ރިޕޯޓް

ރާއްޖޭގައި ފިރިހެނުން އިތުރު ކައިވެންޏެއް ކުރުން އަސްލު ބޮޑު މައްސަލައަކަށް ވަނީ ކީއްވެ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ވަރަށް ގިނަ މީހުން ވާހަކަ ދައްކަން ހިތްހަމަ ނުޖެހޭ މައުޟޫއެކެވެ. ފިރިހެނުންނަށް އެކަކަށް ވުރެ ގިނަ އަނބިން ގެންގުޅެވޭ ވާހަކައެވެ. ހަތަރު އަނބިން ހުއްދަ ވާހަކައެވެ.

Ads by Sosun Fihaara

މިކަމަކީ ހަގީގަތުގައި ގިނަ މީހުން، ޚާއްސަކޮށް އަންހެނުން، ވަރަށް ނުރުހޭ ކަމެކެވެ. މިކަމާއިމެދު އަނބިންނާއި ފިރިންނާއި ދެމެދު ބައެއް ފަހަރު ބަހުސް ވެސް ކުރެވެއެވެ. އެބަހުސުން ގިނަ ފަހަރަށް މޮޅުވާނީ ވެސް އަނބިންނެވެ.

އިސްލާމްދީނުގައި ވެސް މިކަމަކީ ހުއްދަ ކަމަކަށްވާއިރު މިކަމާއި އަނބިން އެހާ ނުރުހުން ވަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. އެގޮތުން މިސުވާލު ތަކަށް ޖަވާބު ހޯދާލުމަށް ބައެއް ދިރާސާތައް ވެސް ކޮށްލީމެވެ.

އެގޮތުން ބައެއް އަނބިން ބުނި ގޮތުގައި އެމީހުން އެކަމާއި (އެމީހުންގެ ފިރިން ދެ އަނތްބަށް ނުވަތަ އެއަށްވުރެ ވެސް ގިނަ މީހުންނާ ކައިވެނި ކުރަން) ނުރުހެނީ އެމީހުންގެ ފިރިންގެ އެފަދަ ޤާބިލިއްޔަތު ކަމެއް ނެތުމުންނެވެ.

"މިހާރު މަ އެކަނި ހުންނައިރު ވެސް މިއުޅެނީ މަގޭ ކަންކަން ވެސް ރަނގަޅަށް ނުކޮށްދީގެން. ގެއަށް އައިސް ވަދެއްޖިއްޔާ އިންނާނީ ޓީވީގެ ރިމޯޓަށް ފިތަން ނޫނީ ފޯނަށް ފިތަން. އެކަހަލަ ގަޑީގައި މަ އޭނަ ކުރިމަތީގައި ބޭން ޖެހިޔަސް އޭނައަކަށް ނުފެންނާނެ. މަ ބައްޔެއް ވިޔަސް ގިނަ ފަހަރަށް އޭނައަކަށް އެނގެނީކީ ނޫން މަށަށް ކީއްކަމެއް ކޮށްދޭން ވީކީ. ބޭރަށް ގެންގޮސް ދޭން ބުންޏަސް ފުރަތަމަ އާނއެކޭ ބުންޏަސް ދެން އެތައް ބަހަނާއެއް ދައްކަން ފަށާނެ. އެވަރުންވެސް މިހާރު އެބަ ލޮލަށް ފެނިލާ، މަށާއެކީ ކޮންމެ ރެއަކާއި ދުވާލު އެބަ އުޅޭ. މިދެމެދަށް އިތުރު މީހަކު ވަދެއްޖިއްޔާ ޔަގީން މިވަރުވެސް ނުވާނެކަން. އޭނައަކަށް އެހެން ނޫނަސް ދެ އަނބިން ނޫނީ އިތުރު އަނބިން ނުވެސް ގެންގުޅެވޭނެ" އަންހެނަކު ބުންޏެވެ.

