ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމްގެ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީން އިދިކޮޅު ޕީޕީއެމް ޕީއެންސީއާއިއެކު ރިޔާސީ އިންތިހާބާއި ގުޅޭ މަޝްވަރާތައް ފަށައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވަނީ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާއިއެކުވެސް އިންތިހާބުގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
ދަ ޑިމޮކްރެޓްސް އަދި އެމްއެންޕީއާއިއެކުވެސް އިދިކޮޅުން މަޝްވަރާ ކުރަމުން ގެންދަނީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުންނެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަދަލު ކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުންވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.
އެމްއެންޕީއާއި އެކު ބޭއްވި ބައްދަލުވުމުގައި އިދިކޮޅުގެ ފަރާތުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްއެންޕީގެ ފަރާތުން ބައިވެރިވީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމުގައިވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެވެ.
ރިޔާސީ އިންތިހާބާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް ހުރިހާ ޕާޓީތަކުންވެސް ވަކިވަކި ކެނޑިޑޭޓުން ނެރޭނެ އެވެ. އެގޮތުން އިދިކޮޅުން ރައީސް އަބްދުﷲ ޔާމީން ނިކުންނައިރު އެމްއެންޕީން މުހައްމަދު ނާޒިމް ނިކުންނަވާނެ އެވެ. ޑިމޮކްރެޓްސްގެ ޓިކެޓު އަދި ވަކި ބޭފުޅަކަށް އަރުވާފައި ނުވާއިރު ބެލެވޭ ގޮތުގައި ކެނޑިޑޭޓަކަށް ވެވަޑައިގަންނަވާނީ ރައީސް ނަޝީދެވެ.
ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާހެން ބައެއް ބޭފުޅުން ގެންދަވަނީ ހުރިހާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ހުށަހަޅުއްވަމުންނެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭގޮތުގައި މިހާތަނަށް އެއްބަސްވެފައިވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަކިވަކި ކެނޑިޑޭޓުން ނިކުންނާށެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ރައީސް ޞާލިހާއި ވާދަކުރައްވާ ކެނޑިޑޭޓަކަށް ހުރިހާ ޕާޓީތަކުން ތާއީދު ކުރަން އެއްބަސްވެފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.