ރަނގަޅު އަމަލުތައް ނުބައި އަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުން: ޚުތުބާ

ރަނގަޅު އަމަލުތައް ނުބައި އަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ޢަމަލުތަކުގައި އިހްލާސްތެރިވުން" މިއެވެ.
ޚުތުބާގައި ބުނެފައި ވަނީ އަމިއްލަ އެދުން ބޮޑުވެ ތާރީފްކުރުމަށް ލޯބިކުރެވުނު ވަރަކަށް އިހްލާސްތެރިކަމުގެ ބައްތި ކަނިވަމުންދާނެ ކަމަށެވެ. އަދި މާތްﷲ ގަބޫލު ކުރައްވަނީ އެއްވެސް ކިލަނބުކަމެއް ނެތް ސާފު ސާލިޙް އަމަލުތައް ކަމަށާއި އިސްލާމްދީން ދެކޭ ގޮތުގައި ކަންދެއްކުމަކީ ޝިރުކުގެ ބާވަތެއް ކަމަށެވެ.
މީގެ އިތުރުން އިހްލާސްތެރިކަން އެންމެ ބޮޑަށް ބޭނުންވާ އެއް މައިދާނަކީ އިލްމާއި ސަގާފަތިގެ މައިންދާން ކަމަށާއި މާތްﷲ އިންސާނާއަށް ދެއްވި އެންމެ މާތް އެއް ނިޢުމަތަކީ އިލްމު ކަމަށްވާއިރު އެ އިލްމު ނުބައި މަޤްސަދެއްގައި ބޭނުން ކުރެވިގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.