ނިވާކަން ކުޑަ ހެދުން ލާތީ ނަސޭހަތް ދިން މީހަކަށް އުރުފީ ބަވާލައިފި
އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ އުރުފީ ޖާވިދު އެއާޕޯޓުގައި ހުއްޓައި އުމުރުން ދޮށި މީހަކު ނަސޭހަތް ދިނުމުން އޭނާއަށް "ބަވާލައިފި" އެވެ.
އުރުފީ އަކީ އޭނާ ލާ ނިވާކަން ކުޑަ ހެދުންތަކުގެ ސަބަބުން މަޝްހޫރު ފަންނާނެކެވެ. ލަދު ގުނަވަންތައް އާންމުނަށް ސިފަ ވާާނެހެން އޭނާ ލާ ބައެއް ހެދުންތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެ އެވެ. އެހެންނަމަވެސް އުރުފީ ބުނާ ގޮތުގައި އެމީހުން ހެދުން އަޅާނީ އެމީހެއްގެ ހަށިގަނޑަށް އެންމެ އެކަށޭނަ ގޮތަކަށެވެ.
އިއްޔެ އެއާޕޯޓަށް އުރުފީ ދިޔައީ އުނަގަނޑާއި ހަމައަށް ބުރަކަށި ފެންނަ ފެހި ކުލައިގެ ހެދުމެއް ލައިގެންނެވެ. އޭނާ ހިނގާފައި ދަނިކޮށް އުމުރުން ދޮށީ ފިރިހެނަކު އައިސް ސަލާން ކޮށްލާފައި "މިއީ އިންޑިއާ" ކަމަށާއި މިތަނުގައި އެކަހަލަ ހެދުން ލުން އެހާ ރަނގަޅު ނޫންކަމަށް ބުނެ އެވެ. އަދި އުރުފީ ހެދުން އަޅާ ގޮތުން މުޅި ގައުމަށް ލަދުވެތިކަން ރައްދުވާ ކަމަށްވެސް އެމީހާ ބުނެ އެވެ.
ޖަވާބުގައި އުރުފީ ބުނަނީ އޭނާ އެގޮތަށް އެދުން އަޅާތީ އެ ފިރިހެން މީހާގެ ބައްޕަގެ އެއްވެސް ކަމެއް އުނިވޭތޯ ކަމަށެވެ. އަދި އެކަހަލަ ފާޑުކިޔުން ހުއްޓާލަން އުރުފީ ބުނެ އެވެ. ދެން އެ ފިރިހެން މީހާ ބުނަނީ އޭނާގެ ބައްޕަގެ އެއްވެސް ކަމެއް އުނި ނުވިއެއް ކަމަކު އުރުފީ ހެދުން އަޅާ ގޮތުން އެންމެން ލަދުގަންނަ ކަމަށެވެ. އެމީހާ އެތަނުން ފޮނުވައިލީ އުރުފީގެ މެނޭޖަރު އައިހެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވުމާއިއެކު ގިނަ ބަޔަކަށް އުރުފީގެ ބަހުރުވަ ކަމަކު ނުދިޔަ އެވެ. އަދި ރީތިކޮށް ނަސޭހަތްތެރިވި ފިރިހެން މީހާއަކީ އުރުފީގެ ބައްޕަ އުމުރުގެ މީހެއް ކަމުން އެމީހާއާއި ރީތިކޮށް ވާހަކަ ދައްކަން ޖެހޭނެކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އުރުފީ މަޝްހޫރުކަން ހޯދީ ބިގްބޮސް ރިއަލިޓީ ޝޯއިންނެވެ. އޭގެ ފަހުން ބައެއް ހިންދީ ޑްރާމާތަކުން އޭނާ ފެނުނެވެ. އެހެންނަމަވެސް ބެލުންތެރިންގެ މާ ބޮޑު ސަޕޯޓެއް އޭނާއަކަށް ނުލިބެ އެވެ.
ފަހުން އުރުފީ މީޑިއާގައި މަޝްހޫރުކަން ހޯދީ ނިވާކަން ކުޑަ ހެދުން ލައިގެންނެވެ. މީގެ ސަބަބުން ބޮލީވުޑް ބޮޑެތި އިވެންޓުތަކަށް އުރުފީއަށް ދައުވަތު ދިނުން ހުއްޓައިލި އެވެ. އަދި މެއިންސްޓްރީމް މީޑިއާތަކުންވެސް އޭނާ ދެއްކުން ހުއްޓައިލި އެވެ.