ދީން

މަގާމާއި ފައިސާއިން އަހަންނަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ މިއަދު މަރުވިޔަސް އެއްލާލާނީ ވަޅުގަނޑެއްގެ ތެރެއަށެވެ.

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ޝައްކެއްވެސް ނެތެވެ. މިދުނިޔެއަކީ ވަގުތީ ދުނިޔެއެއްކަން އެންމެންނަށް ވެސް އެނގެއެވެ. މިދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއް ނެތި ފަނާވެދާނެކަން ވެސް ކަށަވަރެވެ.

ނަމަވެސް މިކަން ހިތުގެ އެންމެ ފުންމިނުން، ފުރިހަމަ އީމާންތެރިކަމާ އެކީ ޤަބޫލު ކުރަނީ އަހަރުމެންގެ ތެރެއިން މަދު ބައެކެވެ."

މިއީ އަހަރެންނަށް ވަރަށް ގިނައިން އިވެމުން އަންނަ ބަސްތަކެކެވެ. ހަމައެހެންމެ މިއީ އަހަރެމެން ޝައްކެއް ނެތި ޤަބޫލު ކުރާ ކަމެއް ވެސްމެއެވެ.

އަހަރެމެންގެ ވަށައިގެން، ދުނިޔެމަތީގައި ހިނގަމުން އަންނަ ކަންކަމަށް ނަޒަރު ހިންގާލީމެވެ. ބައެއް މީހުންގެ ކިބައިން ފެންނަނީ ހިތާމަވެރި ޢަމަލުތަކެވެ.

ނުހަނު މުއްސަނދިކަމަށް ލޯބިކޮށް ދުނިޔަވީ އުފަލާ އަރާމުގައި ދިރިއުޅޭ މީހުން އަހަރެމެންނަށް ފެނެއެވެ. އެބައިމީހުންނަށް އަހަރެން ހަސަދަވެރިއެއް ނުވަމެވެ. ނަމަވެސް އެމުއްސަނދިކަން އެމީހުން ހޭދަކުރާ ގޮތް ފެނިފައި އެބައިމީހުންނާއިމެދު ހިތާމަ ކުރެވެއެވެ.

އެބައިމީހުންނަށް މާތް ﷲ ގެ އިރާދަފުޅާއެކު މުދަލާއި ފައިސާ ލިބިފައިވެއެވެ. ނަމަވެސް އޭގެތެރެއިން ބައެއް މީހުންނަކީﷲ ޠަޢާލާ އެންގެވި މަގުން ހޭދަ ކުރާ ބައެއް ނޫނެވެ.

އޭގެ ތެރެއިން އެއް ބަޔަކީ ގިނަ ފައިސާ ހޯދުމަށް އެމީހަކަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރަމުން އަންނަ ބައެކެވެ. އެއް ބަޔަކު ފައިސާ ހޯދަނީ ޒުވާން އުމުރުން ފެށިގެން ނުހަނު ބުރަ މަސައްކަތް ކޮށް ދާ އޮހޮރައިންނެވެ.  އަމިއްލައަށް ލޯ ބޯ ކޮށައިގެން، ދާއޮހޮރުވައިގެން، ތިމާއާއި ތިމާގެ ޢާއިލާގެ ޒިންމާ ފުރިހަމައަށް އެބައިމީހުން އަދާ ކުރެއެވެ. އެފަދަ މީހުންގެ މައްޗަށް އަހަރެންގެ ހިތުގައި ޚާއްސަ އިޙްތިރާމެއް ވެއެވެ.

ނަމަވެސް އަނެއް ބައެއްގެ ޢަމަލުތައް ހުންނަނީ ވަރަށް ހިތާމަވެރި ގޮތަކަށެވެ. ފައިސާގެ ދަހިވެތިކަމުގައި އަމިއްލަ ޟަމީރު ވިއްކާލާ މީހުން އިންތިހާއަށް ގިނައެވެ. ފައިސާއަށްޓަކައި "ނުބަޔަށް" "ރަނގަޅޭ" ބުނާ މީހުން ވެސް އެހާމެ ގިނައެވެ.

