ކުއްލި މައްސަލަ ހުށަނޭޅޭނެ ކަމަށް ނިންމުމުން ޖާބިރު ރުޅިގަދަވެއްޖެ

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރ އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅަން ނިންމި ކުއްލި މައްސަލަ ހުށަނޭޅޭނެ ކަމަށް ރިޔާސަތުން ނިންމުމުން ޖާބިރު ރުޅި ގަދަ ވެއްޖެއެވެ.
ޖާބިރުގެ އިތުރުން މިއަދު މަޖިލުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.
ޖާބިރުގެ ކުއްލި މައްސަލައާ ގުޅިގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ކުއްލި މައްސަލައިގައި ނިންމުންތަކެއް ނިންމުމަށް މަޖިލީހުގެ ގަވާއިދު ތަން ނުދޭ ކަމަށެވެ. ނަމަވެސް ޖާބިރުގެ މައްސަލައިގައި އޮތީ އެމްއެމްއޭގެ ގަވަރުނަރު ވަގުތަށް މަގާމުން ވަކިކުރަން ގޮވާލާފައި ކަމަށް އާޒިމް ވިދާޅުވިއެވެ.
"އެ އޮތީ ނިންމުމެއް ނިންމަން. ނިންމުންތަކެއް ނިންމަން ހުށަނޭޅޭނެ ކަމަށް ގަވާއިދުގައި ކަނޑައެޅިގެން ކުއްލި މައްސަލައަކާ ގުޅޭގޮތުން އޮއްވާ މި މައްސަލަ މަޖިލީހަށް ހުށަހެޅޭނެ ކަމަކަށް ގަބޫލެއް ނުކުރަން" އާޒިމް ވިދާޅުވިއެވެ.
އެއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެކަމާ ގުޅޭގޮތުން ކައުންސެލަރ ޖެނެރަލާއި މަޝްވަރާ ކުރެއްވުމަށް ފަހު ޖާބިރުގެ މައްސަލަ ހުށަނޭޅޭނެ ކަމަށް ނިންމަވާފައެވެ.
އެކަމާ ގުޅިގެން ޖާބިރު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް މަޖިލީހުގައި އަޑުގަދަ ކޮށްފައެވެ. އަދި އެ މައްސަލަ ބަދަލުކުރަން ފުރުސަތު ދިނުމަށް ތަކުރާރުކޮށް ރިޔާސަތުގައި ދަންނަވާފައެވެ. ނަމަވެސް އެ ފުރުސަތު ރިޔާސަތުން ނުދީ މަޑުއްވަރީ ދާއިރާގެ މެމްބަރަށް ވަނީ ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ދީފައެވެ.