މިހާރުވެސް ދެ އަނތްބަށް މީހަކާއި އިނދެގެން އުޅޭ ފިރިހެނެއްގެ ދޮށީ އަނބިމީހާ ގާތު އޭނަގެ ފިރިމީހާ ތިންވަނަ ކައިވެންޏެއް ކުރަން ނުރުހޭނަންތޯ ސުވާލު ކުރުމުން ބުނީ ދެ އަނތްބަށް އިނީ ވެސް އޭނަގެ ރުހުމަކު ނޫން ކަމުގައެވެ.

"މަ އެވަރަށް ނޫނެކޭ، އިތުރު މީހަކާއި ނުއިންނައްޗޭ ކިޔަކިޔާ ހުއްޓާ، ސިއްރުން ކައިވެނި ކުރީވެސް. މިހާރު ދެން ކޮންމެހެން ދޮށީ އަނބީގެ ހުއްދަ ހޯދާކަށްވެސް ނުޖެހޭވިއްޔަ. ވަރަށް ދެރަކޮށް މިހާރުވެސް ކަންތައް ކުރަނީ. ފިރިމީހާ މަށަށް ވަރަށް އަމުރުވެރި، ހަގު އަނބި ކައިރީގައި އެކަމަކު ހުންނަނީ ދަށުވެފަ ހުންނަހެން. އެކަން އެނގެނީ މަގޭ ކައިރީގައި ހުއްޓާ ހަގު އަނބި ގުޅީމަ ވާހަކަ ދައްކާ ގޮތުން. ހަގު އަނބި އުޅެނީ ވެސް އަހަރުމެން ވަކި ނުކުރެވިގެން. އެހެންވީމަ މިދެމެދަށް އެހެން މީހަކު އަނެއްކާ އައިސްފިނަމަ މަށަށް ލިބޭނީ އިތުރު ދެރަ" އެމީހާ ބުންޏެވެ.

މިދެމީހުންގެ ވާހަކައަށް ވިސްނާނަމަ، ދެ އަނތްބަށް މީހަކާ އިންނަން އަނބިން ނުރުހެނީ އެމީހުންގެ ފިރިންގެ ސަބަބުންނެވެ. ފިރިންނަށް އިތުރު އަނބިން ގެންގުޅުމުގެ ގާބިލިއްޔަތުކަން ނެތީއެވެ. އެމީހުން ފަރުވާ ކުޑައީއެވެ.

ނަމަވެސް މީގެ އަނެއްކޮޅުވެސް އެބައޮތެވެ. ހަމައެކަނި އަނބިންގެ ވާހަކައިން އެކަނި މިފަހަރު މިމައުޟޫއު ނިންމައެއް ނުލާނަމެވެ.

ފިރިހެނުންގެ ތެރޭގައި އިތުރު ކައިވެންޏެއް ކުރަން ބޭނުންވެހުރެ ނުކުރެވިފައި ތިބި މީހުންނާއި ކުރަން ބޭނުންވާ މީހުންނާއި ނުވާ މީހުން ވެސް އެބަތިއްބެވެ.

އެގޮތުން އެކަކު ބުނި ގޮތުގައި އޭނާ ދެ އަނތްބަށް މީހަކާ ކައިވެނި ކުރަން ބޭނުން ވަނީ އެއީ ސުންނަތަކަށް ވީމައެވެ.

