ރިޕޯޓް ސިޔާސީ

ޔާމީން ނޫން ކެނޑިޑޭޓެއް ދައްކަން އިދިކޮޅަށް މަޖުބޫރު ވަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރިޔާސީ އިންތިހާބަށް ދޮޅު މަހެއްހާ ދުވަހަށް ވެފައިވާއިރު ވާދަކުރާނެ ކެނޑިޑޭޓުންގެ ނަންތައް މިއަންނަނީ ތަރުތީބު ވަމުންނެވެ. އެންމެ ވާދަވެރިވާނެކަމަށް ބެލެވޭ "ވަރުގަދަ" ހަތަރު ނަމެއް މިފަހަރުގެ ކަރުދާސްކޮޅުގައި އޮންނާނެ އެވެ. އޭގެ ތެރެއިން އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ޖޭޕީގެ ކެނޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިން މިވަނީ މެކުހަށް ޖަހައިފަ އެވެ. އެހެންނަމަވެސް އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ ކެނޑިޑޭޓެއް އަދި އޮތީ ކަށަވަރު ނުވެ އެވެ. ޑިމޮކްރެޓްސްއިން ދަނީ ކެނޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން ޕީޕީއެމްގެ ޓިކެޓު އަރުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމާއިއެކު އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ވަނީ ގެއްލިފަ އެވެ.

Ads by STELCO

އިހައްދުވަހަކާއި ޖެހެންދެން ޕީޕީއެމްގެ ލީޑަޝިޕުން ދިޔައީ ރައްޔިތުންނަށް ވަރަށް ބޮޑު ޔަގީންކަމެއް ދެމުންނެވެ. ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެކަމުގެ ޔަގީންކަމެވެ. އަދި ރައީސް ޔާމީނާއި ނުލައި އިންތިހާބު ކުރިއަށް ނުގެންދާނެކަމުގެވެސް ޔަގީންކަމެވެ. އެހެންނަމަވެސް އިއްޔެ ފުރަތަމަ ފަހަރަށް އިދިކޮޅުން ވަނީ އިންތިހާބު ފަސްކުރަން ގޮވާލައިފަ އެވެ. އެއީ މިހާރު ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލަ ނިމިގެން ނޫނީ އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެތީކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓު އެރުވިތާ މަހެއް ވެސް ނުވަނީސް އެމަނިކުފާނުގެ ޝަރުތު ވަނީ ގެއްލިފަ އެވެ. އެއީ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އައުމުންނެވެ. އެއާއިއެކު މިދިޔަ މުއްދަތުގެ ތެރޭގައި ޕީޕީއެމްގެ އެތެރޭގައިވެސް ނުތަނަވަސްކަން އުފެދިގެން ގޮސްފައިވެ އެވެ. ރައީސް ޔާމީން ނޫން ކެނޑިޑޭޓެއް ޕީޕީއެމްއިން ނެރެންޖެހޭކަމަށް ދެކޭ ބަޔަކުވެސް ޕީޕީއެމްގެ ތެރޭގައި ތިބިކަމުގެ އަޑުތަކެއް ފެތުރުނެވެ. މިކަމަށް އިދިކޮޅު ލީޑަޝިޕުން އިންކާރު ކުރިނަމަވެސް ރައީސް ޔާމީނަށް ނުނިކުމެވޭފަދަ ހާލަތެއްގައި "ޕްލޭން ބީ" އެއް ތައްޔާރުގައި ބާއްވަން ބޭނުންވާ ބޭފުޅުން ލީޑަޝިޕްގައިވެސް ތިއްބެވިކަމަށް ވަނީ އެނގިފަ އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުގައި ފަށައިގެން ކުރިއަށް ދިޔައިރު އެމަނިކުފާނު މިނިވަންވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އިދިކޮޅަށް އޮތެވެ. އިންތިހާބަށް ވަގުތު އޮއްވައި ހައި ކޯޓުން ހުކުމް ކުރާނެކަމަށް ވަކީލުންވެސް ދިޔައީ ވިދާޅުވަމުންނެވެ. އެހެންނަމަވެސް ހައި ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރު ޗުއްޓީއަށް ވަޑައިގެންނެވުމުން އިސްތިއުނާފު މައްސަލަ އަވަހަށް ނިމޭނެކަމަކަށް މިހާރު ނުބެލެވެ އެވެ. މިމައްސަލައިގައި އިދިކޮޅުން ހައި ކޯޓާއިއެކު މަޝްވަރާވެސް ކުރިއެވެ. ބެލެވޭ ގޮތުގައި އިއްޔެ އިންތިހާބު ފަސްކުރަން އިދިކޮޅުން ގޮވައިލީ މަޝްވަރާތަކުގައި އުއްމީދެއް ނުލިބުމުންނެވެ.

