ދުނިޔެ

"ޕެޑުގެ" ވާހަކަ ދެއްކުމުން މޯދީ އަށް ހޫނު ތަރުހީބެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ 74ވަނަ މިނިވަން ދުވަހުގެ ޚިޠާބުގައި "ޕެޑުގެ" ވާހަކަ ދެއްކެވުމުން، އެޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަށް ހޫނު ތަރުހީބެއް ލިބިއްޖެއެވެ.

Ads by Sosun Fihaara

މޯދީގެ ސަރުކާރުން ޤައުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ ވާހަަކަ ދައްކަވަމުން މޯދީ ވިދާޅުވީ "ޖަން އޯޝަދީ" ސެންޓަރުތައް މެދުވެރިކޮށް އިންޑިއާގެ އެކި ކަންކޮޅުތަކަށާއި (ޚާއްސަކޮށް ފަގީރު ސަރަހައްދުތަކަށް) ވަރަށް ހެޔޮއަގުގައި "ސެނިޓަރީ ނެޕްކިންސް"(ޕެޑު) ލިބޭނެ އިންތިޒާމު ހަމަޖައްސާ ދީފައިވާނެ ކަމަށެވެ.

އަންހެނުންނަށް ކޮންމެ މަހަކު ދިމާވާ މައްސަރުކަންތަކުގެ ވާހަކައަކީ، އިންޑިއާ ގައި ވެސް، އަދިވެސް ގިނަ މީހުން ދައްކަން ޖެހިލުންވާ ވާހަކައެކެވެ. އެހެންކަމުން އެޤައުމުގެ ބޮޑުވަޒީރު، އެފަދަ ހާމަކަން ބޮޑު ގޮތަކަށް އެވާހަކަ ދެއްކެވުންވީ ގިނަ ބަޔަކު މޯދީއަށް ތައުރީފާއި ސަނާ ކީކަމަކަށެވެ. އަދި މިއީ އިންޑިއާގެ ބޮޑު ވަޒީރެއް ޕޯޑިއަމެއްގައި މިފަދަ ވާހަކަ ދެއްކި ފުރަތަމަ ފަހަރު ވެސް މެއެވެ.

އަންހެނުންގެ ސިއްޙަތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ޖަން އޯޝަދީ ސެންޓަރުތައް މެދުވެރިކޮށް އިންޑިއާގެ ފަގީރު ހިސާބުތަކުން އެންމެ ރުޕީސް އަކަށް ޕެޑެއް ގަންނަން ލިބޭނެ ގޮތް، މޯދީ ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

ނަރެންދްރަ މޯދީގެ އެވާހަކަތަކަށް އެތައް ބައެއްގެ ތައުރީފު ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ ފޮނުވާފައެވެ.

އެފަދައިން ތައުރީފު ފޮނުވި އެކަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރެވެ. އަކްޝޭ ވެސް ވަނީ "ޕެޑާއި" ބެހޭގޮތުން އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރިން މަސައްކަތްތަކެއް ކުރިން ކޮށްފައެވެ. އެގޮތުން އޭނާ ވަނީ "ޕެޑް މޭން" ނަމަކަށް ކިޔާ ފިލްމެއް ވެސް ކުޅެ، އެފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން މީހުންނަށް ޕެޑު ވެސް ބަހާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!