"ދެން މީހުން ބުނާނެ އެ އެކަނިހޭ ސުންނަތަކަށް ފެންނަނީ. އެހެން ބުންޏަސް ހަގީގަތް އޮޅުވައެއް ނުލެވޭނެ ދޯ. އިތުރު ކައިވެނި ކުރުމަކީ ސުންނަތެއް، އެހެންވެ އަހަރެން އެކަން ކުރަން ބޭނުންވޭ. އެކަމަކު އަހަރެން އެކަން ކުރަން ބޭނުންވަނީ އެހެން މީހުން ކުރާހެން، ނަމަކަށް ނޫން. ސުންނަތުގައި ހަމަ އަންގަވާފައިވާ ގޮތަށް. ދެ އަނތްބަށް ކައިވެނި ކުރަން ބޭނުމީ އެކަނިވެރި މަޔަކާ، ނޫނީ އެހީތެރިކަން ބޭނުންވާ އަންހެނަކާ. އިންޝާ ﷲ އަހަރެންގެ އަނބިން ގެންގުޅޭނީ ހަމަހަމައަށް ކަންތައް ކޮށްދީ އޯގާތެރިކަމާއެކު" އޭނާ ބުންޏެވެ.

އެހެންމީހަކު ބުނި ގޮތުގައި އޭނާ ދެ އަނތްބަށްވެސް ނޫނީ އިތުރު ކައިވެންޏެއް ކުރަން ވެސް ޖެހިލުންވެއެވެ.

"އަސްލުގައި ބޭނުން ނުވާތީކީ ނޫން. ބޭނުންވޭ. އެކަމަކު އަހަރެންގެ އަނބިމީހާ ބޭނުމެއް ނުވޭ. ހީވަނީ އޭނަގެ ނުރުހުމުގައި އިތުރު ކައިވެންޏެއް ކޮށްފިއްޔާ އެދެމީހުންގެ މެދުގައި ވަރަށް މައްސަލަ ޖެހޭނެހެން. ދެ އަނބިން ކޯޅޭއިރު ދެމެދުގައި އަހަރެން ހުންނަން ޖެހޭނީ ފިތިފައި. އެކަހަލަަ ބޮލުގެ ރިހުމެއް ލިބޭކަށް ވެސް ބޭނުމެއް ނޫން. އެހެންވެ ދެން މިހެން އުޅޭނީ" އެމީހާ ބުންޏެވެ.

ފިރިން އިތުރު ކައިވެންޏެއް ކުރަން އުޅޭއިރު، ނުވަތަ ކުރުމުން، އެކަމާއި ވަރަށް ގިނަ މީހުން ނުބައިކޮށް ވެސް ވާހަކަ ދައްކައެވެ. ފަހުން އިންނަ އަންހެންމީހާއަކީ ދެމަފިރިއެއްގެ ދެމެދަށް ވަތް މީހެއް ކަމަށާއި، އާއިލާއެއް ހަލާކު ކޮށްލި މީހެއް ކަމަށާއި، އެނޫންވެސް އެތައް ތުހުމަތެއް އަޅުވައެވެ. ގިނައިން ގޯސްވެފައި ވަނީ ވެސް ހަމައެކަނި ހަގު އަނތްބެެވެ. އަނބިންތައް އެއްކޮށް ގުޅިގެން އުޅެވޭތޯ މި ދިވެހިރާއްޖޭގައި އުޅެނީ މަދު ފަހަރަކުއެވެ.

އެހެންކަމުން ހަގީގަތުގައި ފިރިންނަށް އިތުރު ކައިވެންޏެއް ނުކުރެވެނީ ބައެއް އަނބިންގެ އަމިއްލައެދުން ބޮޑުކަމުންނާއި ފިރިންނަަށް އޮންނަ އިތުބާރު ކުޑަ ކަމުން ކަމުގައިވެސް ބުނެވިދާނެއެެވެ. އަދި ބައެއް ފަހަރު އެހެންވަނީ ޚުދު ފިރިހެންމީހާގެ ވެސް ކުށުންނެވެ. ބައެއް ފިރިން ފަރުވާކުޑަ ކަމުންނެވެ.

