އިޖްތިމާޢީ އަދާލަތު ޤާއިމު ކޮށްދިނުމުގައި އެހީތެރިވެދޭ ރީތި ސިފަތައް އަލުން ހަރުލެއްވުމަށް އަޒުމް ކަނޑައަޅުއްވާ- ރައީސް ޞާލިޙް
ހިޖުރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، ދަތި އުނދަގޫ ހާލަތްތަކުގައި ޢާއިލާގެ މެންބަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ އެއް ބަޔަކު އަނެއް ބަޔަކަށް އަޅާލައި އޯގާތެރިވެ އުޅުމާއި، ކުޑަކުދިންނަށް ކަމޭހިތުމާއި، އަންހެނުންނަށް އޯގާތެރިވުމާއި، މުސްކުޅިންނަށް އެހީތެރިވުން ފަދަ އިޖްތިމާޢީ ޢަދާލަތު ޤާއިމުކޮށްދޭ ރީތި ސިފަތައް ދިވެހިންގެ ކިބައިގައި އަލުން ހަރުލެއްވުމަށް ޢަޒުމް ކަނޑައެޅުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ހިޖްރައިން 1442 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެެ.
ރައީސް ޞާލިޙުގެ ޚިޠާބުގައި އެ މަނިކުފާނު ވަނީ، ހިޖުރީ ސަނަތުން އައު އަހަރަކާއި ބައްދަލުވިއިރު އަޅުގަނޑުމެންނަށް މިއަދު މެދުވެރިވެފައި މިވަނީ، ހިޖްރައިގެ މަތިވެރި ޙާދިޘާއިން ލިބިދޭ ޢިބުރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހާލަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ހިޖުރައިން ލިބިދޭ އެންމެ މަތިވެރި ޢިބުރަތަކީ، މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ކަމަށް ވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.
މީގެއިތުރުން އެ މަނިކުފާނު ވަނީ އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުން ނަމަ އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުން މުހިންމުކަމަށާއި، ކުރިއެރުމާއި ތަރައްޤީއަށް އެދޭ ނަމަ އެންމެހައި ރައްޔިތުން އެއް ޢަޒުމެއްގައި އެއް އަމާޒަކަށް ގަދައަޅައި މަސައްކަތްކުރުމުގެ ބޭނުންތެރިކަން ވެސް ހާމަކުރައްވާފައެވެ.
ރައީސް ޞާލިޙުގެ ޚިޠާބުގައި، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ވެސް އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ގިނަ ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި މި ހުރަސްތައް ގިރާކޮށް، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށާއި، އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިޤްތިޞާދަށް ދިރުން ލިބެން ފަށާނީ ވިޔަފާރިއާއި އިޤްތިޞާދީ އެންމެހައި ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.