އަދިވެސް ވަގުތު އެބަ އޮތެވެ. ދުރުވާށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މުޖުތަމައުގައި އެންމެ ބޮޑަށް ފެތުރިފައިވާ ނުރައްކާތެރި އެއް ވަބާ އެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް ސިއްހީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރިނަމަވެސް އޭގެ ބޭނުން ކުރާ މީހުން މަދެއް ނުވެ އެވެ. ޑަބްލިއުއެޗްއޯގެ ރިޕޯޓުތައް ދައްކާގޮތުން މިހާރު ދުނިޔޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ 1.1 ބިލިއަން މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާ ކުރަނި އަވައްޓެރި އިންޑިއާގެ އާބާދީ އެވެ. އިންޑިއާގައި އެކަނިވެސް 100 މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ.
ކޮންމެ އަހަރެއްގެ 31 މެއި އަކީ ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެވެ. މިއަހަރު ޑަބްލިއުއެޗްއޯއިން މި ދުވަހަށް ކަނޑައެޅި ޝިއާރަކީ "ގްރޯ ފުޑް، ނޮޓް ޓޮބޭކޯ" އެވެ. މާނަ އަކީ "ޓޮބޭކޯގެ ބަދަލުގައި ކާބޯތަކެތި އިންދާށެވެ" މިއެވެ. އެދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާންމުކުރި ރިޕޯޓެއްގައި، 2025 ގެ ނިޔަލަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ދެގުނައަށް އިތުރުވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން އެންމެ ބޮޑަށް އިތުރުވެގެން ދިޔަކަމަށް ބެލެވެނީ އަށްޑިހައިގެ ފަހުކޮޅާއި ނުވަދިހައިގެ ކުރީކޮޅެވެ. އޭރު ވީސީއާރު ފިލްމުތައް ވިއްކިއިރު އޭގެ ކަވަރުގައި ސިނގިރޭޓު އިޝްތިހާރު ކުރަމުން ދިޔަ އެވެ. ހާއްސަކޮށް އޭޝިއާގެ ގައުމުތަކުގައި ހިންދީ ފިލްމުތައް ވިއްކަމުން ދިޔައީ މިދަންނަވާ ކަވަރުތަކުގަ އެވެ.
ގިނަ މީހުން ސިނގިރޭޓު ބޯން ފަށަނީ ކޮންމެވެސް ކަމަކާ ހާސްވެގެން އެހާސްކަން ފިލުވުމުގެ ބޭނުމުގަ އެވެ. އަނެއް ބަޔަކު ރަހުމަތްތެރިންނާއިއެކު "ކޫލް" ކަމެއް ކޮށްލުމުގެ ބޭނުމުގަ އެވެ. މިގޮތަށް ފަށާއިރު ބޮނީ ދުވާލަކު އެއް ސިނގިރޭޓު ނުވަތަ ހަފްތާއަކު ދެތިން ސިނގިރޭޓެވެ. ސިނގިރޭޓަކީ ކަށީގައި ހިފާ އާދައެކެވެ. އެހެންކަމުން މިއަދަދު އިތުރުވެ ދުވާލަކު ފަސް ސިނގިރޭޓުން ދެދުވަހުން ސިނގިރޭޓު ފޮއްޓެއް ހުސްކުރާ ހިސާބަށް ދެއެވެ. މި އެޑިކްޝަން އާއި ދުރުވާން އުނދަގޫވަނީ މިހާ ހިސާބުންނެވެ.
އެހެންނަމަވެސް 10 ނުވަތަ 20 އަހަރު ސިނގިރޭޓު ބުއިމަށްފަހު ހުއްޓައިލި މީހުންވެސް އެބަ ތިއްބެވެ. އެކި މީހުން އިހުތިޔާރު ކުރަނީ އެކި މަގެވެ. ނިކޮޓިންއާއި ދުރުވާން ސިއްހީ މާހިރުން ލަފާ ދޭ އެންމެ އެދެވޭ ގޮތަކީ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްލުމެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް ކަސްރަތު ކުރުމާއިއެކު ރޭގަނޑުގެ އިރާކޮޅު ނިދުމާއި މޭވާއާއި ތަރުކާރީ ކެއުން ހިމެނެ އެވެ. މިގޮތަށް ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެންނަ މީހުންނަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރު ވެވެ އެވެ.