 

 

Ads by Allied Insurance
  1. ރަމީޒު

    ހަގީގަތުގަަ އަންހެންވެރިންް ޖެލެސީބައިި ބޮޑުވީމަަ މިރާއްޖޭގަަ ތިކަންް ވޯކުނުކުރަނީީ

  2. އަދީބު

    ހަޤީޤަތުގައި ދިވެހި އަންހެނުންނަށް “ސުންނަތު”ގެ މާނަ ނޭނގެނީ. ސުންނަތް ކަމެއް ކޮށްގެން އެ ލިބޭ ސަވާބާއި، ދަރުމަ އިނގޭނަމަ އެ ސުންނަތް ވެސް ކުރަން ބާރު އަޅާނެ. 2 ކައިވެންނާއި ސުންނަތާއި ދެކޮޅަށް ވާހަކަ ދައްކާ އަނބިން ކައިރިން އަހާލަބަލަ، ފިރިމީހާ ފަރުޟު ނަމާދަށް ފޮނުވަން ކިހާ ވަރަކަށް ބާރު އަޅާތޯ؟ އެ ކަމަށް ބާރު އަޅާ މީހެއް ނަމަ، ސަވާބުގެ މުހިއްމުކަން ވިސްނޭ ފަދައިން ސުންނަތުން ވެސް ސަވާބެއް ލިބިދެވޭތޯ އުޅޭނެ. މަނައެއް ނުކުރާނެ. ދެކޮޅެއް ނަހަދާނެ. މަގޭ އަންހެނުން ބުނީ، އިތުރު ކައިވެންޏެއް ކޮށްފިއްޔާ ވަގުތުން ވަރިވާން ފޯމު ލާނަމޭ. ލޮލް. މީ އަންހެނުންގެ ދީނީ މަޢުލޫމާތާއި އަޤީދާގެ މައްސަލައެއް.

    • ސުންނަތް ބައިވަރު އެބަހުރި. ފަރުޝު ނަމާދައްވެސް ބާރު އަޅަން ހަމަ އެހެންމެ ސުނަތް ނަމާދު ތަކަށް ފަރުވާތެރި ކުރުވޭތޯ ބަލަނީ. ސުނަތް ރޯދަ ހިފަން. އެކަންތައްތައް ބަރާބަރައް ކުރެވޭ ކަަމަށް ވަންޔާ 3 އަންބަށް ވެސް އިންނަންވީ ތަފާތުނުކޮށް ގެންގުޅެވެންޏާ. ސުންނަތް ރަކުއަތްތަކައް ފަރުވާތެރިނުވެވެންޏާ ދެއަނބިން ގެންގުޅެން ސުންނަތަކައް ވެގެން ކުރުމުގެ ސަވާބު ނުވިސްނޭ. ނަމާދު އެންމެ ފުރަތަމަ ކަމަކީ. ސުންނަތްވެސް ނަމާދުން އިސްކަން ދޭން ފެށުން އެންމެ ރަނގަޅީ ދެއްތޯ؟

    • އޯކޭތަ މިވަރު

      ފިރިހެނުންނަށް ސުންނަތުން އެނގޭ ހަމައެކަނި ކަމަކީ ހަތަރު ކައިވެނި ކުރުން ކަމަށް ވުމެއް ނޫންތަ މައްސަލައަކީ؟ އަނބިދަރިންނަށް ދިވެހި ފިރިހެނުން ނުބައިވެފަ އަނިޔާވެރިކަމުންނެއް ނޫންތަ؟ ޚަރަދު ނުކުރާތީ ނޫންތަ؟ އަންހެނާ އެކަނިމާއެކަނި ދަރިން ބަލާ ބޮޑުކުރަން ޖެހޭތީ ނޫންތަ؟ އަދިވެސް އަދިވެސް…..

  3. ސިޔާ

    މި ރާއްޖޭގަ ދެ އަނބިން ގެންގުޅެވޭނެ ފެންވަރުގެ މީހުން އުޅޭބާ؟؟
    މިހާރު ވެސް ދެމަފިރިން މަސައްކަތް ކޮށްގެން ވެސް ހަމަޖެހޭ ދިރިއުޅުމެއް ނުލލިބިފަ މި ތިބެނީ. އަހަންނަކަށް ނުވިސްނޭ މި ފަދަ ފިރިހެނުން ދެ ހަތަރު އަނބިން ގެންގުޅޭނެ ގޮތެެއް.

