ޚަބަރު ސިޔާސީ

ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމަކީ ގައުމަށް ހިޔާނާތްތެރިވުން: ދުންޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމަކީ ގައުމަށް ހިޔާނާތްތެރިވުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by MWSC
ދުންޔާ ވިދާޅުވީ ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް އޮކްޓޯބަރު 22ގައި ފޮނުވި ސިޓީ ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ. އަދި އެކަމަކީ ރައީސްކަމުގެ ހުވަޔާ ހިލާފު ކަމެެއް ކަމަށާއި “ އެއީ ރައީސްކަމުގެ މަގާމުން ދުރުކުރެވޭނެ ވަރުގެ ކުށެއް” ކަމަށް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް އަައިސްފައިނުވާ ކަމަށް ވިދާޅުވެ ދިވެހި ސަރުކާރުން ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ.

ބަޔާނުގައި ބުނެފައިވަނީ، އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރެއް ކަމަށްވާ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" މިޤަރާރު އެމަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅިއްޖެނަމަ، އެޤަރާރަށް ރާއްޖެއިން ތާއީދުކުރުމަށް ނިންމާފައިވާކަން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް އަންގާފައިވާނެކަމަށެވެ.

އަދި މި ނިންމުން ނިންމެވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެންކަމަށް ސަރުކާރުގެ ބަޔާނުގައިވެއެވެ.

އަދި އ.ދ.ގެ ޢާއްމު މަޖިލީހުގެ އެޤަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ޤަރާރެއް ނޫންކަމަށާއި، މި ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށްވެސް އަންގާފައިވާ ކަމަށް ސަރުކާރުން ހާމަކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!