މިބައިމީހުން ހަލާކުގެ މަގަށް ހުށަހެޅޭ އެއް ސަބަބަކީ މަގާމުގެ ދަހިވެތިކަމެވެ. މަތީ މަގާމެއް ހޯދުމަށްޓަކައި އަނެކާ ދަށް ކޮށްލައެވެ. އަނެކާ ކުރި އަރާހެން ހީވަންޏާ އެމީހަކާއިމެދު ހަސަދަވެރިވެ، އެމީހަކު އެމަގާމުން ދުރުކުރުވޭތޯ ކުރެވެންހުރި ކަމެއް ކުރެއެވެ. މަތީ މަގާމެއް ހޯދުމަށްޓަކައި އެހެން މީހުންނަށް ދަޅަ ދައްކާ، އެހެން މީހުންނަށް އޮޅުވާލައިގެން ވެސް އެނުބައި މަޤްސަދު ހާސިލު ކުރެވޭތޯ އުޅެއެވެ.

ނަމަވެސް، ފައިސާ އާއި މަގާމަށް މިހާ ބޮޑު އަޙައްމިއްޔަތެއް މީހުން މިދެނީ ކީއްވެއެވެ. ދުނިޔޭގެ ޟަރޫރީ ބޭނުންތަކަށް ފައިސާ ހޯދުން މުހިންމުކަން ޤަބޫލު ކުރަމެވެ. ނަމަވެސް އެއާއިހެދި އަމިއްލަ ނަފްސު ހަލާކު ކޮށްލާއިރު، ގިނަ ފައިސާ ލިބުމަކީ ވެސް އިމްތިޙާނެއްކަން ދަންނަން ވާނެއެވެ. ދެއްވަވާނީ ވެސް އެކަލާނގެއެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ އަހަރުމެންގެ އަތުން އެއެއްޗެއް ގެންދެވުމުގެ ބާރުވެސް ލިބި ވޮޑިގެންވާ ހަމައެކަނި ފަރާތަކީ އެކަލާނގެއެވެ.

ތިޔަހާ ގިނަ ފައިސާތަކާއި މަގާމު ހޯދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކޮންމެ މީހެއްގެ ވެސް އަޖަލު ހަމަވުމުން، ހިނަވާ ކަފުން ކޮށްފައި ހަމަ އެއްލާލާނީ ވަޅުގަނޑެއްގެ ތެރެއަށެވެ. އެވަޅުގަނޑަށް އަހަރުމެން ހޯދާފައި ހުންނަ ފައިސާތަކާއި ބޭންކު ކާޑުތަކާއި، މަތީ މަގާމުގެ ލިޔެކިޔުންތަކެއް، އަހަރުމެންގެ ހަށިގަނޑާއެކު ނުގެންދެވެއެވެ. އޭގެން ކުރެވޭނެ ވިޔަފާރިއެއް ވެސް އަމުދުން ނެތްމެއެވެ. ކަށްވަޅުގެ އަނދިރިކަމުން އަލިކަން ހޯދައިދޭ ހަމައެކަނި މުދަލަކީ ދުނިޔެމަތީގައި އުޅުނުއިރު އެމީހަކު ކޮށްފައި ހުންނަ ހެޔޮ ޢަމަލުތަކެވެ. ވީއިރު ގިނަކޮށް އިތުރުކުރާން އުޅެންވީ ހެޔޮ ޢަމަލުތަކުގެ މުދަލެއް ނޫންތޯއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ދުނިޔެވީ ޙަޔާތައް ތިވަރަށް ނުހެއްލޭށެވެ. ތިއީ ހަމަ ކަށަވަރުން ޝައިޠާނާގެ ވަސްވާހެވެ. އޭނާގެ މަޤްސަދަކީ އިންސާނުން މާތް ﷲ އަށް އުރެދި، އޭނާއާއެކު ނަރަކައަށް ގެންދިޔުމެވެ. އޭނާ ކާމިޔާބުވިޔަ ނުދޭށެވެ. ﷲ ތަޢާލާގެ މި ބަސްފުޅާއި މެދު ފިކުރު ހިންގާލުން ހުއްޓެވެ.

''ހަމަކަށަވަރުން ކެހިވެރިކަމުގެ ވަގުތީ އުފަލެއް އެއްޗެއް ދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.''

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!