  4. ދެވަނަ އަނބި

    – ދިވެހި ގިނަފިރިހެނުންނަކީ ކީރިތި ޤުރުއާނުގައި އަންގަވާފަދައިން ހަމަހަމަކަމާއެކު އަނބިން ގެންގުޅެވޭނެވަރުގެ ޤާބިލު ބައެއް ނޫން. އެފަދަ ކުޅަދާނަކަމެއް ދިވެހި ގިނަފިރިހެނުންނަށް ލިބިގެންނުވޭ.
    – މާއްދީގޮތުންނާއި ޖިސްމާނީ ގޮތުން ބެލިނަމަވެސް.
    – ފިރިމީހާ ދެ އަނތްބަށް މީހަކާ އިންނައިރު މި އިންނަނީ ދަރިންވަރުގެ ޅަކުއްޖަކާ. މިއީ ހަމައެކަނި “ވަކި ބޭނުމެއް” ގައި ކުރާ ކައިވެނި.
    – ފަހަރެއްގައިވެސް އަންހެނަކަށް އެހީވުމަށް ކުރާކަމެއް ނޫން.
    – ދެ އަނތްބަށް މީހުންނާއި ކައިވެނި ކުރަންވީމާ ސުންނަތް އަދާކުރަނީއޭ ބުނާއިރު، އެހެނިހެން ސުންނަތްތައް ކުރޭބާއޭ ހިތަށްއަރާ.

  5. ޝިއޫ

    ރަގަޅުކަމެއް، ހަމަހަމަކަމާއެކު ތަފާތުނުކޮށް

  6. ލެއްބެ

    ހަގީގަތުގައި ވާ ގޮތަކީ އަންހެންމީހާ ވަރަށް ލަދުގަންނަ އޭނާގެ ބޭޒާރުވާ ކަމެއްގެ ޢަންހެންމީހާ ދެކޭކަމެއްމީ. ޢަނެއްކޮޅުން ފިރިހެންމީހާ މޮޅުކަން ދައްކަން ކުޅިވަރަކަށް ހަދައިގެންވެސް މިކަންކުރޭ.

  7. ސައީދު

    ފިރިމީހާ އިތުރުކައިވެންޏެއް ކުރަން ދިވެހިއަނބިން ނޭދެނީ ކޮންމެހެން އޭނަގެއްލިދިއުމަށްވުރެ އިޖުތިމާއީ ގޮތުން ކުރިމަތިވާ ބަސްތަކަށް ކުރިމަތި ނުލާށެވެ. ވަޒީފާ އަދާކުރާ ގިނައަންހެނުންނަކީ ފިރިމީހާގެ އެނދު ފަޅުކުރާ ބައެއްކަން އެނގޭނީ ރަނގަޅު ދިރާސާއެއްކުރީމައެވެ. ދެންއޮތީ ދެއަނބިންނަށް ޚަރަދުނުކުރެވޭނެ ވާހަކައެވެ. މިތާނގަ އަހަލަންއޮތީ ދެއަނބިންނަށް ޚަރަދުކުރެވޭނެ ވަރަކީ ކޮބައިތޯއެވެ. މިއަދުގެ ހަގީގަތަކީ އަނބިމީހާވެސް ވަޒީފާއަދާކުރާންޖެހުމެވެ. ގޭތެރޭކަންތަކަށް ފިރިމީހާޚަރަދުކޮށްފަ އަނބިމީހާ ވަޒީފާއަށްގޮސް އަނބިމީހާގެ ފުށުން އުފަލެއް ނުލިބުމުން އެހެން އަންހެނުންކައިރިއަށް ދާންޖެހުމަކީ މިމުޖުތަމައުގަ މިހާރު ދިމާވާ ބޮޑު މައްސަލައެއް. އަނބިންނަށް އެނގެންޖެހޭނެ އޭނާ ކިތައްމެ ވަރަކަށް ފައިސާވެރިވިޔަސް ހަތަރު ފިރިން ހުއްދަނުވަނީ ކީއްވެކަން. މިއީ އިލާޙީ ގާނޫނު. ފިރިހެނުން އުފައްދާފަވަނީ އަންހެނުންނަށް ބޮޑަށް އެދި އެމީހުންގެ ކުލުނާއި ލޯބި ބޭނުންވާގޮތަށް އެހެންވީމަ 4 އަނބިން ބޭނުންވަނީ. މިނޫންގޮތަކަށް އުޅެން ދިމާކުރާ ފިރިން ހަލާކުވާނެ.