ރައީސް ޞާލިހާއިއެކު އެމްޑީޕީގެ ރިޔާސީ ކެމްޕެއިން އޮތީ މެކުހަށް ޖަހައިފަ އެވެ. ގާސިމް އިބްރާހިމްގެ ކެމްޕެއިންވެސް ކުރިއަށް އެބަ ދެއެވެ. ޑިމޮކްރެޓްސްއިން ނިކުންނާނެކަމަށް ބެލެވޭ ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ. އެއާއިއެކުވެސް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އެމްޑީޕީއަށް ވުމާއި، ޕީޕީއެމްއަކީ ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ވުމުން އެންމެ ބޮޑު ވާދަވެރިކަމެއް އޮންނާނީ ރައީސް ޞާލިހާއި ޕީޕީއެމް ކެނޑިޑޭޓާއި ދެމެދުކަމަށް ބެލެވެ އެވެ.

ކެމްޕެއިނަކީ އިންތިހާބަކާއި ކުރިމަތިލާއިރު ވަރަށް މުހިންމު ކަމެކެވެ. އެރައީސެއްގެ ސިޔާސަތުތަކާއި މެނިފެސްޓޯގައި ހިމަނާނެ ވައުދުތައް ރައްޔިތުންނަށް ސީދާ ކެނޑިޑޭޓު ކިޔައިދިނުން ވަރަށް މުހިންމެވެ. ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ރައްޔިތުންނަށް މިކަންކަން ވަރަށް މުހިންމުވެ އެވެ. ވޯޓު ލާނެ ކެނޑިޑޭޓަކު ނިންމާއިރު އެންމެ ރަނގަޅު ސިޔާސަތުތަކަކަށް ބައެއް ރައްޔިތުން ބަލާނެ އެވެ. އެހެންކަމުން ކެމްޕެއިނެއް ރަނގަޅަށް ކުރިއަށް ގެންދިޔުމަކީ އިންތިހާބެއްގެ ކުރިން ތާއީދު ހޯދަން ވަރަށް މުހިންމު ކަމެކެވެ.

އިދިކޮޅުން ބުނާ ގޮތުގައި ޕްލޭން އޭ އަކީ އަދި ބީ އަކީވެސް ރައީސް ޔާމީނެވެ. އެހެންމަވެސް މިހާރު އެގޮތަށް ފަރު ޖެއްސެން އޮތްހެނެއް ހިއެއް ނުވެ އެވެ. ޕްލޭން ބީއެއްވިޔަސް ނުވަތަ ސީއެއްވެސް ވިޔަސް އެހެން ކެނޑިޑޭޓަކު އިންތިހާބަށް ތައްޔާރު ކުރަންޖެހޭ ވަގުތު އައިސް ޖެހިއްޖެ އެވެ.

ދެން އޮތީ އެހެން ކެނޑިޑޭޓެއްގެ ވާހަކަ އެވެ. ސިޔާސީ ތަޖުރިބާކާރުންގެ ވިސްނުމުގައި ރައީސް ޔާމީން ނޫނަސް އިދިކޮޅުގައި ހަރުދަނާ ލީޑަރުން އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ނަން އަންނަނީ އެންމެ ކުރިއަށެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނުގެ ނަންވެސް ސިޔާސީ ބޭފުޅުން ފާހަގަކުރައްވަ އެވެ. ރައީސް ޔާމީނަށް އެންމެ އިހްލާސްތެރި ބޭފުޅެއްކަމަށް ގިނަ ބަޔަކު ފާހަގަކުރާ އަބްދުއްރަހީމް އަބްދުﷲ އަކީވެސް ޗޮއިސް އެކެވެ.