ހަގީގަތުގައި އެޑިކްޝަން ގުޅިފައި އޮންނަނީ މީހާގެ ސިކުނޑިއާ އެވެ. އެހެންކަމުން މިއާދައާއި ދުރުވާން ބޭނުން ނުވާ މީހާ ނުވަތަ ދުރު ނުވެވޭނެއޭ ވިސްނާ މީހަކަށް އެކަން ހުއްޓައިލަން އުނދަގޫވެ އެވެ. ސިނގިރޭޓު ބުއިމާއި ދުރުވާން ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ނިކޮޓިން ޗުއިންގަމާއި އެނޫންވެސް ބައެއް އުކުޅުތައް ހުރެ އެވެ. ބޭނުންނަމަ މިފަދަ މަގެއްވެސް އިހުތިޔާރު ކުރެވިދާނެ އެވެ.
ސިނގިރޭޓު ބުއިމުން ލިބޭ ގެއްލުންތައް ނޭނގޭ މީހަކު ނޫޅޭނެ އެވެ. އޭގެ ބޭނުންކުރާ މީހުންނަށްވެސް ލިބޭ ގެއްލުންތައް އިނގެ އެވެ. އެހެންނަމަވެސް އަދިވެސް އެއްފަހަރު ވަރަށް ކުރުކޮށް ހަނދާން ކޮށްދޭނަމެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން އެންމެ އާންމުކޮށް ޖެހޭ ބައްޔަކީ ފުއްޕާމޭގެ ކެންސަރެވެ. އޭގެ ބޭނުންކުރާ މީހުންގެ މެދުގައި ހިތުގެ ބައްޔަކީވެސް އާންމު ބައްޔެކެވެ. މީގެ އިތުރުން ޑައިބެޓީސް އާއި ސްޓްރޯކް އަކީވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ތަހައްމަލު ކުރާ ބަލިތަކެވެ.
މީގެ އިތުރުން ފިރިހެނުންގެ ދަރި ފަންޏަށްވެސް އޭގެ ސަބަބުން ގެއްލުން ލިބެ އެވެ. އަދި އަންހެނުންނަށް ދަރިން ހޯދަން ދަތިތަކަކާއި ކުރިމަތިލާން ޖެހުމާއި ދަރިންގެ އައިބު ހުރުންވެސް މިއީ އާންމު ކަމެކެވެ. ހަމައެއާއިއެކު ލޮލުގެ ބަލިތަކާއި ދިފާއީ ނިޒާމަށް ޖެހޭ ބަލިތައްވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ މެދުގައި އާންމެވެ.
މިހާރު ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ސިނގިރޭޓުގެ ބަދަލުގައި ވޭޕް ކުރުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. ބައެއް މީހުން މިކަން ކުރަނީ ފަސޭހަ އަކަށެވެ. އަނެއް ބަޔަކު ސިނގިރޭޓާއި ދުރުވުމުގެ ގޮތުން ވޭޕަށް ބަދަލު ކޮށްލަނީ އެވެ. ވޭޕަކީވެސް އޭގެ ސަބަބުން ސިއްހީ ބޮޑެތި ގެއްލުންތަކެއް ލިބޭ އެއްޗެކެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވާން ބޭނުންވާ މީހުން ވޭޕު ކުރުންވެސް ހުއްޓާލުން ބުއްދިވެރި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވާން އަދިވެސް ލަހެއް ނުވެ އެވެ. ވަގުތު ފާއިތު ނުވަނީވެސް މި ނުބައި އާދައިން އަވަހަށް ދުރުވާށެވެ. އަދިވެސް ވަގުތު އެބަ އޮތެވެ. ބޭނުންވަނީ ކުޑަ ކުޑަ ހިތްވަރެކެވެ.