  8. ލޮލް

    ދެ އަތްނބަށް މީހަކާ އިންނަން ވީމަ ސުންނަތް؟

  9. ޖޭޑް އައްބާސް

    ކޯޓުންވެސް ވަރަށް ނުބައި ރޯލެއް އަދާކުރޭ..!! 2 އަންބަށް މީހަކާ އިންނަން ކޯޓަށް ދާތަނުން، ދޯށީ އަނބިމީހާއަށް ގުޅާފަ ބޯޅައެބަޖަހާ ކޯޓުން…!!!

  10. ވޯލް

    2 އަންހެނުންތައް ދުވަހަކުވެސް ހެޔޮ ގޮތެއް ނޯންނާނެ، ގިނަ ފަހަރަށް އެއްބަނޑު އެއްބަފާ ދައްތަ ނޫނީ ކޮށްކޮއާއެކުވެސް ނޫޅެވޭ.

  11. ހުސެން

    ސުންނަތޭ، އެކަނިވެރި އަންހެނުންނޭ، ޅަކުދިންނޭ ކިޔަނީ ކަމުގެ ހަގީގަތް ނޭނގޭތީ.
    އަސްލަކީ އެއީ ސީދާ ކީރިތި ގުރުއާނުގެ ނައްސުން الله ތަޢާލާ ފިރިހެނާ އަށް ދެއްވާފައިވާ ހުއްދައެެއް.
    “އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާއި ކައިވެނި ކުރާށެވެ. ދެ މީހުންނާއެވެ. ނުވަތަ ތިން މީހުންނާއެވެ. ނުވަތަ ހަތަރު މީހުންނާއެވެ. ފަހެ އަދުލުވެރި ނުވެވޭނެ ކަމަށް ބިރުގެންފިނަމަ، އެކަކާއިއެވެ.” އައްނިސާ ސޫރަތުގެ 3 ވަނަ އާޔަތް.
    މި އާޔަތުގައި ވާގޮތުން އަދުލުވެރި ނުވެވިދާނެ ކަމަށް ބިރުގަންނަން ޖެހެނީ ފިރިހެން މީހާ.
    އެކަމު ފިރިހެނުންނަށް ޔަގީންކަން އޮތަސް، ހުރިހާ އަންހެނުންނާއި، މުއައްސަސާތަކާއި މުޅި މުޖުތަމަޢު ބިރުގަނެގެން އުޅޭތަން ފެންނަނީ.
    ވަالله އައުލަމް.

    • ދޮށީ އަނބި

      އާޔަތުގަ އިންހެން އަދުލު ވެރި ވެވޭނަމަ ގިނަ އަންހެނުން ނުރުހި އެއް ނުހުންނާނެ.. މިއުޅެނީ އެންމެ އަންބެއް ވެސް ދީނުގަ އަންގަވާފަ އިންނަ ގޮތައް ގިނަ ފިރިހެނުންނައް ނުބެލިގެން..އަދި ދެ އަނބިން ކީއްކުރަން 4 އަނބިން ބަލާނެ ގޮތެއް ނޭންގެ

