ބޮލީވުޑް މުނިފޫހިފިލުވުން

ޓޮމާޓޯ އަގުބޮޑުވެގެން ސުނިލްގެ ޝަކުވާ: އަހަރުމެންނަށްވެސް އަސަރު ކުރޭ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިންޑިއާގައި ޓޮމާޓޯގެ އަގު އިންތިހާއަށް އުފުލި ސުނިލް ޝެޓީ ކަންބޮޑުވުން ފާޅުކޮށްފި

އިންޑިއާގައި ރެކޯޑު މިންވަރަކަށް ޓޮމާޓޯގެ އަގު ވަނީ އުފުލިފަ އެވެ. ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެއް އަގު މައްޗަށް ގޮސްދާނެ ކަމަށްވެސް އޮތީ ބެލެވިފަ އެވެ. އިންޑިއާގައި އާންމުކޮށް ޓޮމާޓޯ ހައްދާ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ދަނޑުތަކުގައި ފެން ބޮޑުވަމުން ދިޔުމުގެ ސަބަބުން ޓޮމާޓޯ ހެއްދޭ ގޮތް ވަނީ ނުވެފަ އެވެ. އެއާއެކު ކުރިން ޓޮމާޓޯ ހުރި އަގާއި އަޅާ ބަލާއިރު މިހާރު އަގު ވަނީ 400 އިންސައްތަ މައްޗަށް ގޮސްފަ އެވެ.

Ads by STELCO

މިކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު މަޝްހޫރު އެކްޓަރު ސުނިލް ޝެއްޓީ ވަނީ މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

"ބައެއް މީހުން ހީކޮށްފާނެ މީގެ ސަބަބުން އަހަރުމެން އެކްޓަރުންނަށް އެއްވެސް އަސަރެއް ނުކުރާނެއޭ. އެކަމަކު އަހަރުމެންނަށްވެސް އަސަރު އެބަ ކުރޭ" ސުނިލް ބުންޏެވެ.

އޭނާ ބުނީ އެގޭގައި ޓޮމާޓޯއަކީ ކޮންމެ ދުވަހަކުހެން ބޭނުންކުރާ މޭވާއެއް ކަމަށެވެ. އެހެންނަމަވެސް އޭނާގެ އަންހެނުން ގެއަށް ގެންނަނީ ދެތިން ދުވަހަށް ބޭނުންވާ ވަރަށް ޓޮމާޓޯ ގަނެގެންކަމުން އެތަކެތި ރައްކާކޮށްފައެއް ނުހުރެ އެވެ. ސުނިލް ބުނީ ގިނައިން ޓޮމާޓޯ ގަނެފައި ނުބަހައްޓަނީ ތާޒާކޮށް ޓޮމާޓޯ ކެއުމަށެވެ. މިހާރު ބާޒާރުން ޓޮމާޓޯ ހޯދަން އުނދަގޫވެ އަގު މައްޗަށް ގޮސްފައިވާތީ އެކަންވެސް ސުނިލް ފާހަގަކުރި އެވެ.

ސުނިލް އަކީ އެކްޓަރެއްގެ އިތުރުން އިންޑިއާގައި ބައެއް ހޮޓެލްތައްވެސް ހިންގާ ވިޔަފާރިވެރި އެކެވެ. އޭނާ ބުނީ ޓޮމާޓޯ ލިބުމުގައި ދަތިތަކެއް ދިމާވުމުން އޭގެ އަސަރު އެއްގޮތަށްވުރެއް ގިނަ ގޮތްގޮތުން ކުރާ ކަމަށެވެ. އެގޮތުން ރެސްޓޯރެންޓުތަކުގައި ތައްޔާރުކޮށް ވިއްކާ ކާ އެއްޗެހީގެ އަގުވެސް ދެން އުފުލޭނެކަމަށް ސުނިލް ބުންޏެވެ.

ޓޮމާޓޯ ލިބުން ދަތިވެ އޭގެން ތައްޔާރު ކުރާ ބާގާ، ޕައު ބާޖީ، ޗާޓްސް ފަދަ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލޭނެކަމަށް ސުނިލް ބުންޏެވެ. އޭނާ ބުނީ މިހާރު އޭނާގެ ރެސްޓޯރެންޓުތަކުގައި ތައްޔާރުކުރާ ބައެއް ކެއުންތަކަށް ޓޮމާޓޯ އެޅުން ހުއްޓައިލަންވެސް އަންގާފައިވާ ކަމަށެވެ. އެއީ އެތަކެތީގެ އަގު ބޮޑުވެ ގަންނާނެ މީހަކު ނުވާތީ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!