އިދިކޮޅު ލީޑަޝިޕުން މިހާރު މަޑުކޮށްގެން ތިބީ ރައީސް ޔާމީން އަންގަވާ ގޮތަކަށްކަމަށް ބެލެވެ އެވެ. އާންމު މެމްބަރުން ރިޔާސީ ކެނޑިޑޭޓުކަން ވަކި ބޭފުޅަކަށް އެރުވުމަށްފަހު އެބޭފުޅާއަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވެއްޖެނަމަ އެ ކެނޑިޑޭޓު ބޭނުންފުޅުވާ ފަރާތަކަށް ރިޔާސީ ޓިކެޓު ދެއްވުމަކީ މީގެ ކުރިންވެސް ރާއްޖޭގައި ކޮށްފައިވާ ކަމެކެވެ. 2018 ވަނަ އަހަރު އެމްޑީޕީން ރައީސް ނަޝީދަށް ރިޔާސީ ޓިކެޓު އެރުވި ނަމަވެސް އެމަނިކުފާނަށް ވާދަ ނުކުރެއްވޭތީ އެމަނިކުފާނު ކެނޑިޑޭންސީ ދެއްވީ ރައީސް ޞާލިހަށެވެ. އެހެންކަމުން ޕީޕީއެމްގެ ޓިކެޓަށްވެސް މިފަހަރު ވާނީ މިކަހަލަ ގޮތެއްކަމަށް ބެލެވެ އެވެ.

ދެން އޮތީ އެހެން ސުވާލެކެވެ. ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނަމަ އިދިކޮޅަށް ވޯޓުތަކެއް ގެއްލިދާނެ ހެއްޔެވެ؟ މިހެން ވުން ވަރަށް ގާތެވެ. ޕީޕީއެމްގެ މެމްބަރުން ނުވަތަ ސަޕޯޓަރުން ރައީސް ޔާމީން ދައްކަވާ ކެނޑިޑޭޓަކަށް ވޯޓު ލައިފާނެ އެވެ. އެހެންނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ރައްޔިތުންގެ ތެރޭގައި ރައީސް ޔާމީން ވެރިކަން ކުރެއްވި ގޮތް ކަމުގޮސްގެން ނުވަތަ އެމަނިކުފާނު ގެންނެވި ތަރައްގީ ކަމުގޮސްގެން ސީދާ އެމަނިކުފާނު ހޮވަން ބޭނުންވާނެ ރައްޔިތުންތަކެއް ތިބޭނެ އެވެ. މިއީ ވަރަށް ބޮޑު އާބާދީ އެކެވެ. ހާއްސަކޮށް އުމްރާނީ ތަރައްގީގެ ގޮތުން ރައީސް ޔާމީން ގެންނެވި ހަލުވި ތަރައްގީ އަލުން ބޭނުންވާ ރައްޔިތުންތަކެއް ތިބޭނެ އެވެ. ރައީސް ޔާމީން ނޫން ކެނޑިޑޭޓެއް އިދިކޮޅުން ނިކުންނަވާނަމަ މި ރައްޔިތުންގެ ވޯޓު ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ އިންތިހާބަކީ ޕީޕީއެމްއަށް ފަސޭހަ އިންތިހާބަކަށް ނުވާނެކަން ވަރަށް ސާފެވެ. އަނެއްކޮޅުން ރައީސް ޞާލިހަށްވެސް މިއީ ފަސޭހަ އިންތިހާބަކަށް ނުވާނެ އެވެ. އެއީ އެމްޑީޕީގެ ޖުމްލަ ތާއީދު އެމަނިކުފާނަށް ގެއްލިފައިވާތީ އެވެ. ރައީސް ނަޝީދު އާ ޕާޓީއެއް އުފެއްދެވުމުން އެއީ ރައީސް ޞާލިހަށް ގެއްލޭ ގިނަ އަދަދެއްގެ ވޯޓެވެ. މިފަހަރުގެ އިންތިހާބަކީ ވަރަށް "ހެޕެނިންގް" އިންތިހާބަކަށް ވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!