  12. މިއުޅެނީ އެކަކާއި އިނދެގެން އުޅޭއިރުވެސް ރޭކުރާނެ ތަންކޮޅެއް ނެތިގެން. ތަނަވަސް ކަމެއް ނެތް ކުދިން ވަކި ކޮޓަރިއެއްގައި ގެންގުޅޭނެ. ރާއްޖޭގައި ބޯހިޔާވަހިކަން ލިބެނީ ލާރިވެރިންނަށް. މީހަކާއި ކައިވެނި ކުރާއިރު އަނބިމީހާ ވަންނާނެ ތަނެއް ދައްކަންޖެހޭ. މިއީ އިސްލާމްދީނުގައި މިކަން އޮންނަގޮތް. އެކަމަކު ބޯހިޔާވަހިކަމަށް އެދި ހުށަހަޅާއިރު ދަރިންގެ އަދަދަށް ގިނަ ޕޮއިންޓް ލިބޭ އުސޫލު މިއޮންނަނީ. ދަރިން ގިނަވެ އުޅޭނެ ތަން ނެތުމުގެ ސަބަބުން ދިރިއުޅުމުގައި މައްސަލަޖެހި ދަރިން ބިކަހާލުގައި ޖެހެނީ.

    • ސިނެކް

      މިވަރުގެ ހެޔޮރަގަޅު ކޮމެންޓެއް ނެތް

  13. ހަސަނު

    ފިރިމީހާ އިތުރު ކައިވެއްޏަކަށް އިންކާރުކުރާ އަނބިންގެތެރޭގައި ފިރިމީހާ ހިލޭއަންހެނުން ކާރިޔަށްގޮސް ޒިނޭކުރިޔަސް އޯކޭވެފަ ކައިވެނިކުރުން މައްސަލައަކަށްވާ ވަރަށްގިނަ އަންހެނުން މިހާރު ތިބޭ. އަޅުގަނޑަށް ގަބޫލުކުރެވެނީ ފިރިމީހާއަށް ދެވަނަ ކައިވެއްޏެއް ކުރުމަށް ރުހުންދީ ހިންހެޔޮކަމާއެކު އުޅެން ގަސްތުކޮށްފިނަމަ ހަނގުއަންބަށްވުރެ ދޮށީއަނބިދެކެ ފިރިން ލޯބިވާނެހެން. ހަމަގައިމު އަހަރެންނަށް ވާނީ އެހެން. ބެލެހެއްޓުމުގައި ހުރިހާ އަނބީން ހަމަހަމަ ކުރަންޖެހޭ. އަނބީންނާމެދު ތަފާތުކުރުމަކީ ކިހާވަރެއްގެ ކަމެއްކަންވެސް އެނގޭ. އަޅަމެންގެ އަނބީންނަށް ހެޔޮވިސްނުން ދެއްވާށި އާމީން.

  14. ހަސަން

    ފިރިމީހާ އިތުރު ކައިވެއްޏަކަށް އިންކާރުކުރާ އަނބިންގެތެރޭގައި ފިރިމީހާ ހިލޭއަންހެނުން ކާރިޔަށްގޮސް ޒިނޭކުރިޔަސް އޯކޭވެފަ ކައިވެނިކުރުން މައްސަލައަކަށްވާ ވަރަށްގިނަ އަންހެނުން މިހާރު ތިބޭ. އަޅުގަނޑަށް ގަބޫލުކުރެވެނީ ފިރިމީހާއަށް ދެވަނަ ކައިވެއްޏެއް ކުރުމަށް ރުހުންދީ ހިންހެޔޮކަމާއެކު އުޅެން ގަސްތުކޮށްފިނަމަ ހަނގުއަންބަށްވުރެ ދޮށީއަނބިދެކެ ފިރިން ލޯބިވާނެހެން. ހަމަގައިމު އަހަރެންނަށް ވާނީ އެހެން. ބެލެހެއްޓުމުގައި ހުރިހާ އަނބީން ހަމަހަމަ ކުރަންޖެހޭ. އަނބީންނާމެދު ތަފާތުކުރުމަކީ ކިހާވަރެއްގެ ކަމެއްކަންވެސް އެނގޭ. އަޅަމެންގެ އަނބީންނަށް ހެޔޮވިސްނުން ދެއްވާށި އާމީން.

