބްރުއަރީ މަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވި މިންވަރު ހޯދަން އެދުމުން، ޤާނޫނުގައި ބުނާ މުއްދަތު ހަމަވުވުމުން ރައީސް އޮފީހުން ވަނީ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.އެހެން ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް ރައީސް އޮފީހުން އެ މައުލޫމާތު ހާމަކޮށްފައިނުވާކަމަށްވެސް އެނޫހުން ބުނެފައިވެއެވެ.