ބަހަން ގެނައި ކާށި ހުސްވެ، ބެހުން މެދުކަނޑައިލައިފި

ޗަމްޕާ ބްރަދާރސްގެ ފަރާތުން މާލޭގައި ބަހަން ގެނައި ކާށި ހުސްވެ ކާށިބެހުން މެދުކަނޑާލައިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި ޗަމްޕާ ބްރަދާރސްގެ ފަރާތުން މާލޭގައި ބަހަން ގެނައި 35،000 ކާށި މިހާރު ވަނީ ބަހައި ހުސްވެފައެވެ. އެހެންނަމަވެސް މި ހަފުތާގެ ބުދަ ދުވަހު އިތުރު 15،000 ކާށި ސިޓީ ކައުންސިލަށް ލިބޭނެ ކަމަށާއި އަދި އެ ކާށިތައް ލިބޭހާ އަވަހަކަށް ބެހުމުގެ މަސައްކަތް ފަށާނެކަމަށް އެކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
ކާށި ބަހާ ރޭޓުގެ އިތުރުން ބަހަމުންދާނެ ގޮތަށް ކައުންސިލުގެ 4 ވަނަ ދައުރުގެ 97 ވަނަ ޖަލްސާގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން 5 ކާށީގެ ރޭޓުން ބަހަމުން ގެންދިޔަ ނަމަވެސް ފަހުން އެ ރޭޓު ވަނީ 10 ކާއްޓަށް ބަދަލު ކޮށްފައެވެ.
މީގެ އިތުރުން ކުރިން ކައުންސިލުން ފުރަތަމަ 5 ދުވަހު ކާށި ބަހާފައިވަނީ ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ޗަންޕާ ބްރަދާރސްގެ ފަރާތުން މާލޭގައި ކާށި ބަހަން ނިންމާފައިވަނީ، ކާށި ލިބުން ދަތިވެ، ކާށީގެ އަގު ބޮޑުވެފައިވުމުންނެވެ.