  15. ަކިޔާމީހާ

    މަށަށް ހެޔޮ މަފިރިމީޙާ 3 މީހުނާ އެއްފަހަރާ އިނަސް. މަށަަށް އެނގޭ ކަމަކީ 4 މީހުންނާ އިނަސް ފިރިހެނުން ހިތް ނުފުރޭނެކަން. އެއީ އިންސާނީ ތޮބީއަތް.

  16. ލީލާ

    އަހަރެންގެ ފިރިމީހާ ދެއަންބަށް މީހަކާ އިންނާން އެދުމުން ފުރަތަމަ އަހަރެންވެސް ކުރީ އިންކާރު ނަމަވެސް އަހަންނަށް ފިރިމީހާ އެކަމަށް ބޭނުންވާވަރު އިހްސާސްވާތީ ހިތްބުރަކަމެއް ނުބާއްވާ އެއްބަސްވިން. ފިރިމީހާ ބޭނުންވީ އަހަރެންގެ ރައްޓެއްސެއް އޭނަގެ 2 ދަރީންތިބޭ އަދި އޭނާއަކީ ފިރިމީހާ މަސްތުވާތަކެތި ބޭނުންކުރާކަން އެނގިގެން ވަރިވެފައިވާ މީހެއް. އަހަންނަށް ގަބޫލުކުރެވެނީ މިހާރު ފިރިމީހާވެސް ދެވަނައަނބިވެސް އަހަންނަށް މާ ހެޔޮކަމަށް. ހުރިހާކުދިންވެސް އުޅެނީ ވަރަށް އުފަލުން. 5 އަހަރުވެއްޖެ

  17. ޝާނީ

    އަޅުގަނޑު ގަބޫލުކުރަނީ ފިރިމީހާ ދެއަންބަށް މީހަކާ އިނުމަކީ މައްސަލައެއް ނޫންކަމަށް. އެކަމަކު ދެއަނބި ހަމަހަމަކުރަންވާނެ. އަދި އަނބިންނަކީވެސް ވިސްނޭ ތަސައްރުފް ފުދޭބަޔަކަށް ވާންޖެހޭނެ. އެކަކު އަނެކާއާއި އަނެކާގެ ދަރީންނަށް ހެޔޮވާންވާނެ. ފިރިމީހާވެސް ރަނގަޅުމީހަކަށްހެދޭނެ އަނބިން ހަރުދަނާބައެއް ނަމަ. އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ޝެއާކޮށްގެން.

  18. ާވަޙީދު

    ސުންނަތެކޭ ކިޔައި އަނބިމީހާގެ ނުރުހުމުގައި އޮޅުވައިލަގެން މީހާކާ އިނުމުން ގޯސް ވަނީ އެކަމަށް އެއްބާރުލުން ނުދިން ދޮށީ އަނބިމީހާތޯ؟ ކީރިތި ރަސޫލާ ޙަދީޖަތުގެފާނާ ކައިވެނި ބެއްލެވުމަށްފަހު އެކަމަނާ އަވަޙާރަވުމުގެ ކުރިން އިތުރު ކަނބަލަކާއި ކާވެނި ބައްލަވާފަކައި ނުވޭ. މިކަމުން ވެސް އިގޭ އަނބިމީހާޔަށް ހެޔޮކޮށް ހިތަން ޖެހޭކަން. އޭނާގެ ނުރުހުމުގައި މިހާކައި ކަާވެނި ކުރުމުން ސުންނަތުގައި ހިފުނީ ނޫންކަން.