ޚަބަރު ސިޔާސީ

ދުލައް އައިހާ ވައުދެއް ވުމަކީ ޑިކްޓޭޓަރުންގެ އުކުޅެއް: ސައީދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އިންތިހާބުތަކާއި ދިމާކޮށް ދުލަށް އައިހާ ވައުދެއް ވަމުން ދިޔުމަކީ އަނިޔާވެރި ޑިކްޓޭޓަރުން ގެންގުޅޭ އުކުޅެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ ކެމްޕެއިންގައި އަތޮޅު ތެރެއަށް ވަޑައިގެން ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އިއްޔެއާއި މިއަދު ރައީސް ޞާލިހު ވަނީ ށ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ބިން ހިއްކުމާއި، އެއާޕޯޓު އެޅުމުގެ އިތުރުން ފްލެޓު ދޭނެކަމުގެ ވައުދު ވެވަޑައިގެންފަ އެވެ.

ސައީދު ވިދާޅުވީ އިންތިހާބާއި ދިމާކޮށް ފިކުރެއްހިޔާލެއްނެތި ދުލައްއައިހާ ވަޢުދެއްވަމުން ދިއުމަކީ އަނިޔާވެރި ޑިކްޓޭޓަރުންގެ ގެންގުޅޭ އުކުޅެއް ކަމަށެވެ. އަދި ބަޖެޓުނުކޮށް މަޝްރޫއުތައް އިއުލާނުކުރުމާއި ބަޖެޓަށްބަލާލުމެއް ނެތި ރާއްޖެ ސަލާމަތް ނުވާވަރަށް ރައީސް ޞާލިހު ގައުމު ދަރުވާލާފައިވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

"... ބަޖެޓަށާއި ޚަރަދަށްޒިއްމާނުވާގޮތަށް އަމިއްލައަށް ޤާނޫނުބަދަލުކޮށް އިންތިހާބަށް ވާދަކުރުމުން އިބްރާހީމް މ ޞާލިހުގެ އޮޅުވާލުމާއި އަނިޔާވެރި ވިސްނުންމިދަނީ އިތުރަށް ބޭޒާރުވަމުން" ސައީދު ވިދާޅުވި އެވެ.

ށ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން އެރަށާއި މަތި ކޮމަންޑޫ ގުޅައިލުމުގެ ވައުދު މިމަސް ނިމުމުގެ ކުރިން ފުއްދަވާނެކަމަށް ވިދާޅުވި އެވެ. އަދި އެރަށުގެ ރައްޔިތުން އެދުނު ގޮތަށް ކައިރީގައި އޮތް ކުޑަފަރުގައި އެއާޕޯޓެއް އެޅުމަށްވެސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ކޮމަންޑޫ ބިން ހިއްކައި މަތިކޮމަންޑޫއާއި ގުލައިލުމަށް ރައީސް ވައުދުވެވަޑައިގެންނެވީ މިދިޔަ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރުމަށް ކުރަމުންދިޔަ ކެމްޕެއިންގެ ތެރެއިންނެވެ. އެމަސައްކަތް ފަށާނެކަމަށް އެމްޓީސީސީން ދާދި ފަހުން ބުނެފައިވަނީ މިމަހުގެ ތެރޭގަ އެވެ. އެކުންފުނިން ބުނީ މަސައްކަތް ނިންމައިލެވޭނީ އަންނަ މަހު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!