ޚަބަރު ސިޔާސީ

ވ. ފޮއްތެޔޮ ފަޅު ގަތީ މަނީލޯންޑަރ ކުރާ މާފިޔާ ބައެއް: ޝިޔާމް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ވ. ފޮއްތެޔޮ ފަޅު ގަތީ މަނީލޯންޑަރ ކުރާ މާފިޔާ ބަޔަކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.

Ads by Hajj Corporation

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވ. އަތޮޅު ރައްޔިތުންނާއި މަޝްވަރާކުރުމެއްނެތި، 50 ކިލޯމީޓަރުގެ ދިގު ފަޅު ވިއްކާލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

އަދި އެ ފަޅު ވިއްކާލީ ރިޝްވަތުގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ރައީސް ޞާލިޙުގެ ކެމްޕެއިނަށާއި އެމަނިކުފާނުގެ ކައިރީގައި އުޅޭ 3 މީހަކަށް ލިބޭގޮތަށް ކަމަށެވެ.

ވ. ފޮއްތެޔޮ ފަޅު ވިއްކާލުމަށް ނިންމާފައިވާކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މިއަދު ނޫސްބަޔާނެއްވެސް ނެރެފައިވާއިރު، ރައީސް ޞާލިޙްގެ ކެމްޕޭނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އަދި ރާއްޖޭގެ އެންމެ ބޮޑު ފަޅުކަމުގައިވާ ވ. ފޮއްތެޔޮ ބޮޑު ޖަރީމާއެއްގެ ތެރެއިން ޤާނޫނާ ޚިލާފަށް ނުއަގުގައި ސަރުކާރުން ވިއްކާލަން ނިންމާފައިވާކަން އެ ކޯލިޝަނަށް އެނގިފައިވާކަމަށާއި އެފަދަ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލެވޭނެކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ވަކި ބަޔަކަށް މަންފާވާނެގޮތަކަށް ރާއްޖޭގެ އަގުހުރި ދިވެހިންގެ މުދާ ނުއަގުގައި ވިއްކައި ހުސްކުރުމަކީ ދިވެހި ރައްޔިތުންވެސް އަދި އެ ކޯލިޝަނުންވެސް ބަލައިގަންނާނެކަމެއް ނޫންކަމަށާއި، ކޮރަޕްޝަނުގެ މި ބޮޑު ޢަމަލު ހަމަ މިހާރުން މިހާރަށް ހުއްޓާލުމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.

ފޮއްތެޔޮ ފަޅު ވިއްކައިލުމަށް ނިންމައިފިކަމިގެ އަޑުތައް ފެތުރެން ފެށުމާއެކު، އިދިކޮޅުން ދަނީ "ސޭވްވާވު" ގެ ނަމުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!