އޭޕްރީލްމަހު ޖަލަށްލީ 36 މީހުން, 55 މީހުން މިނިވަންވި
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި 36 މީހުން ޖަލަށްލި ކަމަށާއި އެ މަހުގެ ތެރޭގައި ޖަލުން 55 މީހުން މިނިވަން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
އެތަނު އާންމުކޮށްފައިވާ އެޕްރީލް މަހުގެ ތަފާސްހިސާބުތަކަށް ދައްކާ ގޮތުން ޖަލަށްލީ މީހުންގެ ތެރެއިން 33 މީހުންނަކީ ޖަލަށްލާން ހުކުމްކޮށްގެން ހުކުމް ތަންފީޒުކުރުމަށް ގެންދެވުނު މީހުންނެވެ. އަދި އަނެއް ތިން މީހުންނަކީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންނެވެ.
ޖަލަށް މީހުން ލާފައިވާ މައްސަލަތަކަށް ބަލާ އިރު؛ 57.6 ޕަސެންޓް މީހުން ޖަލަށް ލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. ދެން އެންމެ ގިނަ މީހުން ޖަލަށް ލާފައި ވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގަ އެވެ. އެފަދަ މައްސަލަތަކުގައި 12.1 ޕަސެންޓް މީހުން ޖަލަށްލާފައިވެ އެވެ. މީގެ އިތުރުން ޖަލަށްލި މީހުންގެ ތެރޭގައި އެންފައިސާ ނުދެއްކުމާއި، ގެއްލުން ދިނުމާއި، މީހުންނަށް އިންޒާރު ދިނުމާއި ކުޑަކުދިންނާ ބެހުން ފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ވެސް ހިމެނެ އެވެ.
އޭޕްރީލް މަހު 55 މީހަކު ޖަލުން ދޫކޮށްލި އިރު، އޭގެ ތެރެއިން 31 މީހުންނަކީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހުންނެވެ. އަނެއް 24 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ މީހުންނެވެ.
މިނިވަންވި ގައިދީންގެ ތެރޭގައި ހިމެނޭ 16 ގައިދީންނަކީ ހުކުމް ތަންފީޒުކޮށް ނިމުނު ގައިދީން ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ. އަދި 12 ގައިދީއަކު ކްލެމެންސީގެ ދަށުން މިނިވަންވި އިރު، ތިން ގައިދީއަކު މިނިވަންވީ ޕެރޯލްގެ ދަށުންނެވެ.