ޚަބަރު ސިޔާސީ

ޕާޓީ އުވައިލަން، އީސީން ދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން: އެމްއާރްއެމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އެ ޕާޓީ އުވާލަން އިލެކްޝަން ކޮމިޝަނުން (އީސީން) ދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ކަމަށް އެމް.އާރް.އެމް އިން ބުނެފިއެވެ.

Ads by MWSC

އެމް.އާރް.އެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖޫން މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު އީސީން ހާމަކޮށްފައިވާއިރު، އެއީ ޞައްޚަ މަޢުލޫމާތުތަކެއް ނޫންކަމަށެވެ.

އީސީން ނެރުނު ދަފްތަރު ލިސްޓަށް ބަލާއިރު ޖޫން މަހުގެ ނިޔަލަށް އެމްއާރްއެމްގައި ތިބީ 2،892 މެމްބަރުންނެވެ.

އެ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކުރުމަށް ފޯމްތައް އީސީއަށް ހުށަހަޅާފައިވާކަމަށް ފާހަގަކުރައްވަމުން އެމް.އާރް.އެމް އިން ބުނެފައިވަނީ، އެ ފޯމްތައް ޕްރޮސެސްނުކޮށް ދެ މަހެއްހާ ދުވަސް އީސީން ހޭދަކޮށްފައިވާއިރު، އެމްއާރްއެމްއިން ވަކިވާން ފޯމް ހުށަަހަޅާ މެމްބަރުންގެ ފޯމްތައް އީސީން ހަލުވި މިނެއްގައި ޕްރޮސެސްކުރަމުންދާކަމަށެވެ.

"ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަމަށް ބުނެ 4 ޖުލައި 2023 ގައި އެ ކޮމިޝަނުން މައުލޫމާތު އާންމުކުރި އިރު، މި ޕާޓީގެ މެމްބަރުންގެ އަދަދުން ގިނަ އަދަދެއްގެ މެމްބަރުން އުނިކޮށް ދަފުތަރުގައިވާ އަދަދު ކަމަށް ބުނެ އިއުލާންކޮށްފައިވަނީ މި ޕާޓީގެ މެމްބަރުންގެ ޖުމުލަ އަދަދު އޮޅުވާލައި އަދި މި ޕާޓީއަށް މި އަހަރުގެ މެއި މަހުގައި ހުށަހެޅި 140 ފޯމު ޕްރޮސެސް ކުރުމަކާ ނުލައިކަން ފާހަގަކޮށް، އިލެކްޝަންސް ކޮމިޝަންގެ މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." އެމް.އާރް.އެމް އިން ބުންޏެވެ.

މީގެ އިތުރުން، އެމް.އާރް.އެމް އިން ވަކިވެފައިވާ މެމްބަރުންކަމަށް އީސީން ބުނާ ގިނަ އަދަދެއްގެ މެމްބަރުން އެ ޕާޓީއާ ވަކިވެވަޑައިނުގަންނަވާ ކަމަށް އަންގައި އީސީއަށް ސިޓީ ފޮނުވާފައިވާނެކަމަށާއި، ނަމަވެސް އެ މެންބަރުން އެ ޕާޓީގެ ދަފްތަރުގައި އަލުން ހިމަނާފައިނުވާކަމަށް އެ ޕާޓީން ބުނެއެވެ.

މިކަންތައް މިހެން ހުރުމުން، އެ ކޮމިޝަނުން އަމަލުކުރަމުންދަނީ ސިޔާސީ ވަކި ޤަސްތެއް ހާޞިލުކުރުމަށް ކަމަށް އެމްއާރްއެމުން ވަނީ ތުހުމަތު ކޮށްފައެވެ.

އެ ޕާޓީން ބުނީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުތަކަށް ނުފޫޒު ފޯރުވައި، ނުވަތަ ވަކި ޕާޓީއަކަށް މަންފާ ލިބޭގޮތަށް ކަންތައްއް ކުރުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށާއި، އެމް.އާރް.އެމް އިން އެފަދަ އެއްވެސް ކަމެއް މީގެ ކުރިން ކޮށްފައިނުވާނެކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ނުކުރާނެކަމަށެވެ.

 

އެމް.އާރް.އެމްގެ މެމްބަރުން ހަމަނުވާކަމަށްބުނެ އީސީން ކުއްލިގޮތަކަށް ޕާޓީ އުވާލަން ކުރި އިޢުލާނާއި ގުޅިގެން، އެ ޕާޓީން މިހާރުވަނީ އެމައްސަލަ ކޯޓަށް ހުށަހަޅައި މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، ޕާޓީ އުވާލުމަށް އީސީން ނިންމި ނިންމުން ފަސްކުރުމަށް ސިވިލް ކޯޓުން މިހާރުވަނީ ވަގުތީ އަމުރެއްވެސް ނެރުއްވައިފައެވެ.

އެ އަމުރު މުރާޖަޢާކޮށްދެއްވުމަށް އީސީން ކޯޓުގައި ދެންނެވުމުން، އަމުރު މުރާޖަޢާކުރާނެތަނެއް ނެތްކަމަށް ކޯޓުން ނިންމާފައިވާކަންވެސް ފާހަގަކުރެވެއެވެ.

ކޯޓުން އެ ޕާޓީ އުވާލުން ފަސްކުރުމަށް އަމުރު ނެރުނު ނަމަވެސް، އެ ޕާޓީގެ ދަފްތަރަށް މެމްބަރުން އިތުރުކުރުމަށް ހުށަހަޅާ ފޯމްތައް އަދިވެސް ޕްރޮސެސްނުކުރާކަމަށް ފާހަގަކުރަމުން އެމް.އާރް.އެމް އިން ބުނެފައިވަނީ އެއިންވެސް ހާމަވެގެންދަނީ އީސީން ސިވިލް ކޯޓުގެ އަމުރާވެސް ޚިލާފުވަމުންދާކަމަށެވެ. އަދި މިކަމުން އީސީގެ ނާޤާބިލުކަމާއި، ގެންގުޅޭ ތަފާތުކުރުންތައް ހާމަވާކަމަށެވެ.

އީސީ އަކީ މިނިވަން މުއައްސަސާއަކަށް ވީހިނދު މިނިވަންކަމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ، އީސީއަށް މަސައްކަތްނުކުރެވުނުކަން ރައްޔިތުން ޤަބޫލުކުރާކަމަށްވެސް އެމްއާރްއެމުން ފާހަގަކޮށްފައިވެއެވެ.

ޤާނޫނާ ޤަވާއިދާ ޚިލާފަށް އެމް.އާރް.އެމް. އުވައިލުމަށް އީސީން ކުރާ މަސައްކަތުގެ ސަބަބުން އިންސާފުވެރިކަމާމެދު އެމް.އާރް.އެމް އިން ވަނީ ސުވާލު އުފައްދައިފައެވެ.

އެހެންކަމުން، އީސީގެ އެފަދަ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލައި ޤާނޫނުގެ އިމުގެތެރެއަށް ރުޖޫޢުވުމަށް އެ ޕާޓީން ގޮވާލައިފައިވެއެވެ. އަދި ތަފާތުކުރުންތައް ހުއްޓާލައި، ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަން މުއައްސަސާއެއްގެ ގޮތަށް މަސައްކަތްކުރުމަށާއި، އީސީގެ ކަންތައް އިޞްލާޙްކުރެއްވުމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤަށްވެސް އެމް.އާރް.އެމްއިން ގޮވާލައިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!