ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް ފުލުހުން ތައްޔާރުކުރާ ތަހުގީގު ފައިލްތައް އެ މައްސަލާގައި ދައުވާކޮށްފައިވާ ފަރާތްތަކަށް ދޫކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމުގައި ބުނީ ދިފާއުން މައްސަލައިގެ ތަހުގީގުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ދިނުމަށް އެދިއްޖެނަމަ ދައުލަތުން އެ މައުލޫމާތުތައް ދޫކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ އާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަންގައި ހުރި ފައިލްތައް ދިނުމަށް ދިފާއުން ވަނީ އެދިފައެވެ.
މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ އެ ފައިލްތައް ދޫކުރަންޖެހޭނެ ކަމަށެވެ. ގާޒީ ވަނީ ތަހުގީގު ފައިލްތައް ހޯދައި ކޯޓަށާއި ދިފާއަށް ހިއްސާކުރުމަށް ފަސް ދުވަހުގެ މުހުލަތެއް ދީފައެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ ރިޒާއެވެ. އޭނާ ވެސް ވަނީ ހެކިތަކާއި ގުޅޭ އިސްތިއުނާފު ހުށަހަޅާފައެވެ.
ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ރައިސް ޔާމީންގެ މައްޗަށް ތުހުމަތުކުރެއެވެ.